ﷲ ތަޢާލާއަށް ޔަޤީންކަން ބާއްވައިގެން ދުޢާކުރަމުންދަނިކޮށް އެބަލީގައި މަރުވެއްޖެނަމަ ޤިޔާމަތް ދުވަހު ދެއްވަވާނެ ޖަޒާ މާފުރިހަމަވެ އުފަލުން ހިތްފުރޭނެ! އިން ޝާ ﷲ-: މުފްތީ މެންކް

ބަލިވުމުން ޝިފާ ދެއްވެވުން އެދި ދުޢާކުރަމުން ގެންދަނިކޮށްވެސް ޝިފާނުލިބި ބަލި ބޮޑުވާތީ ގިނަ ބައަކު މާޔޫސްވެއެވެ. އަދި ﷲ ތަޢާލާގެ ރަޙްމަތާއިމެދު އުންމީދު ކެނޑި މާޔޫސްވެ އާޚިރަތް ގެއްލިގެން ހިނގައިދާނެ ފަދަ ބަސްތައްވެސް ބުނެވެއެވެ. އެހެންވެ މިގެނެސްދެނީ އެޙާލަތުގައި އުފާވެރިކަން ލިބި ހިތްހަމަޖެހުން ލިބޭނެ ގޮތް އެނގިގެންދާ ދަރުސެކެވެ.
މިކަމަށްވެސް ވިސްނައިލާށެވެ! ތިބާއޮތީ ވަރަށް ސީރިއަސް ޙާލަތެއްގައެވެ. ނަމަވެސް ތިބާ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ގެންދިއައީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ދުޢާކުރަމުންނެވެ. މިދުނިޔޭގައި ތިބާގެ ދުޢާ ޢިޖާބަ ނުކުރެއްވެވުމުން ތިބާއަށް ޖެހުނީ ބަލީގައި ދުނިޔެ ދޫކުރާށެވެ!
ފުރަތަމަ މިދެނީ އެންމެ އުފާވެރި ޚަބަރެވެ! ﷲ ތަޢާލާއަށް ޔަޤީންކަން ހިތުގައި ބާއްވައިގެން ދުޢާކުރަމުންދަނިކޮށް ތިބާ އެބަލީގައި މަރުވެއްޖެނަމަ ތިބާކުރި ދުޢާ ޢިޖާބަކުރައްވަވައި ޤިޔާމަތް ދުވަހު އެކަމުގެ ޖަޒާއެއްގެ ގޮތުން ސުވަރުގެ ދެއްވެވުމަށް އުންމީދުކުރާށެވެ! ދުނިޔޭގައި ހުއްޓައި ދުޢާ ޢިޖާބަ ނުކުރެއްވެވީ ޤިޔާމަތް ދުވަހު މާމަތިވެރި ނިޢްމަތެއް ދެއްވަވަންކަން ޔަޤީންކުރާށެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލުކުރުމަކީ އެއީއެވެ.
ވީމާ ބަލީގެ ނުރައްކާ އޮތް މިންވަރަށް ނުވަތަ މީހާ އޮތް ޙާލަތަށް ނުބަލައި ދުޢާކުރަމުން ގެންދާށެވެ. ނަތީޖާ ދައްކަވާނެތެވެ. އިން ޝާ ﷲ
ބައެއް މީހުން ކުރާ ސުވާލެކެވެ. ބަލީގެ ޙާލަތު ހުރިގޮތުން ގަދަވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް، މަރުބަލީގައިވާ ނުވަތަ އެމީހާ އެބައްޔަކުން ގަދަނުވާނެކަމަށް ބެލެވޭ މީހުންނަށް ޝިފާ ދެއްވެވުން އެދި ދުޢާކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މާޔޫސްވެ މިފަދަ ޝައްކުތައް ކުރެވި މިފަދަ ސުވާލުތައް ކުރެވެނީ ކަމުގެ ޙަޤީޤަތް އެމީހުންނަށް ނުއެނގޭތީއެވެ.
ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ކުޅަދުންވަންތަކަން ލިބިވޮޑިގެން ނުވާ އެއްވެސް ކަމެއް ނުވެއެވެ. އެއީ ކިތަންމެ ބޮޑު ބައްޔެއްގައި އޮތް މީހަކަށް ޝިފާ ދެއްވެވުންނަމަވެސް ބޮޑެތި ފަރުބަދަތައް އެއްތަނުން އަނެއް ތަނަށް ބަދަލުކުރެއްވެވުން ނަމަވެސް އަދި ކިތަންމެ ބޮޑު މުޞީބާތަކުން ސަލާމަތްކުރެއްވެވުމާއި މުޞީބާތްތައް ކުރިމަތިކުރެއްވެވުން ނަމަވެސްމެއެވެ. އޮތީ ހަމަ "ކުން" ވާށެވެ! ވަޙީކުރެއްވެވުމެވެ. "ފަޔަކޫން އެކަމެއް ވެދެއެވެ. ލަހެއް ފަހެއް ނެތި ވަގުތުންނެވެ.
ދެން އޮތީ ޑޮކްޓަރުން އުންމީދުކަނޑާލާފައިވާ މީހުންގެ ވާހަކައެވެ. ނިކަން ބުނެބަލާށެވެ! ނުވަތަ ނިކަން ގުނައިބަލާށެވެ! މަދު ދުވަސްކޮޅެއްގެތެރޭގައި މަރުވާނެ ކަމަށް ނުވަތަ ދުނިޔޭގައި ހުންނާނީ މަދު ދުވަސްކޮޅަކުކަމަށް ޑޮކްޓަރުން ބުނެފައިވާ މީހުންގެ ތެރެއިން އެތައް އަހަރެއްވަންދެން ދުނޔޭގައި ތިބެނީ ކިތައް މީހުންތޯއެވެ؟ އެފަދަ ކިތައް މިލިއަން މީހުން މިހާރުވެސް ދުނިޔޭގައި އެބަތިބިތޯއެވެ؟ އަޑުއިވުން ފެނުން ފަދަ ނިޢްމަތްތަކުން ދާއިމަށް މަޙްރޫމްވީކަމަށް ޑޮކްޓަރުން ނިންމި ކިތައް މީހުންނަށް އެނިޢްމަތް އަލުން ލިބިފައިވޭތޯއެވެ؟
މިފަދަ ކޮނަމެ ކަމަކުންވެސް އަންގައިދެނީ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ޑޮކްޓަރުން އުންމީދުކަނޑައިލި ނަމަވެސް އަދި ދާދިއވަހަށް މަރުވާނެކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ބުނާ އެފަދަ ބުނުންތައް ޙަޤީޤަތަކަށްވާނީ ހަމައެކަނި ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަމެވެ.
ވީމާ މީހާއަށް ޖެހިފައިވާ ބައްޔަށް ނުވަތަ ބަލިބޮޑުވެފައިވާ މިންވަރަށް ނުބަލާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! ޢިޖާބަކުރައްވަވައި ޙާލަތު ބަދަލުކުރައްވަވައި ދެއްވެވުން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ