"ނޫރުލް އަޛާން 1446" މުބާރާތުގެ އޮޑިޝަންތައް ފަށައިފި

އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ކުރިއަށް ގެންދާ "މަރްޙަބާ ރަމަޟާން ނޫރުލް އަޛާން 1446" ބަންގި ގޮވުމުގެ މުބާރާތުގެ އޮޑިޝަންތައް ފަށައިފިއެވެ.
މި މުބާރާތުގެ އޮޑިޝަންތައް ފަށާފައިވަނީ އިއްޔެ އެވެ. މި އޮޑިޝަންތައް ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރުމަށް ޝަރުތުހަމަވާ 30 ފަރާތަކުންނެވެ.
މި މުބާރާތުގެ މަޤުސަދަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރުއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީ އިން ބުނީ މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމުގެ އިތުރުން 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ