ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި ބައެއް އިނާޔަތްތައް ކުޑަކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މި ޕެޓިޝަނުގައި ގޮވާލާފައިވަނީ މެންބަރުންގެ މުސާރަ ކުޑަކޮށް ކޮމިޓީ އެލަވަންސް އުނިކުރުމުގެ އިތުރުން މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ހާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލާ، ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލުމަށެވެ. ޕެޓިޝަންގައި އޮންލައިން ކޮށް ސޮއިކުރެވޭނެ އެވެ.
އާންމުންގެ ތެރެއިން ބަޔަކު ފަށާފައިވާ މި ޕެޓިޝަން ހިއްސާކޮށް ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓުތަކުގައި މަޖިލިސް މެންބަރުންގެ އާމްދަނީ އާއި މަސައްކަތް ނުބައްދަލު ކަމަށް ބުނެ މެންބަރުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެ އެވެ.
އެގޮތުން، ބޮޑު މުސާރައިގެ އިތުރުން ކޮންމެ ތިން މަހަކުން ލިބޭ ޗުއްޓީ އާއި މަޖިލިސް ކުރާ ގެއިން ލިބޭ ހިލޭ ކެއިންބުއިމުގެ އިތުރުން މެންބަރުކަމުން ވަކިކުވުމުން ލިބޭ އިނާޔަތްތަކާ އަޅާބަލާއިރު މެންބަރުން ކުރާ ގާނޫނީ މަސައްކަތުގެ ފެންވަރު އިންތިހާއަށް ދަށް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ގައުމުގެ އިގުތިސޯދީ ހާލަތު ދަށްވެ އާންމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާ މި ދަނޑިވަޅުގައި މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އާމްދަނީ ދަށް ކުރަން ޖެހޭ ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ. ސަބަބެއް ގޮތުގައި ބުނެފައިވަނީ ގައުމު މި ހާލަތަށް ދިޔުމުގައި މެންބަރުން ކުޅުނު ރޯލެވެ.
މިހާރު އުސޫލު އޮތް ގޮތުން އެލަވަންސްތަކާއެކު މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި 82,500ރ. ލިބޭނެ އެވެ. އޭގެއިތުރުން، ބައިވެރިވާ ކޮންމެ ކޮމިޓީ ބައްދަލުވުމަކަށް އެލަވަންސަކާއި މެންބަރު އަދި އާއިލާއަށް ރާއްޖެއިންނާއި ބޭރުގެ ބައެއް ގައުމުތަކުން ހެލްތު އިންޝުއަރެންސްގެ ހާއްސަ ޕެކޭޖެއް ދައުލަތުން ދެ އެވެ.
މެންބަރުންގެ މުސާރަ ކުޑަކުރުމާ ގުޅޭގޮތުން އެންމެ ފަހުން މަޖިލީހުގައި ވާހަކަ ދެކެވުނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭރު އެކަމާ ވާހަކަ ދެއްކި ހުރިހާ މެންބަރުންހެން މުސާރަ ކުޑަކުރުމާ ދެކޮޅު ހެއްދެވި އެވެ.
އެ ދުވަސްވަރު އަދަދު ނޫހުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނެގި ޕޯލަކުން ދެއްކި ގޮތުގައި ގިނަ ބަޔަކު ބޭނުންވަނީ މެންބަރުންނަށް ދޭ މުސާރަ 4،000ރ. އަށްވުރެ ކުޑަކުރުމަށެވެ.
އެ ޕޯލުގެ ސުވާލަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އެލަވަންސާއެކު ލިބެން ޖެހޭ ޖުމްލަ މުސާރައަކީ ކޮބާތޯ އެވެ. މި ޕޯލަށް 24 ގަޑީރުގެ ތެރޭގައި 677 މީހަކު ވަނީ ވޯޓުލާފަ އެވެ.
އޭގެ ތެރެއިން 44.5 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ޖުމްލަ މުސާރަ ހުންނަން ޖެހޭނީ 40،000ރ. ގައި ކަމަށެވެ. މުސާރަ 40،000ރ. އާއި 60،000ރ. އާ ދެމެދުގައި ބަހައްޓަން 36 އިންސައްތަ މީހުންނެވެ. މުސާރަ 60،000ރ. އާއި 80،000ރ. އާ ދެމެދު ބެހެއްޓުމަށް ވޯޓު ދީފައިވަނީ އެންމެ އަށް އިންސައްތަ މީހުންނެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި ޕެޓިޝަނެއް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް އިނާޔަތްތައް ކަނޑާލަން ގޮވާލައި ޕެޓިޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ