ގަމު މަޝްރޫއު ބަދަލުކުރަން ނުޖެހޭ، މި ސަރުކާރުން އައްޑުއަށް ދެނީ ދޯކާ: އައްދު
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އައްޑޫ ސިޓީގެ ރައްޔިތުންނަށް މި ސަރުކާރުން ދެނީ ދޯކާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) މިރޭ ވިދާޅުވެއްޖެއެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއްގައި ހުރި ބައު އިމާރާތެއް ހުސްނުކުރެވިގެން އެ މަޝްރޫއު ނިމުންވަނީ ލަސްވެފައެވެ. މި ކަމާ ގުޅިގެން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެފައިވަނީ، މި މަހުގެ 17ގެ ކުރިން އެ އިމާރާތް ހުސްނުކުރެވިއްޖެ ނަމަ، އެ މަޝްރޫއު ކުރިއަށްގެންދާ، އިންޑިއާގެ ރެނާޓަސްއަށް ބަދަލު ދޭން ޖެހިދާނެ ކަމަށެވެ. https://sun.mv/204499 މިމަހު 17ގެ ކުރިން މި ކަމަށް ހައްލެއް ނުލިބިއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ތަން ހުސްކުރަން ދީފައިވާ ތާރީޚަށް ހުސްކޮށްފިނަމަ، އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި އާންމުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފައެވެ. https://www.facebook.com/ekkalasinaa.sinaa/videos/1229262701954355 މި ކަމާ ގުޅޭ ގޮތުން އައްދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ހުސްނުކުރެވިގެން އުޅޭ އިމާރާތަކީ 100 އަހަރުވާން ގާތްވެފައިވާ ތަނެއް ކަމަށެވެ. އެ އިމާރާތާ ހެދި ގަމުގެ ތަރައްގީގެ ޕްލޭނަށް އެއްވެސް ބަދަލެއް ގެނެވެން ޖެހޭނެ ކަމަށް ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އައްދު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ކުރީ ސަރުކާރުން ފެށި މަސައްކަތްތަކުގެ ފެންވަރު ދަށްކުރުން ނުވަތަ ހުއްޓުވުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. "ހަންކެޑެ ޕްރޮޖެކްޓް ހުއްޓިއްޖެ، މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓިއްޖެ، ކުރެވުނު ކަމަކީ ގަމަށް އެކުލެވުނު ތަރައްގީގެ ޕްރޮޖެކްޓަށް ބަދަލު ގެނެސް ޑްރޯންބޭސްއެއް ހެދުން، ކުރީ ސަރުކާރުން ލޯނު ނަގައިގެން ދައުލަތުން ބޮޑު ޚަރަދު ކޮށްގެން އައްޑޫ ފަޅުގައި ހިއްކި ރަށްތަކެއް ހުރިކަން އެނގޭ ބަޔަކު ނެތް،" އޭނާ ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ޝަންގްރިއްލާ ރިޒޯޓު މި ސަރުކާރުން އެއް އަހަރު ތެރޭ ހުޅުވަން ވައުދުވި ނަމަވެސް، އެކަން ވެސް ނުވާ ކަމާއި، ކަރަންޓާއި ބޭސް ނުލިބޭ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. "ދެން ސަރުކާރަށް ސަނާކިޔާ ބަޔަކަށް މިކަން ނުފެނުނަސް އައްޑޫ ބާކީ ރައްޔިތުންނަށް މިކަން އެބަފެނޭ. ސަރުކާރުން މިދަނީ ބޮޑުތަނުން އައްޑޫއާއި ދޭތެރޭ އިހުމާލުވަމުން." އައްދު ވިދާޅުވިއެވެ. އެ އިމާރާތަކީ އައްޑޫގެ އީކުއޭޓާ ވިލެޖު ރިޒޯޓުން ބޭނުންކުރާ އިމާރާތަކަށްވާއިރު، އައްދު ވިދާޅުވީ ގަމަކީ އީކުއޭޓާވިލެޖު ނުވަތަ އެ ރަށް ހިންގުމަށް ތިބޭ މީހުންގެ ތަނެއް ނޫން ކަމަށެވެ. "ގަމަކީ އަދި ގަން ހިންގާބަޔަކުގެ ތަރިކަ މުދަލެއްނޫން، އެތަނަކީ އައްޑޫގެ ތަރައްގީގެ ނާރެސް، އައްޑޫގެ ޓުއަރިޒަމް އަދި އިގްތިސާދުގެ ދޮރާށި. ތި ޓެސްޓް ކުރަނީ އައްޑޫ ރައްޔިތުންގެ ކެތްރިކަމުގެ ލިމިޓް، އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން އަދި މިދެނީ ބޮޑުތަނުން ދޯކާ" އޭނާ ވިދާޅުވެފައިވެއެވެ. https://x.com/MpAhdhu/status/1909256949381960161 ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަޝްރޫއު ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، 455.8 މިލިއަން ރުފިޔާ މަސައްކަތަށް ހޭދަވާނެ ކަމަށް އޭރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ