އިންޑިޔާ ކަނޑުގެ ސަރަހައްދުގެ އަމަން އަމާންކަމާއި ސުލްހަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ގައުމުތަކުގެ ދާހިލީ ހަމަޖެހުން ވަރުގަދަ ކުރަންޖެހޭނެ ކަމަށާއި، ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލުތައް މުޖްތަމައުތަކުގައި އަށަގަންނަވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސިންގަޕޫރުގައި ހިނގަމުންދާ އިންޑިއަން އޯޝަން ކޮންފަރެންސް 2016 ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސަކީ، އިންޑިޔާގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އިންޑިޔާ ފައުންޑޭޝަނާއި، ސިންގަޕޫރުގެ އެސް. ރާޖަރަތުނަމް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުންގެންދާ މިސަރަހައްދުގެ ގައުމުތައް ހިމެނޭ ޖަލްސާއެކެވެ. މިޖަލްސާގައި 21 ގައުމަކުން ބައިވެރިވިއެވެ. ދިވެހިރާއްޖޭގެ ފަރާތުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ، ރައީސް މައުމޫނެވެ.
ރައީސް މައުމޫން ވިދާޅުވީ، އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސުލްހަވެރިކަމާއި ތަރައްގީއާއި މިކަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މިސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، ގައުމުތަކުގެ މެދުގައި ވާހަކަދައްކަމުން ގެންދާނެ ގޮތުގެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.
"މިސަރަޙައްދަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެތެރޭގައި ހިޔުމަން ޓްރެފިކިން އާއި، މަސްތުވާ ތަކެތީގެ ވިޔަފާރިއާއި، ހައްދުފަހަނަޅައި ދިޔުމުގެ ހަރަކާތްތަކާއި، ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓްރޭނިންދިނުމާއި، އެތަންތަނަށް މީހުން ފޮނުވުން ހިމެނޭ، މިމައްސަލަތައް ހައްލުކޮށް، އިންޑިޔާ ކަނޑުގެ ސަރަހައްދަކީ އަމާން ސުލްހަވެރި އަދި ގައުމުތައް ގުޅިގެން ކުރިއެރުމާއި، ތަރައްގީއަށް މަސައްކަތްކުރާ ސަރަހައްދަކަށް ހެދުމަކީ، މިސަރަހައްދުގެ މުސްތަގުބަލުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ތަގްރީރަށްފަހު ސުވާލު ޖަވާބުގެ ފުރުސަތުގައި އައިއެސްގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާވަރަކާއި ރާއްޖޭގެ ޒުވާނުން އައިސިސްއާ ގުޅިގެން ހަނގުރާމަކުރުމަށް ދިޔުމާބެހޭގޮތުން ކޮންފަރެންސުގެ ބައިވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ ބޭރުގެ ނޫސްތަކުގައި އެވާހަކަ ޖަހަމުން ގެންދަނީ އެކަން ހިނގަމުންދާވަރަށްވުރެ މާބޮޑުކޮށްގެން ކަމަށެވެ. މި ހަރަކާތަކީ ރާއްޖެ ފިޔަވައި ވަރަށް ގިނަ އެހެން ގައުމުތަކުގައިވެސް ހިނގަމުންދާ ހަރަކާތެއް ކަމަށާއި ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅެމުންދާ ކަމަށެވެ. އިސްލާމްދީނަކީ ސުލްހައަށް ގޮވާލާ ދީނެއްކަމަށާއި، އައިއެސްއިން ހިންގަމުންގެންދާފަދަ ލާއިންސާނީ ޖަރީމާތަކަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ ކަނޑުގެ ސުލްހަޔަށް މައުމޫން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ