ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތެއްގައި ރޭ ދަޑިމަގުން 2-1 އިން ދެއްވަދޫ ބަލިކުރިއިރު، ޒޯން ސެމީ ފައިނަލުން އައްޑޫ ސިޓީގެ ދެ ޓީމު ކަމަށްވާ ހިތަދޫ އާއި ފޭދޫން ޖާގަ ޔަގީންކޮށްފި އެވެ.
ޒޯން ހަތެއް ވަނީ ދެ ގްރޫޕަކަށް ބެހިފަ އެވެ. އެ ގޮތުން، ފުރަތަމަ ގްރޫޕްގައި ހިމެނެނީ، ގއ. ގެ ޗެމްޕިއަން، ދެއްވަދޫ އާއި ދަޑިމަގުގެ އިތުރުން، ގދ.ގެ ޗެމްޕިއަން، ވާދޫ އާއި ގއ.ގެ ރަނަރަޕް، ވިލިނގިލި އެވެ. އެ ގްރޫޕްގައި ރޭ ދެން ކުޅުނު މެޗުން، ވިލިނގިލި އަތުން 3-0 އިން ވާދޫ ވަނީ މޮޅުވެފަ އެވެ.
ކޮންމެ ޓީމެއް މި ގްރޫޕުން ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ވާދޫ އާއި ދެ ވަނައިގައި އޮތް ދަޑިމަަގަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދެއްވަދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިލިނގިއްޔަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ދަޑިމަގު ޓީމަށް މި މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ، އެ ޓީމުގެ ކެޕްޓަން، މުހައްމަދު ސާދު ނިޒާރު އާއި މޫސާ އަޒީމް ހަސަން ޖެހި ގޯލުތަކުންނެވެ. ދެ ވަނަ ހާފުގެ ފަހުކޮޅުގައި، ދެއްވަދޫން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު އިމްރާން (އިންމި) އެވެ. މި މެޗުގައި، ދަޑިމަގުގެ ގޯލްކީޕަރު، އިސްމާއިލް ފާތިހު (ތާޑޭ) ވަނީ ދެއްވަދޫގެ ގިނަ ހަމަލާތަކެއް ހުއްޓުވައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ވިލިނގިލި ކޮޅަށް ވާދޫގެ ލަނޑުތައް ޖެހީ، އަޔާޒް އަހުމަދު (އަޔާ) އާއި ނަޝާހު އަހުމަދު (ނައްޓު) އަދި މުހައްމަދު ނާއިލް އެވެ.
މި ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ދަޑިމަގުން ކުޅޭނީ ވިލިގިއްޔާ އެވެ. އަދި ވާދޫން ބައްދަލުކުރާނީ ދެއްވަދޫއާ އެވެ.
ޒޯން ހަތެއްގައި ތިން ޓީމު ވާދަކުރާ މި ގްރޫޕްގެ ފުރަތަމަ މެޗުން ފޭދޫން ވަނީ 3-1 އިން ގައްދޫ ބަލިކޮށްފަ އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުން، ހިތަދޫ ވަނީ ގައްދޫ އަތުން 2-1 އިން މޮޅުވެފަ އެވެ.
އެހެންކަމުން، މި ގްރޫޕްގައި ބާކީ ހިތަދޫ އާއި ފޭދޫ ކުޅޭ މެޗު އޮއްވައި، އެ ދެ ޓީމު ވަނީ ޒޯން ސެމީން ފުރުސަތު ހޯދައިފަ އެވެ.
ހިތަދޫ އަށް މި މެޗުގައި ގޯލުތައް ޖަހައިިދިނީ، އީމާން ނަޒީރު އާއި ޝާޝް ޝަރީފް އެވެ. ގައްދޫގެ ހަމައެކަނި ގޯލު ޖެހީ، އަހުމަދު އަކްމަލް ނިޒާމް އެވެ.
މި ގްރޫޕްގެ ފަހު މެޗުގައި، މާދަމާރޭ ފޭދޫ އާއި ހިތަދޫން ބައްދަލުކުރާނެ އެވެ.
20:00: ޒޯން 1: ދިއްދޫ - ނޭކުރެންދޫ
20:00: ޒޯން 1: ނައިވާދޫ - ވަށަފަރު
21:00: ޒޯން 3: ކުރެންދޫ - އޭދަފުށި
21:00: ޒޯން 3: މާފުށި - ކާށިދޫ
22:00: ޒޯން 8: ހުޅުމާލެ - ވިލިމާލެ
22:00: ޒޯން 8: މާފަންނު - މައްޗަންގޯޅި
ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަޑިމަގުން ދެއްވަދޫ ބަލިކޮށްފި، ހިތަދޫ އާއި ފޭދޫ ޒޯން ސެމީ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަޑިމަގުން ދެއްވަދޫ ބަލިކޮށްފި، ހިތަދޫ އާއި ފޭދޫ ޒޯން ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ