ޑީއާރުޕީގެ ލީޑަރާ މައުމޫން ބައްދަލު ކުރައްވައިފި

ޑީއާރުޕީގެ ލީޑަރު، މުހައްމަދު ނަޝީދު (ކާނަލް) އާއި ޕީޕީއެމްގެ ރައީސް މައުމޫނާ އަބްދުލް ގައްޔޫމާ ދެބޭފުޅުން ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
ބައްދަލު ވުމުގެ ފޮޓޯއަކާ އެކު ޑީއާރުޕީގެ ރަސްމީ ޓްވިޓާގައި ބުނެފައި ވަނީ ނަޝީދު އާއި މައުމޫން ބައްދަލު ކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރެއްވި ކަމަށާއި އެއީ ކާމިޔާބު ބައްދަލު ވުމެއް ކަމަށް ވެސް ޓްވީޓްގައި ބުނެފައިވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ނަޝީދުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރެއްވި ނަމަވެސް، އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މީގެ ކުރިން ޑީއާރުޕީ އަކީ މައުމޫން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް އެ ޕާޓީގެ ތެރޭގައި ޖެހުނު ހިޔާލުތަފާތުވުމެއްގައި މައުމޫން އެ ޕާޓީ އިން ވަކިވެ ވަޑައިގަތް، ޕީޕީއެމް އުފެއްދެވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް މައުމޫނާއި ނަޝީދު ބައްދަލު ކުރައްވައި ޑީއާރުޕީގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް އެކަން ދޮގު ކުރަމުން ޕީޕީއެމްއިން ނޫސް ބަޔާންނެރެ، ބުނެފައި ވަނީ މައުމޫން އެހެން ޕާޓީއަކަށް ވަޑައިގަންނަވަން ނޫޅޭ ކަމަށެވެ.
ޑީއާރުޕީން ދާދި ފަހުން ވަނީ އެ ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަން އިއުލާންކޮށްފަ އެވެ. އަދި އެ ޕާޓީގެ ޒައީމް ކަމުގެ ލަގަބް އަލުން މައުމޫނަށް އަރުވައި އެމަނިކުފާނު ހިމާޔަތް ކުުރުމަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ