ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ރައީސް ހާއްސަ ކުރީ ޗައިނާގެ މަސައްކަތަކަށް ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ރައީސް ހާއްސަ ކުރީ ޗައިނާގެ މަސައްކަތަކަށް

ގައުމީ ފެންވަރުގައި އަލަށް ފާހަގަކުރަން ނިންމި 'ދިވެހި ރާއްޖޭގެ އިންޖިނޭރިން ދުވަސް' ޗައިނާގެ މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަކުރައްވައިފި އެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު، 30، އަކީ އިންޖިނޭރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ރައީސް މުއިއްޒު ނިންމެވީ އިއްޔެ އެވެ. އެ ދުވަހަކީ ޗައިނާ ކުންފުންޏަކުން ޑިޒައިންކޮށް ތަރައްގީކުރި ސިނަމާލެ ބުރިޖު އިފްތިތާހުކުރި ދުވަހެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިފަދައިން ނިންމެވީ ސިނަމާލެ ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަށް ވާތީ އެ ދުވަހަކީ މިކަމަށް އެންމެ އެކަށީގެންވާ ދުވަސް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
މި ދުވަސް ފާހަގަކުރުމުގެ އެންމެހާ ކަންކަން ކުރަން ހަމަޖައްސާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރީ އާ އެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރި ޗައިނާގެ ޓީމާއެކު ކުރީގެ ރައީސް ޔާމީން އަދި އޭރު ހޯމް މިނިސްޓަރު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ވަނީ ހިޔާލު ފާޅުކޮށްފަ އެވެ. އެގޮތުން، ސިނަމާލެ ބުރިޖާއި ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ގުޅުވުމަކީ ޗައިނާގެ އިންޖިނޭރުން ފާހަގަކުރުން ކަމަށާއި މިއީ ދިވެހި އިންޖިނޭރުން ކުޑައިމީސްކުރުން ކަމަށް އެކަކު އެކްސްގައި ލިޔެފައިވެ އެވެ.
އަނެއް ބަޔަކު ބުނެފައިވަނީ މިއީ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތު އިސްކޮށް، އެމަނިކުފާނު މިނިސްޓަރުކަމުގައި ހިންގެވި މަޝްރޫއަކާ ގުޅުވަން ކުރެއްވި ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ދިވެހި އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމަށް އެހެން ދުވަހެއް ކަނޑައަޅަން ބައެއް މީހުން ގޮވާލާފައިވެސް ވެ އެވެ.
މީގެ އިތުރުން، މިއީ ރައީސް މުއިއްޒު އެންމެ އަޑުހަރުކޮށް ގެންގުޅުއްވާ ގައުމިއްޔަތުގެ ސިޔާސަތާ ދެކޮޅު ނިންމެވުމެއްކަން ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ. އެކި ކަންކަމުގައި ރައީސް ދައްކަވާފައިވާ ގައުމިއްޔަތުގެ ވާހަކަތައް ފާހަގަވެ އެވެ.
އެގޮތުން ދިވެހިންގެ ގައުމިއްޔަތު ސަރުކާރުން އަދި ރައްޔިތުން ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ އެކަމާ ދެކޮޅު ވާ މީހުންނަކީ ގައުމީ ލޯބި ނެތް ބައެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ