ބޯހިޔާވަހިކަމުގެ ރަން ޒަމާނަކަށް ވާނޭ ވިދާޅުވި އަހަރު، 2 ބިލިއަން ޚަރަދުކޮށްގެން ގާކޮޅެއް ވެސް ނުބޭންދުނު: ޔާމީން

މި އަހަރަކީ ބޯހިޔާވަހިކަމުގެ 'ރަން ޒަމާނަކަށް' ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އަހަރު ނިމޭއިރު އެންމެ ގާކޮޅެއް ވެސް ބައިންދާނުލެވޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެއެވެ. މި އަހަރުގެ ބަޖެޓު ސަރުކާރުން ޚާއްސަކުރީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާށެވެ. ނިމެން މިދާ އަހަރަކީ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދަވާނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި، ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. އެ ކަމަށް ރިކޯޑު އަދަދެއް ރައްކާކޮށްފައިވާނެކަން ވެސް އެ މަނިކުފާނު މިދިޔަ އަހަރު ތަކުރާރުކޮށް އިއުލާނުކުރެއްވިއެވެ. އެކަމަކު، އެއީ ކެނޑި ހުސް ފޮނި ކަމަށް ވިދާޅުވެ ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. https://sun.mv/213073 ސަރުކާރުން ވަކިވެ، ޔާމީން އުފެއްދެވި ޕީއެންއެފްގެ ސިލްސިލާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ މި އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަޖެޓުގައި ޖެހި ކަމަށެވެ. އެކަމަކު، އެ ފައިސާ 'ހުސްކޮށްލިއިރު' ބޭންދުނު އެންމެ ގާކޮޅެއް ވެސް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "މިދިޔަ އަހަރު ބުނީ މި އަހަރު ވާނީ ބޯހިޔާވަހިކަމުގެ ރަންޒަމާނަށްށޭ. ގާތްގަނޑަކަށް 2،000 މިލިއަން ރުފިޔާ ހޭދަކޮށްލިއިރު، އަދި ބޭންދުނު ގާކޮޅެއް ނެތް،" އެ މަނިކުފާނު ފާޑުވިދާޅުވިއެވެ. "ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ،" ޔާމީން ވިދާޅުވީ، އެހާ ބޮޑަށް އެ ވާހަކަދައްކަވާފައި ރައީސް "ފޮނި ކަނޑާފައި، ހަމަ އަޗާތެޅީ" ކަމަށެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން: އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، މިހާރުގެ ރައީސް މުއިއްޒަށް މި އަހަރު ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްގެން އެއްވެސް ކަމެއް ނުކުރެވުނު ކަމަށް ޔާމީން ވިދާޅުވިއެވެ. ބޯހިޔާވަހިކަމަކީ މީހުންނަށް އެންމެ ބޭނުންވާ، އެންމެ ހައްސާސް މައްސަލަ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޖުމުލަ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، އަދި ފަހުން މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވަނީ ފަސް އަހަރުގެ ތެރޭގައި 18 ފުރިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ވައުދުވެވަޑައިގެންފައެވެ. އެކަމަކު، ވެރިކަމަށް ދެ އަހަރު ވީއިރު ރަސްމާލެ ހިއްކުން ފިޔަވާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ޚަރަދުނުކުރާކަމުގެ ކަންބޮޑުވުން ބޮޑެވެ. ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުކުރިއެވެ. އެކަމަކު، އޭގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ 175 މިލިއަން ރުފިޔާއެވެ. އެއީ، ބަޖެޓުކުރި އަދަދުގެ އެންމެ 10 އިންސައްތައެވެ. https://sun.mv/214011 އެކަމަކު، މި ސަރުކާރަށް ދެ އަހަރު ފުރުމުގެ އެއް ދުވަސް ކުރިން މި މަހު 16 ގައި ސަރުކާރުން ވަނީ މާލޭ ސަރަހައްދުން 7،500 ފުލެޓާއި 15،000 ގޯތި ދޭނެ ގޮތުގެ އުސޫލު އާންމުކޮށްފައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ދޭން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. ރަސްމާލެ ހިއްކަން ސަރުކާރުން ބޮޑު ޚަރަދެއް ކުރަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ އެ ތަނާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅުވާލަން ވެސް ވައުދުވެވަޑައިގެންފައެވެ. އެހެންވިޔަސް ޓަނަލާއި ރަސްމާލެއާ ގުޅޭ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން، މާލެއާ ދުރުވުމާއި، އާބާދުވާން ވަގުތު ނެގުމާއި، ޚިދުމަތްތައް ގާއިމުކުރުމާއި، އެއަށްވުރެ ކައިރީގައި ހުރި ތަންތަން ނިންމަން މަސައްކަތްނުކުރާކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ