ކޮލޯރާޑޯގައި އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއްގައި އަލިފާން ރޯވެއްޖެ

ބުރާސްފަތި ދުވަހު ހަވީރު އެމެރިކާގެ ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއްގެ އިންޖީނުގައި އަލިފާން ރޯވުމާ ގުޅިގެން،  ބޯޓުން ބޭރަށް ނުކުތުމަށް ފަސިންޖަރުންނަށް އެންގުމުން ބޯޓުން ނުފޭބި ބައެއް ފަސިންޖަރުން ބޯޓުގެ ފިޔަތަކުގައި ތިބެންޖެހުނެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮލޯރާޑޯ ސްޕްރިންގްސް އިން ޑަލަސް-ފޯޓް ވާތް އަށް ދަތުރުކުރި އެމެރިކަން އެއާލައިންސް ފްލައިޓް 1006، ބޮއިންގ 737-800 މަތިންދާބޯޓެއްގައި 172 ފަސިންޖަރުންނާއި ހަ ކުރޫ މެންބަރުން ތިއްބެވެ. އަދި މަތިންދާބޯޓުގެ ކުރޫން "އިންޖީނު ތެޅުން" ރިޕޯޓްކުރުމާ ގުޅިގެން، ހަވީރު 5:15 ހާއިރު ޑެންވާއަށް ބޯޓު އަނބުރާލިކަމަށްވެ އެވެ.
"ބިމަށް ޖެހުމަށްފަހު، ގޭޓަށް ދަތުރުކުރަމުންދަނިކޮށް އިންޖީނުގައި އަލިފާން ރޯވީ،" މި ބަޔާނުގައި ބުނެފައިވެ އެވެ. އެފްއޭއޭ އިން މިހާރު މި ހާދިސާދަނީ ތަހުގީގިކުރަމުންނެވެ.
ބޯޓު ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން، ޕައިލެޓުން ޑެންވާގެ އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް އެންގީ ފްލައިޓުގެ އިންޖީނަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ އިމަޖެންސީއެއް ނޫން ކަމަށެވެ. މިކަން LiveATC.net އިން ލިބުނު އެއާ ޓްރެފިކް ކޮންޓްރޯލް އޯޑިއޯއިން އެނގެއެވެ.
"އެމެރިކަން 10،006، އާ، 1006 ހަމަ ޔަގީންކޮށްލަން މިއީ އަދިވެސް އިމަޖެންސީއެއް ނޫން، ރަނގަޅުތޯ؟" ކޮންޓްރޯލަރު އެހިއެވެ.
"ނޫން، އަޅުގަނޑުމެންގެ އިންޖީނަށް ބޮޑަށް ލޮޅުންތަކެއް އައިސްފައިވާތީ، އަޅުގަނޑުމެން އާންމު ސްޕީޑަށްވުރެ ލަހުން ކުރިއަށްދަނީ" ޕައިލެޓު ޖަވާބުދިނެވެ.
ނަމަވެސް ބޯޓު ޖެހުމަށްފަހު މިނެޓުތަކެއް ފަހުން މިކަން ވަރަށް އަވަހަށް ގޯސްވި އެވެ. އެކަން އެނގުނީ ރޭޑިއޯގައި މީހަކު "މޭޑޭ، މޭޑޭ، މޭޑޭ! މޭޑޭ! ... އިންޖީނަށް އަލިފާން!" ބުނެ ހަޅޭއްލެވުމުން ނެވެ.
ބޯޓު ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޭޓު ސީ38 އަށް އައިސްފައިވާކަމަށް އެއާޕޯޓުގެ ސްޕޯކްސްޕާސަން މީޑިއާތަކަށް ބުންޏެވެ. އަލިފާން ނިއްވާލުމަށްފަހު ހުރިހާ ފަސިންޖަރުން ބޯޓުން ނެރެފައިވާކަމަށް ސްޕޯކްސްޕާސަން ވަނީ ބުނެފަ އެވެ.
ހާދިސާގެ މަންޒަރުތަކުން ދައްކާގޮތުން ގިނަ އަދަދެއްގެ ފަސިންޖަރުން ބޯޓުން ނުކުމެ، ދުމާ ތެރޭގައި ބޯޓުގެ ފިޔަގަނޑުމަތީގައި ތިބިތަން ފެނެ އެވެ. ރޮއިޓާސްއިން އާންމުކުރި ވީޑިއޯއިން ދައްކާގޮތުން ބައެއް ފަސިންޖަރުން ބޯޓުން ނުކުތީ ސްލައިޑް އަކުންނެވެ.
ޑެންވާ ފަޔާ ޑިޕާޓްމަންޓުން ބުނިގޮތުގައި 12 ފަސިންޖަރުން ކުދިކުދި އަނިޔާތަކާއެކު ހޮސްޕިޓަލަށް ގެންދެވިފައިވެ އެވެ.
"އަޅުގަނޑުމެން އަޅުގަނޑުމެންގެ ކުރޫ މެންބަރުންނަށް، ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީމަށް އަދި ފުރަތަމަ އިޖާބަދޭ ފަރާތްތަކަށް ޝުކުރު އަދާކުރަން - ބޯޓުގައި ތިބި އަދި ބިމުގައި ތިބި އެންމެންގެ ސަލާމަތްތެރިކަމަށް އިސްކަންދީގެން އަވަހަށް އަދި ހަރުދަނާކޮށް ފިޔަވަޅު އެޅިމަށްޓަކައި،" އެމެރިކަން އެއާލައިންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެއާޕޯޓު ތެރޭގައި ހުރި ފަސިންޖަރަކު ނެގި ވީޑިއޯއެއް ދައްކާގޮތުން ގްރައުންޑް ކުރޫން ވަރަށް އަވަހަށް އަލިފާން ނިއްވާލާފައިވެ އެވެ. ފުޓޭޖުން ދައްކާ ގޮތުން އޮރެންޖު ކުލައިގެ އަލިފާންގަނޑާއި ކަޅު ދުން ދިޔައީ މާޒީވެ ހުދު ދުމަކަށް ބަދަލުވަމުން އަދި މަސައްކަތްތެރިން އަލިފާން ނިއްވަމުންދިޔަ އެވެ.
އެމެރިކަން އެއާލައިންސްއިން ބުނެފައިވަނީ ފަސިންޖަރުންނަށް ޑަލަސްއަށް ދަތުރުކުރުމަށް އެހީތެރިވުމަށް އެހެން މަތިންދާބޯޓަކާއި ކުރޫއެއް ޑެންވަރަށް ފޮނުވާފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއަކީ ތިން ހަފުތާއެއްގެ ކުރިން ޓޮރޮންޓޯ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޑެލްޓާ އެއާލައިންސްގެ ބޯޓެއް ބިންދައިގެންގޮސް އަލިފާން ހިފިތާ މާ ގިނަދުވަސް ނުވަނީސް ހިނގި ހާދިސާއެކެވެ.
މިއަހަރު މީގެ ކުރިން ހިނގި މީހުން މަރުވެފައިވާ ހާދިސާތަކުގެ ތެރޭގައި އަލާސްކާ، ފިލަޑެލްފިޔާ، އަދި ވޮޝިންގްޓަން ޑީސީގައި ހިނގި ހާދިސާތައް ހިމެނެ އެވެ. ވޮޝިންޓަން ޑީސީގައި ޖަނަވަރީ މަހު ހިނގި ހާދިސާގައި އެމެރިކަން އެއާލައިންސްގެ ބޯޓަކާއި ޔޫއެސް އާމީ ބްލެކް ހޯކް ހެލިކޮޕްޓަރެއް  ޖެހި 67 މީހުން މަރުވި އެވެ.
ޑިސެމްބަރުގައި ސައުތު ކޮރެއާ އަދި ކަޒަކްސްތާނުގައި ހިނގި ހާދިސާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ