ޑޮލަރު ވިއްކާކަމަށް ބުނެ ސްކޭމް ހިންގައި، ފައިސާ ހޯދާ މައްސަލަތަކެއް!

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް، ޑޮލަރު ވިއްކާކަމަށް ބުނެ އޮޅުވާލާ މައްސަލަތައް ގިނަވެފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޑޮލަރު ވިއްކާކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކަށް ފަހަކަށް އައިސް ގިނެވެފައިވާކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެހެންކަމުން ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރު ހުރި އަދި ގާނޫނީ އެ ބާރު އޮތް ބައެއްގެ އަތުން ނޫން ގޮތަކަށް ވިޔަފާރި ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމުގެ ތެރޭގައި، ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ވަނީ އަނެއްކާވެސް ބޮޑުވެފަ އެވެ. އެގޮތުން މި ވިޔަފާރީގެ ތެރޭގައި ގިނަ ބިދޭސީން އުޅެމުންދާއިރު މިފަހުން އަސްލާއި އެއްގޮތް ޑޮލަރުކަމަށް ބުނެ ކުޑަ އަގެއްގައި ފޭކު ނޫޓުތައް ވިއްކަމުން ދިޔަ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މީގެއިތުރުން ދާދިފަހުން އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ފުޅާދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ވަނީ ހިފަހައްޓާފަ އެވެ.
މިފަދަ މައްސަލަތަކުގައި ބިދޭސީން ހަރަކާތްތެރިވާއިރު ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީތަކުގައި މިފަދަ ސްކޭމްތައް ހިންގާ މިންވަރު ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ