ގއ. އަތޮޅު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި ދެމައިން ނިޔާވި މައްސަލަ ބަލަނީ

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށް ފަހު، އަންހެނަކާއި ތުއްތު ދަރިފުޅު ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކަމުގައި އިހުމާލުވެފައިވާ ފަރާތަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އުމުރުން 35 އަހަރުގެ ޝިއުނާ ތައުފީގް، ބަނޑަށް 8 މަހުގައި ރޯގާ ޖެހިގެން ނޭވާ ލާން އުނދަގޫވެ އެ ހޮސްޕިޓަލަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭނާގެ ހާލު ގޯސްވެ ވެންޓިލޭޓަރަށް ލުމަށް ފަހު ވަނީ ސިޒޭރިއަން ހެދުމަށްފަހު ކުއްޖާ ނަގާފައެވެ.
އެއަށް ފަހު އޭނާގެ ހާލު ގޯސްވާތީ މާލެއަށް ފުރުވާލުމަށް މަސައްކަތް ކޮށްފައި ވީ ނަމަވެސް، މާލެއަށް ފުރުވާލުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި ޝިއުނާ ނިޔާވެފައި ވަނީ މާލެއަށް ގެނައުމަށް އޭނާ ގޮވައިގެން ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަތީގައި ތިއްބާ ކަމަށް މައުލޫމާތު ލިބެއެވެ. ޝިއުނާގެ ދަރިފުޅު ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނައި ފަހުންނެވެ.
މި މައްސަލައިގައި އާއިލާއިން ބުނާ ގޮތުގައި ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ އިހުމާލު ވެފައެވެ. އާސަންދަ ހަމަޖެހިއްޖެ ކަމަށް ބުނެ ފްލައިޓް އަންނަނީ ކަމަށް އެ ހޮސްޕިޓަލުން ބުނިތާ އެތައް ވަގުތެއް ހޭދަވި ކަމަށް ބުނެއެވެ. ޝިއުނާ މާލެއަށް ފުރުވަން ކޫއްޑޫއަށް ގެންދިޔައީ ވެސް ފްލައިޓް އަންނަނީއޭ ބުނިތާ އެތައް ގަޑިއިރުތަކެއް ވީ ފަހުން ކަމަށާއި އެއާޕޯޓަށް ދިޔަ އިރު އޮކްސިޖަން ދެވޭނެ ގޮތް ވެސް ހަމަޖައްސައި ދެވެން ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ހުރިހާ ތަފްސީލެއް ވަރަށް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މި ހާދިސާގައި ނިޔާވި ޝިއުނާގެ އިތުރު ދެ ކުދިން ތިބެއެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ