އެއާޕޯޓާ އެކު ފުވައްމުލައް ވެސް ބަންދުވެފައި

ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ލޮރީއަށް މައްސަލައެއް ދިމާވެ، އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެ ރަށާ އެންމެ ކައިރިން އެއާޕޯޓެއް އޮންނަ އައްޑުއާ ދެމެދު ދަތުރު ކުރާ އާރުޓީއެލް ފެރީގެ ހިދުމަތް ވެސް ޓެކްނިކަލް މައްސަލައަކާ ހުރެ މެދުކަނޑާލާފައިވާތީ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާތީ ފުވައްމުލަކުގެ ޝެޑިއުލް ދަތުރުތަކަށް ބުރޫއަރާފައިވާ ކަމަށް މޯލްޑިވިއަނުން މިއަދު ބުންޏެވެ.
ތަފްސީލް - ފްލައިޓުތަކަށް ބުރޫއެރުމުގެ ސަބަބުން ފުވައްމުލަކާއި މާލެއާ ދެެމެދު ދަތުރު ކުރަން ތިބި ފަތުރުވެރިންނަށާއި އާންމުންނަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ފުވައްމުލަކަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ. އެއާޕޯޓު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ރަށުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން މާލެ އަންނަން ވެފައި ތިބި މީހުން ވެސް ތިބީ 'ތާށި' ވެފަ އެވެ.
އެއާޕޯޓު ބަންދުކޮށްފައި އޮތުމުގެ އިތުރުން އެ ރަށާ އެންމެ ކައިރިން އޮންނަ އައްޑުއާ ދެެމެދު ދަތުރުކުރާ އާރުޓީއެލް ފެރީގެ ހިދުމަތް ވެސް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މެދުކަނޑާލައިފަ އެވެ. ދަތުރު ކުރަން ތިބި ފަސިންޖަރުންނަށް އެހެން ގޮތެއް ހޯދައިނުދެވި އޮންނާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފްލައިޓުތައް ކެންސަލްވެ، ދަތުރު ކުރެވޭނެ ގޮތެއް ނެތުމުން ފުރަން ތިބި މީހުންނަށް ވެސް އަދި މާލޭ ކޮޅުން ރަށަށް ދާން ތިބި މީހުންނަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
"އިންޓަނޭޝަނަލް ފްލައިޓުތަކަށް ނުދެވުމުގެ ފުރުސަތު ވެސް އެބައޮތް ފަތުރުވެރިންނަށް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުވައްމުލަކާއި އައްޑުއާ ދެމެދު ކުރާ އާރުޓީއެލް ދަތުރުތަކުގެ ތެރެއިން އެމްޓީސީސީން އާންމުކޮށްފައިވާ މިއަދުގެ ޝެޑިއުލުން ފެންނަން އޮތީ އެންމެ ދަތުރެކެވެ. ބައެއް ދަތުރުތައް ކެންސަލްވީ ސަބަބު ސާފުކުރުމަށް ސުވާލު ކުރި ނަމަވެސް އެމްޓީސީސީގެ ބަހެއް އަދި ނުލިބެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދަތުރުތަކުގެ ޝެޑިއުލް ފެންނަ ފްލައިޓް އިންފޮމޭޝަން ވެބްސައިޓުން ދައްކާ ގޮތުން، މާާލެއިން ފުވައްމުލަކަށް މިއަދު 3:35ގައި ދަތުރެއް އެބައޮތެވެ. އެ ފްލައިޓު މާލެ އަންނަން ޝެޑިއުލް ކޮށްފައިވަނީ އިރުއޮއްސި 6:55 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ