ސަރުކާރަށް ނިސްބަތްވާ ސިޔާސީ ދެ ބޭފުޅަކު މި ފަހުން އަޅުގަނޑާ ދެއްކި ވާހަކަތަކުން ކުޑަ އެތިކޮޅެއް ލިއެލާ ނަމެވެ.
އެކަކު ވިދާޅުވީ 'މުޒާހަރާ ކުރާ ޒުވާނުން ހާދަ ގޮތްކުޑަ' ކަމަށެވެ. ފުލުހުންނާ ދިމާއަށް ހުތުރުކޮށް އިނގިލި ދިއްކުރުމާއި ގޮވާ އެއްޗިއްސެވެ.
ދެވަނަ ބޭފުޅާ ވެސް ވިދާޅުވީ "ހާދަ ގޮތެއް ނެތް، ގޮތްކުޑަ ބައެކޭ' އެވެ.
"އަބަދު ބޮއިގެން އުޅޭ ގްރޫޕެއް އެ އެއްވަނީ. އެއްވެސް ގޮތެއް ނެތް. ލަދު ވެސް ގަނޭ އެ ފާޑަށް އުޅޭތީ،" އޭނާ ވިދާޅުވި އެވެ.
ދެން އައީ ދުނިޔޭގެ ރެކޯޑަކަށް ވެދާނެ ރައީސް މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމެވެ. އިއްޔެ ހެނދުނު 10:30ގައި ރައީސް އޮފީހުގައި ފެއްޓެވި އެ ބައްދަލުވުން ގާތްގަނޑަކަށް 15 ގަޑިއިރަށް ދެމިގެންދިޔަ އެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެއީ 'ކެތްތެރި، ކުޅަދާނަ، އެއްވެސް ކަމެއް ނުފޮރުވާ ތެދަށް ވާހަކަފުޅު ދެއްކެވި ރައީސެކެ"ވެ.
މިފަހަރު 'ގޮތްކުޑަވީ' ނޫސްވެރިންނެވެ. ބައެއް ނޫސްވެރިންގެ ސުވާލުކުރުން ހުރި ގޮތާއި އަމަލްތަކާ ހިތްހަމަނުޖެހުނު މީހުންގެ ނަޒަރުގައި ނޫސްވެެރިކަމުގެ މިނިވަންކަމުގެ ދުވަހު ފެނުނީ ދިވެހި ބައެއް ނޫސްވެެރިންގެ 'ގޮތްކުޑަ ކަމާއި އަދަބު ކުޑަކަމެ"ވެ.
އަޅުގަނޑަކީ ނޫސްވެރިއެކެވެ. ނޫސްވެރިންނަށް އަންނަ ފާޑުކިޔުންތަކުން ނެއްޓި، ފާޑުކިޔާ މީހުންނަކީ ދުޝްމަނުންނަށް ހެދޭ ވަރަށް ވުރެ މިކަމުގައި އުޅެވުނު މުއްދަތު މާ ދިގުވެ، ތަޖުރިބާ ލިބިއްޖެ އެވެ. އެހެންކަމުން ނޫސްވެރިންގެ ތެރޭގައި ވެސް ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުން ބޭރު މީހުން އުޅޭނެކަން އެނގެ އެވެ. ނޫސްވެރިކަމުގެ ތެރެއަށް ސިޔާސީ ހަރަކާތްތެރިކަން ވައްދައިގެން އެ ދެ ބައި މަސްހުނިގަނޑަކަށް ވެސް ހަދާނެ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބުނީއްސުރެ އަޅުގަނޑުމެން މި އުޅެނީ އެ މަސްހުނިވުމުގެ ތެރޭގަ އެވެ.
ކިއުންތެރިންނާއި ބެލުންތެރިންނަށް ވެސް ނޫސްވެރިކަމުގެ އެ ތަފާތު ފެންނާނެ އެވެ. އެކަމަކު ސިޔާސީ ވަކި ކޮޅެއް ނަގައިގެން ތިބި މީހުން އެ ތަފާތު ގަބޫލެއްނުކުރެ އެވެ. އެމީހަކު ސަޕޯޓްކުރާ ސިޔާސީ ފިކުރަކާ ގުޅިފައި އޮތް މީޑިއާއެއް ނަމަ މަސައްކަތްކުރާނީ ރަނގަޅަށެވެ. 'ގޮތްކުޑަވުން' ވެސް މި އަންނަނީ ހަމަ އެ ނިޔަތުގެ ތެރޭގައި އުފެދޭ އިހުސާސްތަކުގަ އެވެ.
އަޅުގަނޑާ ވާހަކަ ދެއްކެވި އެއް ބޭފުޅަކަށް ރައްދު ދެވޭ ގޮތެއް ނުވި އެވެ. ސަބަބަކީ އޭރު ތިބި މާހައުލުގެ ގޮތުން ސިޔާސީ ވާހަކައެއް ފަށަން ބޭނުންނުވުމެވެ. އެކަމަކު ދެވަނަ ބޭފުޅާއަށް ޖަވާބު ދިނީމެވެ. އަޅުގަނޑުގެ ޖަވާބަކީ އެވެ:
އާއެނކެވެ. ޒުވާނުންގެ މުޒާހަރާގައި ހުތުރު އިޝާރާތްތައް ފެނެ އެވެ. ގޯސް ބަސްތައް އަޑުއިވުނެވެ. އެހެންވެ އެއީ 'ގޮތްކުޑަ' ޒުވާނުން ކަމަށް ސިފަކުރަމާ ހިނގާށެވެ. އެކަމަކު ޓައި އަޅައިގެން ރަސްމީ ހެދުމުގައި ތިބެ ކުރާ ކަންކަން 'ގޮތްކުޑަނުވަނީ" ކީއްވެގެން ހެއްޔެވެ؟ ދައުލަތުގެ މުދަލުން ވައްކަންކޮށް، ރިޝްވަތުގެ ނުބައި އަމަލުން ސިޔާސީ މީހުން ކަޅުވެފައި ތިބިކަން ދިވެހި ރައްޔިތުން ގަބޫލުކުރެ އެވެ. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރާއްޖޭގެ މިނިވަން މުއައްސަސާތައް ފުނޑުކުރާތަން ވެސް އެބަ ފެނެ އެެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތަށް ފަނޑިޔާރުން ވަދެވަދެ ތިއްބަވަނިކޮށް ކުއްލިއަކަށް ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުން ސަސްޕެންޑްކޮށް، ގައުމުގެ އެންމެ މަތީ ކޯޓު ހުއްޓުވާ ވެސް ލަނީ އެވެ.
އާއެނކެވެ: އެކަން ކުރައްވާ ބޭފުޅުން އެ ތިއްބެވީ ރަސްމީ ހެދުންކޮޅުގަ އެވެ. ރަސްމީ މޭޒުކޮޅުގަ އެވެ. ރައްޔިތުންގެ މަޖިލިހުގަ އެވެ. މަގުމައްޗަށް ނުކުންނަވައި، އާންމުންނަށް ފެންނަ ގޮތަށް އިނގިލިން ނުބައި އިޝާރާތެއް ނުކުރައްވަ އެވެ. ހުތުރު ބަސްތަކެއް ވެސް ނީއްވަވަ އެވެ. ތިއްބަވަނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޓީވީތަކުގައި ރީތި ބަހުން ވާހަކަ ދައްކަވާށެވެ. ނުވަތަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެ ބޭފުޅުންގެ ކޮޅު ދިފާއުކުރައްވަމުން ޖަވާބުދާރީވެވަޑައިގަންނަވާށެވެ.
އެކަމަކު ފަހަތުގައި އެ ހިންގާ ބޮޑުވެގެންވާ ގޯސްތަކާއި މާތްﷲ ގަންދީ ކުރެއްވި ހުވަޔާ ކަނޑައެޅިގެން ހިލާފުވެވަޑައިގަންނަވާއިރު "އަހަރެމެންނަކީ ވެސް ގޮތްކުޑަ ބައެކޭ" ހިތްޕުޅަށް އަރައިވަޑައެއް ނުގަންނަވަ އެވެ. ސަޕޯޓަރުން އެގޮތަށް ސިފައެއް ވެސް ނުކުރޭމެ އެވެ.
ދެވަނަ ބޭފުޅާއާ ވާހަކަ ދައްކަމުން އަޅުގަނޑު ސީދަލަށް ބުނީ އެހެންނެވެ. "ކަލޭމެން ޓައި އަޅައިގެން ތިކުރަނީ ވެސް ހަމަ ގޮތްކުޑަ ކަންކަމެ"ވެ. "ނިވަލުގައި ތިބެގެން ގައުމު ހަމަ ހަލާކުކުރަނީ" އެވެ.
އެއްވެސް ރައީސަކު އަދި ސިޔާސީ އެއްވެސް ބޭފުޅަކު، އެ ބޭފުޅުންގެ އެފަދަ ނުބައި ކަންކަމަށް އެއްބަސްވެވަޑައެއް ނުގަންނަވާނެ އެވެ. ނޫސްވެރިންގެ ބައްދަލުވުން 24 ގަޑިއިރަށް ދެމިގެން ދިޔަސް، ބައެއް ސުވާލުތަކުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވާނީ، "ތިޔައިން އެއްވެސް ކަމެއް އަޅުގަނޑަށް ނޭނގޭ" ކަމަށެވެ. ނުވަތަ އެއީ "އިއްތިފާގެކެ"ވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖޭއެސްސީ ތަރުތީބުކޮށްލި ގޮތް އެއީ އެއް މިސާލެވެ. ވަގުތުން އެއް މެމްބަރަކު ވަކިކޮށް އެހެން މެމްބަރަކު ލެއްވުމަކީ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ، 'އިއްތިފާގެކެ'ވެ.
ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ތިރިކުރަން، ރައީސް މުއިއްޒުގެ ސީދާ ބާރު އޮންނަ ރައްޔިތުންގެ މަޖިލިހުން ކުއްލިއަކަށް ފާސްކުރުމަކީ އިއްތިފާގެކެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލަން އޭސީސީން ކުއްލިއަކަށް ނިންމުމަކީ އިއްތިފާގެކެވެ. ޝަރީއަތް ފަށަން ކޯޓު ރޫމަށް ވަންނަވަން އުޅުއްވަނިކޮށް އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރިކަން ޖޭއެސްސީން އެންގުމަކީ އިއްތިފާގެކެވެ. އަލަށް ސުޕްރީމް ކޯޓަށް އައްޔަންކުރި ފަަނޑިޔާރު، ޖޭއެސްސީގައި ހިމެނޭ ސުޕްރީމް ކޯޓުގެ ޖާގައަށް ލުމަކީ ވެސް، އިއްތިފާގެކެވެ.
އަނެއްކާވެސް އާނއެކެވެ. ސަރުކާރުގެ ސަޕޯޓަރުން އެ ހުރިހާ ވާހަކައެއް ގަބޫލުކުރާނެ އެވެ. ސޯޝަލް މީޑިއާގައި އެ އޮތީ ތައުރީފުގެ ބަސްތަކެވެ. ރާއްޖޭގެ ރައީސަކު ދުނިޔޭގެ ރެކޯޑެއް ހެއްދެވީމާ ތައުރީފު ކުރުން ގޯހީކީ ނޫނެވެ. އެކަމާ އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ.
އެކަމަކު ރާއްޖޭގެ ސިޔާސީ ވެރިންނާ މެދު އަޅުގަނޑުގެ އޮތީ މާ ބޮޑު ޝަކުވާތަކެކެވެ. އާންމުންނަށް ފެންނަ އިރު އެ ބޭފުޅުން ތިއްބަވާނީ ހިނިތުންވެފަ އެވެ. ވާހަކަ ދައްކަވާނީ ރީތިކޮށެވެ. ނަމަވެސް މުޒާހަރާއަށް ނުކުންނަ "އަދަބު ކުޑަ" ޒުވާނުންނަށް ވުރެ ނުވަތަ "އަދަބު ކުޑަ" ނޫސްވެރިންނަށް ވުރެ އެ ބޭފުޅުން މި ގައުމަށް މާ ގޯހެވެ. އެ ބޭފުޅުންގެ ސަބަބުން ގައުމުގެ މުޅި ނިޒާމަށް ލިބޭ ގެއްލުން މާ ބޮޑެވެ.
މި ވާހަކަ ގަބޫލުނުކޮށް އަޅުގަނޑަކީ "ގޮތްކުޑަ" މީހަކަށް ހެދިޔަސް އަދި ކަމަކުނުދާނެ އެވެ.
'ގޮތްކުޑަ' ނޫސްވެރިން، 'ގޮތްކުޑަ" ޒުވާނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ