ޖަރުމަނު ދެ ވަަނަ ބުރަށް، އެނބުރި އައުން ވަރުގަދަ

ޓޮރޮންޓޯ، ކެނަޑާ (ޖޫން 21) - ފަހު ވަގުތު ޖެހި ގޯލާ އެކު، 2-1 އިން އައިވަރީ ކޯސްޓު ބަލިކޮށް، ޖަރުމަނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފި އެވެ. 
ގްރޫޕް އީގައި ފުރަތަމަ ކުޅުނު މެޗުތަކުން ޖަރުމަނާއި އައިވަރީ ކޯސްޓު ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، ކިއުރުސާއޯ އަތުން 7-1 އިން ޖަރުމަނު މޮޅުވިއިރު، ފަހު ވަގުތު ޖެހި ގޯލުން އައިވަރީ ކޯސްޓުން ވަނީ 1-0 އިން އެކުއެޑޯ ބަލިކޮަށްފަ އެވެ. މިރޭގެ މެޗުގައި ޖަރުމަނުން އައިވަރީ ކޯސްޓު އަތުން ހޯދި މޮޅާ އެކު، ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ މާޔޫސްކަން ފިލުވާލައި ވަނީ މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. 
ރަޝިއާގައި 2018 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ޖަރުމަނު ކެޓީ ގްރޫޕްް ސްޓޭޖުންނެވެ. 
ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ޖަރުމަނުން ރަނގަޅު ކުޅުމެއް ދައްކައި ގިނަ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، ޖަރުމަނުގެ ފޯވާޑް، ކައި ހަވާޓްްޒް ބޮލުންޖެހި ބޯޅައެއް އައިވަރީ ކޯސްޓު ކީޕަރު ޔަހިއާ ފޮފާނާ ވަނީ މަތަކޮށްފަ އެެވެ. އޭގެ ފަހުން، ހަވާޓްޒް އާއި އަަލެކްސަންޑަ ޕަވްލޯވިޗް ވަނީ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ފަވްލޯވިޗް ޖެހި ގޯލު ކީޕަރު ފޮފާނާ އަށް ފައުލުކުރި ކަމަށް ނިންމިިއިރު، ހަވާޓްޒްގެ ގޯލު ވަނީ އޮފްސައިޑްވެފަ އެވެ. 
އައިވަރީ ކޯސްޓުން ލީޑުނެގީ ކައުންޓަ އެޓޭކުގައި 30 ވަަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ފްރޭންކް ކެސިއޭ ޖެހި ގޯލުންނެވެ. އެ ގޮތުން، އަރިމަތިން ޔެން ޑިއޮމާންޑޭ ނެގި ހުރަހަކުން އޭރިއާތެރެއިން އަމަދު ޑިއާލޯ ފޮނުވާލަން އުޅުނު ބޯޅަ، ކެސިއޭ އަށް ލިބުނު ވަގުތު އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. 
ފުރަތަމަ ހާފުގެ ފަހުކޮޅުގައި، ޖަރުމަނުން ކުރިއަށްޖެހިގެން ގިނަ އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އަައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ޓެސްޓްކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ. 
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ 15 މިނިޓް ތެރޭގައި ޖަރުމަނު އޭރިއާތެރެއިން އައިވަރީ ކޯސްޓަށް ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭގެއިން އެއްވެސް ފުރުސަތެއްގައި ކީޕަރު މެނުއަލް ނޯޔާ އަށް ނުރައްކާ ކުރެވޭވަރުގެ ހަމަލާއެއް ފޮނުވާނުލެވި، ލީޑުފުޅާކުރަން ލިބުނު ފުރުސަތުތައް ގެއްލުނީ އެވެ. 
ޖަރުމަނުން އެއްވަރުކުރީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ، ނަޑިއެމް އަމީރީ އާއި ޑެނިސް އުންޑާވް ގުޅިގެން ކާމިޔާބުކުރި ގޯލެކެވެ. އަމީރީ ބަލާލާފައި އޭރިއާތެެރެއަށް ނަގައިދިން ބޯޅަ އުންޑާވް ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެެވެ. 
އޭގެ ފަހުން، ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓު މޮޅުކޮށްދޭން ބަދަލު ކުޅުންތެރިޔާ ސިމޯން އަޑިންގްރާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ. އަދި، އޭގެ ފަހުން، އިތުރު ވަގުތުގެ ތެރޭގައި އުންޑާވް ވަނީ ލިބުނު ފުރުސަތުގައި ޖަރުމަނު މޮޅުކޮށްދީފަ އެވެ. މިއީ، ޖަރުމަނު ގައުމީ ޓީމަށް އުންޑާވް ކުޅުނު 11 މެޗުން ޖަހައިދިން ނުވަ ވަނަ ލަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ