ޖާހުއަށް ނުނިންމުނު 'ދަ ގާޑަންސް' ފުލެޓުތަކުގެ މަސައްކަތް އާރުސީސީއާ ހަވާލުކޮށްފި

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑްންސް' ފްލެޓުތަކުގެ މަސައްކަތް ނިންމަން ފަހު ފުރުސަތު ދިނުމުން ވެސް މަސައްކަތް ނުނިންމާތީ، އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ޖާހު ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑްންސް' ފްލެޓުތައް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. ނަމަވެސް އަދިއަދަށް ވެސް އެ މަސައްކަތް ނިންމާފައެއް ނުވެއެވެ. އަދި، އެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވުމާ އެކު އެ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ. އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކި ފަހަރު މަތިން އެ ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވެއެވެ. އެންމެ ފަހު ނޯޓިސް އެ ކުންފުންޏަށް ދިނީ މިދިޔަ ޖަނަވަރީ މަހުގެ 27ގައެވެ. އެ ނޯޓިސްގައި ވަނީ، އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް 45 ދުވަހުގެ ތެރޭގައި ނުނިންމާ ހާލަތުގައި، ޖާހުއާއެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ކުންފުނީގެ އަތުން ނަގާނެ ކަމަށް އިންޒާރު ދީފައެވެ. https://sun.mv/203755 އެ ފަހުން ވެސް އެ މަސައްކަތް ނިންމާފައި ނުވުމުން، އެޗްޑީސީން އެ ކުންފުންޏާ އެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކުރީ މިދިޔަ މާރިޗު މަހުގެ 16ގައެވެ. އެއަށް ފަހު މިއަދު އެޗްޑީސީން ބުނީ، އެ ޕްރޮޖެކްޓުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އާރުސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. ޖާހު ކުންފުނިން ފްލެޓުތައް ނުނިންމައި ގިނަ ދުވަސްވެފައިވާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވާ މައްސަލައިގައި ގެއްލުންވީ ރައްޔިތުންނަށް ބަދަލުދޭން އެދި ޖަނަވަރީ 19ގައި ރައީސް އޮފީހަށް އެ މީހުންގެ ފަރާތުން ސިޓީއެއް ވެސް ލައިފައިވެއެވެ. https://sun.mv/201570 ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަށް، ދަ ގާޑެންސް މަޝްރޫއު ހިންގަން ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެ އަހަރު ތެރޭ ނިންމާ ގޮތަށެވެ. އޭގެ ފަހުން އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ފުލެޓު ގަތް މީހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައި އުޅޭ ލޭބަރުން ވެސް އެކި މައްސަލަތަކުގައި ދޭތެރެއަކުން އިހުތިޖާޖު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ