ދެ ގާނޫނެއް އިސްލާހުކޮށްގެން ދުންފަތުގެ ބައެއް އުފެއްދުންތައް މަނާކޮށް، ހުއްދަކޮށްފައިވާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރީ ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުހެލިކުރަން ކަމަށް ބުނެ އެވެ. ބޭނުމަކަށްވީ، ދުންފަތުގެ އަގު ބޮޑުކޮށްގެން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުޖުތަމައުއެއް ރާއްޖޭގައި ބިނާކުރުމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން އަންދާޒާކުރާ ގޮތުގައި، ރާއްޖޭގެ 15 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 27 ޕަސެންޓު މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. ފިރިހެނުންގެ އާބާދީއަށް އެކަނި ބަލައިއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ އާބާދީ 44 ޕަސެންޓާ ގާތްކުރެ އެވެ. މިއީ ރާއްޖެ ކަހަލަ އާބަދީ ކުޑަ ގައުމެއްގައި ކަންބޮޑުވާ ވަރުގެ އަދަދުތަކެކެވެ.
ކަން މިހެން ހުރި އިރު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރަނގަޅު އާދަ މީހުންގެ ކިބައިން ނައްތާލަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމާ މެދު ޝައްކެއް ވެސް ނެތެވެ. ނަމަވެސް، އާބާދީގެ މިހާ ބޮޑު ޕަސެންޓެއް ދުންފަތުގެ އިސްތިއުމާލުކުރާކަން އެނގޭ ހާލު، އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ ވަރަށް ވިސްނާފައި، ރޭވުންތެރިކަމާ އެކީގައި، ބޭނުންވާ ނަތީޖާ ހާސިލުކުރެވޭ ގޮތަށެވެ.
މި ނަތީޖާ ހާސިލުކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާނެ ފަސޭހަ ގޮތްތަކެއް ހޯދައި ދިނުން ހިމެނެ އެވެ. އަދި ވަގަށް އެތެރެކޮށްގެން ވިއްކާ ދުންފަތުގެ އުފެއްދުންތައް އެތެރެކޮށް، ވިއްކުން ހުއްޓުވޭނެ ގޮތެއް ހޯދުން ހިމެނެ އެވެ. ހަމައެހެންމެ، ދުންފަތް އެތެރެކޮށްގެން ލިބޭ ބޮޑު އާމްދަނީގެ ބަދަލުގައި އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދުން ވެސް ހިމެނެ އެވެ.
އެކަމަކު، މިއިން އެއްވެސް ކަމެއް ނުކޮށް، އަވަސް އަރުވާލައިގެން، ކުއްލިއަކަށް ފިޔަވަޅުތަކެއް އެޅުމުން މިއަދު ފެންނަ މަންޒަރަކީ ހާސިލުކުރަން ބޭނުންވި ނަތީޖާއާ ދުރު މަންޒަރެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދު ނުވީ ތަނުގައި، ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ދައުލަތުގެ އާމްދަނީއަށް ލޮޅުން އަރައިފައިވާ މަންޒަރެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމުން އެންމެ ބޮޑު އަސަރެއް ކުރީ ދައުލަތުގެ އާމްދަނީއަށެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ އިމްޕޯޓު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން ބާވަތްތައް އިމްޕޯޓުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
ނިމުނު ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހުގެ ތެރޭގައި އިމްޕޯޓުކުރީ އެންމެ ހަތް ލައްކަ ސިނގިރޭޓެވެ. މިއީ މިދިޔަ އަހަރުގެ ކޮންމެ މަހެއްގައި އެވަރެޖުކޮށް އިމްޕޯޓު ކުރި 29 މިލިއަން ސިނގިރޭޓަށް ވުރެ ބޮޑު ތަނުން މަދު އަދަދެކެވެ. މި އަދަދުތަކުން ހިސާބުކުރާއިރު، ހަމައެކަނި ސިނގިރޭޓުން ލިބެމުން އައި ޑިއުޓީ އާމްދަނީ ވަނީ 87 މިލިއަން ރުފިޔާއިން 5.7 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.
ސިނގިރޭޓު އިމްޕޯޓު މަދުވުމާއެކީ މަހެއްގެ މައްޗަށް ގެއްލޭ އާމްދަނީ ވަނީ 81 މިލިއަން ރުފިޔާއަށް އަރާފަ އެވެ. މި އަދަދު މުޅި އަހަރަށް ހިސާބުކުރާއިރު، ދުންފަތުގެ އެހެން ބާވަތްތައް ނުހިމަނައި، ހަމައެކަނި ސިނގިރޭޓު ޑިއުޓީން ދައުލަތަށް ގެއްލޭ އާމްދަނީ އެއް ބިލިއަން ރުފިޔާއާ ގާތްކުރެ އެވެ.
މިއީ އެއް ގޮތަކުން ވިސްނާއިރު މޮޅެކެވެ. ދައުލަތުގެ އާމްދަނީ ބިނާވާން ވާނީ ގެއްލުންދެނިވި ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީއަކަށް ނޫނެވެ. މައްސަލައަކީ ދުންފަތުގެ ޑިއުޓީ ބޮޑުކޮށްގެން މި އަހަރުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިގެން، ބަޖެޓު ހިސާބުކޮށްފައިވާތީ އެވެ. އަންދާޒާކުރި ވަރުގެ އާމްދަނީއެއް ނުލިބޭ ނަމަ، މި ގެއްލުމުގެ އަސަރު މުޅި ބަޖެޓަށް ކުރާނެ އެވެ.
މި ދައްކަނީ އެއް ރުފިޔާ ދެ ރުފިޔާގެ ވާހަކައެއް ނޫނެވެ. ގައުމަށް ބޭނުންޖެހިފައި ހުރި އެތައް މަސައްކަތެއް ކުރެވޭނެހާ އަދި ކޮންމެހެން އާމްދަނީއަށް ބޭނުންވާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ވާހަކަ އެވެ. މި އަހަރަކީ ވެސް ރެކޯޑު ދަރަންޏެއް އޮތް ބަޖެޓެއް ކަމުން ގެއްލޭ ކޮންމެ ފައިސާ ފޮއްޗަކީ ގޯހެކެވެ. އަދި ގައުމުގެ މާލީ ހާލަތު އިންތިހާ ގޯސް ދަނޑިވަޅެއްގައި، މިއީ އަމިއްލަ ފަޔަށް ބަޑިޖެހުމާ އެއް ފަދަ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑު އާބާދީއެއް އޮތުމުން، ދުންފަތަށް ބޮޑު ޑިމާންޑެއް ވެސް އެބައޮތެވެ. އެއްވެސް އެއްޗަކަށް ޑިމާންޑެއް އޮންނަންޏާ، އެއީ މަނާ އެއްޗެއް ވިޔަސް ހުއްދަ އެއްޗެއް ވިޔަސް، ސަޕްލައިކުރާނެ ބަޔަކު ވާނެ އެވެ.
ދުންފަތަށް ވެސް ވެގެން އުޅޭ ގޮތަކީ މިއީ އެވެ. ދުންފަތުގެ އަގު ބޮޑުކުރުމާއެކީ، ތަންވަޅުގެ ނާޖައިޒު މަންފާ ނަގައި، ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދިއްޖެ އެވެ. މީގެ ކުރިން އަދަދު އިން ވާނީ މިހެން ލިބެން ހުރި ދުންފަތުގެ ދިރާސާއެއް ހެދުމަށް ފަހު، ބާޒާރުގައި ލިބެން ހުރި ބައެއް ބާވަތްތަކުގެ ތަފުސީލުތައް ގެނެސްދީފަ އެވެ.
މި ބާވަތްތަކުގެ ތެރޭގައި ގިނައީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި ވިއްކަމުންދާ ދުންފަތުގެ އުފެއްދުންތަކުގެ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުންތަކެއް ވެސް ނޫނެވެ. އަދި ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ގާނޫނީ އިންޒާރުތަކާއި ފޮޓޯތައް ވެސް ހިމެނޭ އުފެއްދުންތަކެއް ވެސް ނޫނެވެ. ނަމަވެސް މި އުފެއްދުންތައް ފަސޭހައިން ލިބެން އެބަހުއްޓެވެ. ގުޅާލީމާ އެ ހުރި ތަނަކަށް ޑެލިވަރީ ވެސް ކޮށްދެ އެވެ.
ކަޅު ބާޒާރުގައި ވިއްކާ ގިނަ ދުންފަތުގެ ބާވަތްތައް ވިއްކަނީ ވަކިންނެވެ. މިއީ ވެސް ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސީދާ މަނާ ކަމެކެވެ. ވަކިން ސިނގިރޭޓު ވިއްކުން މަނާކުރިތާ އެތައް އަހަރުތަކެއް ވޭތުވީއިރު ވެސް މިއަދާ ހަމައަށް މި ގަވާއިދު އެ ގޮތުގައި ތަންފީޒު ނުކުރެވޭތީ ފިހާރަަތަކާއި ކެފޭތަކާއި ހޮޓާތަކާއި ޓޭކް އަވޭ ކަޑަތަކުން އެއްވެސް ބިރެއް ނެތި ދަނީ ވަކިން ސިނގިރޭޓު ވިއްކަމުންނެވެ.
ދުންފަތުގެ ކަޅު ބާޒާރެއް އުފެދުމަކީ، ދުންފަތް މަނާކުރުމާއި ދުންފަތުގެ އަގު ބޮޑުކުރުމުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދިމާވި ހާލަތެކެވެ. މައްސަލައަކީ މި ކަންކަމަށް ތައްޔާރު ނުވެ، ދުންފަތުގެ އަގު ބޮޑު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުންފަތުގެ މާސިންގާ ކަޅު ބާޒާރެއް އުފެދެން ފުރުސަތު ދިނުމެވެ.
ދުންފަތް މަނާކުރުމަށްފަހު، ރައީސް މުހައްމަދު މުއިއްޒު މިފަހުން ވިދާޅުވީ އެ ވިޔަފާރީގައި އުޅެނީ އެމަނިކުފާނާ ސިޔާސީ ގޮތުން ދެކޮޅު ފަރާތްތައް ކަމަށެވެ. ރައީސް މިފަހުން ފެއްޓެވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ މުޒާހަރާތައް ވެސް ކުރަނީ އެ ވިޔަފާރިތަކުން ކަމަށެވެ.
"ދެން އަޅުގަނޑު ބަލައިލާއިރުގައި، ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށް ވެސް އެބަ އެހީދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ހަގީގަތް މިއާ މާ ދުރެވެ. ހަގީގަތަކީ، ރަނގަޅު ޕްލޭނެއް ނެތި ދުންފަތުގެ އަގު ބޮޑު ކުރުމާ ގުޅިގެން ރައީސް ބޭނުންވެލެއްވި ނަތީޖާ ހާސިލުކުރަން ގޮންޖެހުންތައް އިތުރުވެފައިވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުނުވީ ތަނުގައި، ދައުލަތަށް ވެސް ދަނީ ގެއްލުންތަކެއްވަމުންނެވެ.
~~
ސުވާލަކީ މިކަމުގެ ފައިދާ ލިބުނީ ކޮން ބަޔަކަށްތޯ އެވެ؟ ބުނެވެން އޮތީ އެ ހުރިހާ މޮޅެއް ލިބުނީ ވަގު ވިޔަފާރިތަކަށް ކަމެވެ. އެއްވެސް ޑިއުޓީއެއް ނުދައްކާ، ވަގަށް އެތެރެކޮށްގެން، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ދުންފަތުގެ އުފެއްދުންތައް ވިއްކާ ވިޔަފާރިތަކަށެވެ.
މިގޮތުގައި ކަންކަން ވާން ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. މިއަށް ވުރެ ވިސްނުންތެރިކަމާއެކީ، ރޭވުންތެރި ގޮތެއްގައި ދުންފަތުގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކޮށް ވަގު ވިޔަފާރިތަކުގެ އަތުން މިކަމުގެ ކޮންޓްރޯލް އަނބުރާ ނަގަން ޖެހެ އެވެ. އެހެން ނޫނީ ކަންކަން ވާނީ އިތުރަށް ގޯހެވެ.
ދުންފަތުން ޑިއުޓީ ބޮޑުކުރުމުގެ ހުރިހާ މޮޅެއް ވަގު ވިޔަފާރިތަކަށް ދުންފަތުން ޑިއުޓީ ބޮޑުކުރުމުގެ ހުރިހާ މޮޅެއް ވަގު ވިޔަފާރިތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ