ފަލަސްތީނުގެ ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ.
ތަފްސީލް - އެ ބަޔާނުގައި ވަނީ، ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އާބާދީތައް ގާއިމުކުރުމާއި ފަލަސްތީނުގެ ބިންތައް ހިފުން ވެސް ކުށްވެރިކޮށްފަ އެވެ.
ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ވެސް ބަޔާނުގައި ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް އެ ކަމަށް ވެސް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކުރާކަން ވެސް ތަކުރާރުކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީގެ އެ ބަޔާނުގައި ބައިނަލްއަގުވާމީ ގާނޫނުތައް ނަގަހައްޓައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވެ އެވެ. އަދި މި މައްސަލައަށް ދާއިމީ ނިމުމެއް އަންނާނީ ސުލްހައިގެ މަޝްވަރާގެ ތެރެއިން މިނިވަން ދެ ދައުލަތް ގާއިމުކުރެވިގެންކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ރާއްޖޭން މި ބަޔާން ނެރުނުއިރު، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެމެރިކާ އިން ގާޒާގެ "މިލްކުވެރިކަން" ހޯދައި އެ ތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް "ދާއިމީ ގޮތެއްގައި" ބަދަލުކޮށް، އެ ތަން އަލުން ބިނާކޮށް، އެއީ ދުނިޔެއަށް ހުޅުވާލެވިފައިވާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.
އަރަބި ގައުމުތަކާއި ޔޫރަޕްގެ ބައެއް ބޮޑެތި ގައުމުތަކުން ވެސް ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާފަ އެވެ.
ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ރާއްޖޭން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ