ހާލަންޑް އަށް އަނިޔާވެ، ސީޒަންގެ ފަހު ބައިގައި ނުފެނިދާނެ ހާލަންޑް އަށް އަނިޔާވެ، ސީޒަންގެ ފަހު ބައިގައި ނުފެނިދާނެ

މެންޗެސްޓާ (އޭޕްރީލް 1) - މެންޗެސްޓާ ސިޓީގެ ތަރި އާލިން ބްރައުޓް ހާލަންޑްގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ދެން މި ސީޒަންގައި އޭނާ ނުފެނިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ހާލަންޑް އަށް އަނިޔާވީ އެފްއޭ ކަޕްގައި ބޯންމައުތާ ދެކޮޅަށް ސިޓީއިން ކުޅުނު މެޗުގެ ތެރެއިންނެވެ. އެ މެޗުގައި އޭނާ އަށް އަނިޔާވެ، ބަދަލުކުރަން ޖެހުނެވެ.
ހާލަންޑްގެ އަނިޔާއާ ގުޅިގެން ސިޓީ އިން ނެރުނު ބަޔާނުގައި ބުނީ ހާލަންޑްގެ ފައިގެ ކުޑަހުޅަށް އަނިޔާވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށެވެ. އަދި، ހާލަންޑް އަށް ކުޅެވޭނެ ދުވަހެއް ބުނަން އެނގޭނީ މިހާރު ހަދަމުން އަންނަ ޓެސްޓްތަކުގެ ނަތީޖާ ބެލުމަށްފަހު ކަމަށް ސިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިޓީ އިން މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް ހާލަންޑް ވަނީ މި ސީޒަނުގައި ވެސް މިހާތަނަށް އެ ޓީމަށް 30 ގޯލް ޖަހައިދީފަ އެވެ.
ފަހަކަށް އައިސް ކުޅުން ރަނގަޅުކޮށް، މުހިންމު ގޯލުތަކެއް ޖަހަމުން އަންނަ ހާލަންޑް އަށް އަނިޔާވުން ވެގެންދާނީ ސިޓީ އަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމަކަށެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ އިން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައަކަށެވެ. މީގެ އިތުރުން، ތަށްޓެއް ހޯދުމަށް ކުރާ މަސައްކަތުގައި އެ ޓީމުން ވަނީ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ފަސްވަނައިގައި ސިޓީ އޮތީ 29 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ވުރެ އެއް ޕޮއިންޓް މަދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ