ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.ކްރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެ އަޑުއެހުން ތާވަލުކޮށްފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހު އެވެ. އެންމެ ފަހުން ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް އޮތީ އޮގަސްޓް، 2023 ގަ އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި އިއްވި އެވެ.ނަމަވެސް އާރަށް މައްސަލައިގައި ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. ހައި ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެސް ވެ އެވެ.ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމި ބައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ