ގާސިމް، ވެރިކަމަށް ގެންނަން ރަނގަޅު ކެންޑިޑޭޓެއް !

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ އެކު ސިޔާސީ ވެށި ހަލަބޮލިވެއްޖެއެވެ.
ގާސިމް ވެރިކަމަށް ނިކުތުމަށް ނިންމިއިރު އެމަނިކުފާނުގެ އަރިހުގައި އެކަމުގައި އެންމެ އިސްކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާ ކަމަކީ ގިނަ ފަރާތްތަކުން ޝައުގުވެރިވާ އަދި ބައެއް ފަރާތްތަކަށް ހެއްވާ މަޖާ ކަމެކެވެ. އެކަމުގެ ސަބަބުތައް ބައިވަރެވެ.
މާޒީގައި ގާސިމް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވެ އެކި ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ނިމުނު ދުވަހު ގާސިމް ހުންނެވީ އުފާ ފާޅުކޮށް އަތް ޖަހައި އެކަމުން ސަލާމަތްވީތީ އެކަމާ ހިތް ހަމަޖެހިލައިގެންނެވެ. އެދުވަހުގެ މަންޒަރުތަކަށް ބަލައިލައިފި ނަމަ ފެނިގެންދާނީ ގާސިމް އުފަލުން އުޅުއްވި މަންޒަރެވެ.
ގާސިމްގެ ހަޔާތުން ފާހަގަ ކޮށްލެވޭ ކަންކަމަށް ބަލައިލަމާތޯއެވެ ؟
އެންމެ ފުރަތަމަ 1969 ވަނަ އަހަރު ގާސިމް މަސައްކަތް ކުރެއްވީ ސަރުކާރުގެ ހޮސްޕިޓަލެއްގެ ބިލިންގ ކްލާކެއްގެ މަގާމުގައެވެ. އެދުވަސްވަރު އެވަޒީފާއިން ވަކިވެ އެމްއެސް އާލިއާ ފަރުނީޗަރު ފިހާރައިގެ މެނޭޖަރު ކަންވެސް ގާސިމް ކުރެއްވިއެވެ.
1974 ވަނަ އަހަރު އެސްޓީއޯގެ ބޮޑުސްޓޯރުގައި ގާސިމް ވަޒީފާ އަދާކުރަން ފެއްޓެވިއެވެ. އޭގެ ދެއަހަރު ފަހުން ގާސިމް އަމިއްލަފުޅަށް ވިޔަފާރީގެ ތެރެއަށް މަޑުމަޑުން ވެންނެވިއެވެ. އެގޮތުން ހަނޑުލާއި ދުންފަތާއި ޑީސަލް އާއި ކަރާސީނު ފަދަ ފައިދާ ކުރުވަނިވި އާއްމު ދިިރިއުޅުމަށް މުހިއްމު ބާވަތްތައް ވިއްކަން ފެށިއެވެ.
ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް އެދުވަސްވަރު ގާސިމް ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2000 ޑޮލަރުގެ ލޯނެއް ނެންގެވިއެވެ.  އޭގެ ހަތަރު އަހަރު ފަހުން ގާސިމް އަށް އެންމެ ފުރަތަމަ ކަނޑުއުޅަނދު ގަތުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. އެހެންކަމުން އިހުޒަމާނުގެ މަސްދޯންޏެއް ގަނެ އެ ދޯނި ކާގޯ އުފުލާ އުޅަނދަކަށް ބަދަލުކޮށް އޭގައި ތެލާއި ޑީސަލް ފަދަ ބާވަތްތައް އެއްތަނުން އަނެއް ތަނަށް އުފުލައި ސަޕްލައި ކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ.
1986 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ގާސިމް ގެ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ރަޖިސްޓްރީ ކުރިއެވެ. އެދުވަހަށް ފަހު މިއަދާ ހަމައަށް ގާސިމް އަކީ ވިޔަފާރީގެ ދާއިރާގައި ކާމިޔާބު ނުފޫޒު ގަދަ ސިޔާސީ ޝަހްސިއްޔަތެކެވެ.
ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ގާސިމް އަކީ ހިތްހެޔޮ ބޭފުޅެއް ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ އޭނާ އަކީ މުށްބާރު އަދި ދަހި ބޭފުޅެއް ކަމަށެވެ. އެކަން އެނގި ހާމަވެގެން ދިޔައީ ކޮވިޑްގެ އާލަމީ ވަބާގައި ޖެހިގެން ދިޔަ ދުވަސްވަރު ގާސިމްގެ ވިލާ ގްރޫޕްގެ ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ސާވިސް ޗާޖް ނުދީ ހިފެހެއްޓި ވާހަކަ އެރިސޯޓް ތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ދެއްކުމާއި ގުޅިގެންނެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ވަޒީފާއިން ބައެއް މުވައްޒަފުން ވަކި ކޮށްފައިވާ ކަންވެސް ފާހަގަ ވެގެން ގޮސްފައިވެއެވެ. އަދި ބައެއް މުވައްޒަފުންނާ މުހާތަބުކޮށް ބޭ އަދަބީ ބަހުން ގާސިމް ބަސް ވިދާޅުވެފައިވާ ކަމަށްވެސް އަޑުތައް ފެތުރިގެން ގޮސްފައިވެއެވެ.
ގާސިމް މިއަދު ވެރިކަމަށް ނިކުތުމަށް މަސައްކަތް ކުރަމުންދާއިރު، ރައީސް ނަޝީދު ގާސިމް އާ މެދު ސަމާލު ވުމަކީ މުހިއްމު ކަމެކެވެ. ގާސިމް އަކީ އެމްޑީޕީ އިން ބުނާ ބަގާވާތަށް ފަންޑު ކުރި އެކަކު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ޖުމްހޫރި މައިދާނުގައި ހަރަކާތްތެރިވި ހުރިހާ އެންމެނަށް ގާސިމްގެ ޕެރެޑައިސް ރިސޯޓުން ހެނދުނުގެ ސައިފޮދުގެ އިންތިޒާމް ހަމަޖައްސައިދިން ކަމަށެވެ. އެގޮތުން އެދުވަހު ހެނދުނު ޕެރެޑައިސް ރިސޯޓްގެ ލޯންޗް، ރައީސް ފާލަމާ ގާތްކޮށް ބްރެކްފާސްޓް ޕެކްތައް އެއްގަމަށް އެރުވި ކަމަށާއި އެ ކަމަށް ގާސިމް އަށް އުމަރު ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ހާލަތާއި ވަގުތު ބަދަލުވެގެން މިއަދު ދިޔަ ނަމަވެސް ބައެއް އާދަތަކަކީ ބަދަލު ނުވާ ކަންކަމެވެ. ވެރިކަން ބޭނުންވާ އާދަ ގާސިމް ކިބައިން ބަދަލު ވެގެން ގޮސްފައިނުވާއިރު އެކަން ހާސިލް ކުރުމަށް ކޮންމެ ފަދަ ގުރުބާނީ އެއްވުމަށް ތައްޔާރަށް ހުރި ގާސިމް މިއަދު ބޭނުންވަނީ ވެރިކަމެވެ. އެނޫން އެއްވެސް އިތުރު ކަމެއް އެބޭފުޅާ މިދުނިޔެއިން ދެން ބޭނުން ނުވާ ފަދައެވެ.
އަދިވެސް މާޒީގެ ތެރެއަށް ފީނާލަމާ ހިންގަވާށެވެ. ކެނެރީގޭ ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ދެނެއް ނުކުރާނެ ކަމަށާއި ދެން އޭނާ ވެރިކަން ނުކުރާނެ ކަމަށް ގާސިމް ވަނީ ވަރަށް ފާޅުކަން ބޮޑުކޮށް ސިޔާސީ ޕޯޑިއަމްގައި އެމަނިކުފާނުގެ ކެމްޕޭންގައި ބުނެފައެވެ. ސަބަބަކީ ނަޝީދަކީ ގާނޫނު ތަކާއި ގަވާއިދު ތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހަކަށް ވާތީ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި ނަޝީދު، ގާސިމްގެ އަރިހުން އިއްތިހާދެއް ހެދުމަށް އެދުމުން އެކަމަށް ދެކޮޅު ހެއްދެވި ވާހަކަވެސް ދަންނަވާފައިވެއެވެ. ހަމަ އެހެންމެ އެދުވަހު ރައީސް ނަޝީދަށް ވުރެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެސް ރަނގަޅު ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް އެމްޑީޕީ އަށް ދާނެކަމަށް ބަޔަކު މީހުން ބުނި ނަމަވެސް ނުދާނެ ކަމަށާއި އެޕާޓީއަށް ނުދާނެ ކަމަށްވެސް ގާސިމް ވަނީ މީގެ ކުރިން ބުނެފައެވެ. މިއަދު އެބޭފުޅާ އެކަން ހަނދާން ނެތުނު ނަމަވެސް އެ މަންޒަރުތަކާއި އަޑުތައް ތާރީހުގައި ރައްކާ ކުރެވިފައިވަނީ އެއީ އެޑިޓެއް ނޫންކަން ދޭހަވާހާ ސާފު މިންވަރަކަށެވެ.
ގާސިމް އަށް މިއަދު ނަޝީދު ވަރެއް ނެތި ނަޝީދު ރަނގަޅުވެގެން އުޅެނީ ހަމަ އަމިއްލަ އެދުމެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތިން ހަތަރު ބުރަށް ބާއްވަން ޖެހުނީ ވެސް ހަމަ ގާސިމް އާ ހެދިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ހަމަ ގާސިމް އެވެ. ވެރިކަން ބޭނުން ނުވާ ކަމަށް ވިދާޅުވާ ގާސިމް އެވެ. ފުރަތަމަ ބުރުން ވީ ބަލި ގަބޫލު ނުކުރެވިގެން އަލުން އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ގައިޑްލައިން ހަދަން މަޖުބޫރު ކުރުވީ ހަމަ ގާސިމްގެ ސަބަބުންނެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބު ވެސް ބާތިލް ކުރުމަށް ގާސިމް އެ ސަކަރާތް ޖެއްސެވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.
ގާސިމް ވިދާޅުވެފައިވާ ފަދައިން އޭނާ އަށް މަދު އެއްވެސް ކަމެއް ނެތެވެ. އޭނާއަށް ހުރިހާ ނިއުމަތްތައް ވަނީ ފުރާ ފުރިހަމަ ވެފައެވެ. ހަމައެކަނި ވެރިކަމުގެ ލައްޒަތު ނޫން ހުރިހާ އުފަލެއް ގާސިމް ދަނީ ތަޖުރިބާ ކުރަމުންނެވެ.  އެގޮތުން އެމްއެމްއޭ ގެ ގަވަރުނަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކަމާއި ހާއްސަ މަޖިލީހުގެ ރައީސް ކަމާއި 18 ވަނަ މަޖިލީހުގެ ރައީސް ކަމާއި ރާއްޖޭން ވޯލްޑް ބޭންކަށް ކަނޑައަޅާފައި ހުންނަ މަންދޫބުގެ މަގާމް ފަދަ މި ނޫންވެސް އެތައް ފާހަގަކޮށްލެވޭ އިސް މަގާމްތައް ގާސިމް ވަނީ ފުރުއްވާފައެވެ.
މިއަދު ގާސިމް ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ. ގާސިމްގެ އެހީތެރިކަން ރައްޔިތުންނަށް ލިބުނީ އަދި ފޯރުކޮށްދިނީ މިއަދު ވެރިކަން ހޯދުމަށް ވޯޓު ހޯދުމުގެ ނިޔަތުގައި ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.
ގާސިމް ވެރިކަމަށް ނިކުތުމަށް އިއުލާން ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރާ ބައެއް ޖޭޕީ މެމްބަރުން ޕާޓީން ވަކިވަމުން ދިޔަ ނަމަވެސް ގާސިމް ހުންނެވީ ސާބިތު ކަމާއެކުގައި ކަމަށް އޭނާ އާއި ޖޭޕީން ދަނީ ބުނަމުންނެވެ.
ބައެއް ވާދަވެރިން ރިޔާސީ އިންތިހާބުގައި ގާސިމް ގެ ދަރަޖަ ދަނީ މިނެ ކިރަމުންނެވެ. އެގޮތުން އިދިކޮޅުގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރިޔާސީ އިންތިހާބުގައި ގާސިމް އަށް ލިބޭނީ ދެވަނައެވެ. މާނަ އަކީ ގާސިމް ދެވަނަ ބުރަކަށް ދާނެ ކަމެވެ. އެހެން ކަމަށް ވެއްޖެނަމަ ގާސިމް ރައީސް ސާލިހް ނުވަތަ ދެވަނަ އަށް ދާ އިތުރު ފަރާތެއްގެ ފަރާތަށް އެރުމަކީ ވުން ނާދިރު ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ.
މިއަދުގެ ސަރުކާރުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ހުންނެވީ ފައިސަލް ނަސީމް އެވެ. އެމަގާމް ގާސިމް ބޭނުން ނުކުރެއްވީ ގާސިމް ނައިބު ރައީސް ކަން ބޭނުން ނުވާތީ ކަމަށް ގިނަ ފަރާތްތަކުން އެދުވަހު ވެސް އަދި މިއަދުވެސް ދަނީ ބުނަމުންނެވެ. ވީމާ ގާސިމް އޭރުވެސް އަދި މިހާރުވެސް ދެންވެސް ބޭނުންވަނީ އަދި ބޭނުންވާނީ ގައުމުގެ ވަލިއްޔުލް އަމްރު ކަމެވެ.
ދެން އޮތީ ގާސިމް އާއި ރައީސް ނަޝީދުގެ ހާއްސަ ފެނިލުމުގެ ވާހަކަ އެވެ. ހާއްސަ ފެނިލުމެއް ނޫނެވެ. އެކުގައި ގިނަ މަސައްކަތް ތަކެއް ކުރަމުންދަނީ ރައީސް ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމްގެ ވޯޓް ނެގުން ގާސިމް އަށް ޝަރުތުކޮށްގެން އެކަމަށް ގާސިމްވެސް ރުހި ގަބޫލުވެގެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނިޒާމްގެ ވޯޓް ނެގުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް ގާސިމް ރިޔާސީ ނިޒާމަކަށް ތާއީދު ކުރާ ކަމަށް ބުނެ މިވެރިކަމުގައި ހަމަޖެހިލައިގެން ނޭވާ ލެވުނު ކަމަށް ބުނެ ރައީސް ނަޝީދާ އެކުގައި ރައީސް ސާލިހް އާ ދެކޮޅަށް އިންތިހާބުގައި ވާދަކުރުމަށް ގާސިމް ނިންމި ނިންމުމަކީ ގިނަ ބައެއްގެ ނަޒަރުގައި ގާސިމްގެ ސިޔާސީ ހަޔާތް އަމިއްލަ އަށް ނިންމާލުމެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުން ގާސިމް ބަލިވެއްޖެނަމަ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ފަހަރުގައި ވާދަ ނުކުރެވިދާނެއެވެ. އެހެންވެއްޖެނަމަ އެންމެ ބޮޑަށް ހިތްދަތިވާނީ ޖުމްހޫރީ ޕާޓީ އާއި ގާސިމްގެ އާއިލާ ބޭފުޅުންނެވެ. ހަމަ ޔަގީނުންވެސް ރައީސް ނަޝީދާއި ފިކުރެއްގެ ދިރުމުގައި ހިމެނޭ އެންމެ ބޭފުޅަކު ވެސް ގާސިމްގެ އަރިހުގައި އެދުވަހު ނުހުންނާނެއެވެ.
މާދަމާވެސް ގާސިމްގެ ވެރިކަމެއްގައި ރައީސް ނަޝީދު ހުރެ ގާސިމް ވެރިކަމުން ބާކީ ކުރުމަކީ ވެސް ވުން އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެކަންކަމާ ގާސިމް ވެސް އަދި ނަޝީދުވެސް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުންގެންދެއެވެ.
އެމްޑީޕީގެ ހުރިހާ މެމްބަރުން ގާސިމް އަށް ވޯޓް ނުދިނުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. އަދި ގާސިމް އަށް ރައީސް ނަޝީދަށް މާގިނަ ވޯޓް ހޯއްދަވައި ނުދެވިވެސް ދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންވެއްޖެނަމަ ގާސިމްގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވާނެއެވެ.
ފަހުވަގުތުގައި ރައީސް ނަޝީދު ގާސިމް ދޫކޮށް އެމްޑީޕީއަށް އަލުން އެނބުރި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެމްޑީޕީގެ ބައެއް އާއްމު މެމްބަރުން ދަނީ ބުނަމުންނެވެ. ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުންދާއިރު ގާސިމް އާއި ރައީސް ނަޝީދާއި ރައީސް ސާލިހްގެ އިތުރުން ދެންތިބި ސިޔާސީ ލީޑަރުންގެ އެކި މަންޒަރުތައް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ކޮންމެއަކަސް ގާސިމް އަކީ “ވެރިކަމަށް ގެންނަށް ހަމަ ރަނގަޅު ކެންޑިޑޭޓެކެވެ“.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ