އަނިޔާގެ ސަބަބުން މެސީ އަށް ބްރެޒިލް މެޗު ގެއްލިއްޖެ އަނިޔާގެ ސަބަބުން މެސީ އަށް ބްރެޒިލް މެޗު ގެއްލިއްޖެ

މިއާމީ، އެމެރިކާ (މާޗް 18) - އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަނިޔާވެ، އެ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އަދި ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ހޯމަ ދުވަހު އިއުލާންކުރި 25 ކުޅުންތެރިންގެ ސްކޮޑުން އަނިޔާގެ ސަބަބުން މެސީ ވަނީ ބާކީކޮށްފަ އެވެ.
އިންޓަ މިއާމީއާ އެކު، ރަނގަޅު ފޯމެއްގައި މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އާ ސީޒަން ފެށި، މެސީ، އާޖެންޓީނާގެ ސްކޮޑުން ބާކީ ކުރީ އަނިޔާގެ ސަބަބުން އަރާމުކުރުމަށް ވަގުތުދޭން އޭނާ ކުޅެމުން އަންނަ ކްލަބް މިއާމީ ވެސް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޓަ މިއާމީގެ މެޗުގައި ކުޅެ ގޯލު ވެސް ޖެހި މެސީގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވުމަށް އޭނާ އެކަށީގެންވާ ވަރަށް އަރާމްކުރަން ޖެހޭ ކަމަށް ހެދި ޓެސްޓްތަކުން ވަނީ އެނގިފަ އެވެ.
މެސީގެ އިތުރުން މި ފަހަރު ނެގި 25 ކުޅުންތެރިންގެ ލިސްޓުން ޕައުލޯ ޑިބާލާ އަދި ގޮންޒާލޯ މޮންޓެލީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް އަލެހެންޑްރޯ ގްރަނާޗޯ އަށް ވެސް ފުރުސަތު ލިބިފައިނުވެ އެވެ.
އަނިޔާގެ ސަބަބުން މެސީ އަށް މި ފަހުން އާޖެންޓީނާ އަދި މިއާމީ ކުޅުނު ގިނަ މެޗުތަކެއް ގެއްލުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ