2026ގެ ބޮޑު ދަރަނި ދައްކަން ސުކޫކް ވިއްކުން އަވަސްކޮށް، ޚަރަދުތައް ތަރުތީބުކުރަން އެމްއެމްއޭގެ ލަފައެއް

ރާއްޖޭން އަންނަ އަހަރު ރެކޯޑު އަދަދެއްގެ ދަރަންޏެއް ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ހޯދަން ބޮންޑު ނުވަތަ ސުކޫކް ވިއްކުން އަވަސްކޮށް، ސަރުކާރުގެ ޚަރަދުތައް އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބުން ކުރުމަށް މަރުކަޒީ ބޭންކުން މިއަދު ލަފާދީފިއެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އެއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އެ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަން ޖެހޭ 600 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ. އެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މިއަދު ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިސްވެރިން ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ ވަނީ، 600 މިލިއަން ޑޮލަރު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ދެއްކުމަށް އައު ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމުގެ މަސައްކަތް ކުރުން އަވަސް ކުރުމަށް ލަފާ އަރުއްވާފައެވެ. އެގޮތުން، އެ ދަރަނި އަނބުރާ ދައްކަން ރާވަފައިވާ ޕްލޭނާ އެއްގޮތަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ފައިސާ ހުންނާނެކަން ކަށަވަރުކުރުމަށް މިހާރު ވެސް އަމަލުކުރާ ގޮތަށް، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ލިބޭ ޑޮލަރު އެއްކޮށް އެ ފަންޑަށް ޖަމާކުރުމަށް އޭނާ ވަނީ ލަފާ ދެއްވާފައެވެ. އޭނާ ވަނީ، ބަޖެޓު ފައިނޭންސް ކުރުމުގައި އެސްޑީއެފްގެ ފައިސާ ބޭނުންނުކުރުމަށާއި އެކްސްޓާނަލް ފައިނޭންސިން ނުލިބިއްޖެނަމަ، އެ ފައިސާ ހޯދުމަށް ޑޮމެސްޓިކް މާކެޓަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެކްސްޓާނަލް ފައިނޭންސިންގެ ގޮތުގައި ލިބޭ ފައިސާ، 600 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދެއްކުމަށް އިސްކަން ދިނުމަށް ލަފާ އަރުވަން. އަދި، ހުށަހަޅާފައިވާ އަދަދަށް ފައިނޭންސިން ނުލިބިއްޖެނަމަ، ޚަރަދުތައް ޕްރައޯރަޓައިޒްކޮށް، ފައިނޭންސިން ހޯދަން ޖެހޭ މިންވަރު މަދުކުރުމަށް ލަފާ އަރުވަންއެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ އެމްއެމްއޭއިން އެ ގޮތަށް ލަފާދިންއިރު، އެ ސުކޫކު ދެއްކުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހު 13ގައި ވަނީ ވިދާޅުވެފައެވެ. https://sun.mv/212617 ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފައެވެ. އަދި މި އަހަރު ދަރަނި ދެއްކުމަށް، ބަޖެޓުކޮށްފައިވާ ވަރަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވެއެވެ. އެގޮތުން ބަޖެޓުކުރީ 3.88 ބިލިއަން ރުފިޔާ ނަމަވެސް، 4.44 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ސަރުކާރުން މީގެ ކުރިން ވެސް ވަނީ، އަންނަ އަހަރުގެ ދަރަނި ދައްކަން ސުކޫކް ނުވަތަ ބޮންޑު ވިއްކާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ދަރަނި ނުދެއްކިދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އެ ދެ ބޭފުޅުން އެހެން ވިދާޅުވީ، ދަރަނި ދެއްކޭނެ ކަމުގެ އިތުބާރު އޮތް މިންވަރު ދައްކުވައިދޭ، ދުނިޔޭގެ އެންމެ ބޮޑު ރޭޓީން ދެ އޭޖެންސީ ކަމަށްވާ ފިޗާއި މޫޑީސްއިން ވެސް ރާއްޖޭގެ ރޭޓިން ދަށްކޮށްފައި ވަނިކޮށެވެ. ސަރުކާރުން ތަކުރާރުކޮށް އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ