ފޭސްބުކާއި އިންސްޓަގްރާމްގެ ޚިދުމަތް މެދުކެނޑިއްޖެ
މެޓާ ކުންފުނީގެ ދަށުން ހިންގަމުންދާ ފޭސްބުކް، އިންސްޓަގްރާމް އަދި މެސެންޖާގެ ޚިދުމަތްތައް މުޅި ދުނިޔެއަށް އެއްފަހަރާ މެދުކެނޑިއްޖެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށްވުރެ ގިނަ މީހުންނަށް މިހާރު މި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ޓެކްނޮލޮޖީގެ ޚިދުމަތްތައް މެދުކެނޑުމުން އެކަން ރިޕޯޓްކުރާ ޑައުންޑިކެޓާ ސައިޓަށް އެކަނިވެސް މިހާތަނަށް ލައްކައަކަށްވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ، ފޭސްބުކް ބޭނުންކުރަމުން ދަނިކޮށް އަމިއްލައަށް އެކައުންޓްތަކުން ލޮގްއައުޓް ވުމެވެ. އަދި އަލުން ލޮގިންވާން މަސައްކަތް ކުރުމުން "އަންއެކްސްޕެކްޓެޑް އެރާ" ނުވަތަ "ކުއެރީ އެރާ" ފަދަ މެސެޖުތައް އަރައި، އެކައުންޓަށް ނުވަދެވޭ މައްސަލަ ވަނީ ބޮޑުވެފައެވެ. https://x.com/quotetoponder/status/2065435666402492492 މީގެ އިތުރުން ލޮގިންވެފައި ތިބި މީހުންނަށް ވެސް ފީޑް ރިފްރެޝް ނުވުމާއި، ފޮޓޯތައް ނުފެނުމާއި، ކޮމެންޓްތައް ލޯޑް ނުވުމުގެ މައްސަލަތައް ދަނީ ދިމާވަމުންނެވެ. މި މައްސަލަ ދިމާވެފައި ވަނީ ހަމައެކަނި މޮބައިލް އެޕްލިކޭޝަންތަކަށް އެކަންޏެއް ވެސް ނޫނެވެ. ކޮމްޕިއުޓަރުން ބޭނުންކުރާ ވެބްސައިޓްތަކަށް ވެސް މި މައްސަލަ ވަނީ ކުރިމަތިވެފައެވެ. ފޭސްބުކްގެ އިތުރުން މެސެންޖާ އަދި އިންސްޓަގްރާމްގެ ޚިދުމަތްތަކަށް ވެސް ބުރޫއަރާފައިވާތީ، ގިނަ ބަޔަކަށް މެސެޖު ފޮނުވުމާއި ލިބުމުގައި ވެސް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. މި ބޮޑު މައްސަލަ ފެންމަތިވިތާ ކުރީކޮޅު މެޓާ ކުންފުނީގެ ޑިވެލޮޕާ ސްޓޭޓަސް ޕޭޖުތަކުން އެއްވެސް މައްސަލައެއް އުޅޭކަމަށް ދައްކާފައި ނުވިނަމަވެސް، މުޅި ދުނިޔެއިން ރިޕޯޓްކުރަމުންދާ މިންވަރަށް ބަލާއިރު މިއީ ސިސްޓަމް އެއްކޮށް ކްރޭޝްވުމުގެ ސަބަބުން ދިމާވި ކަމެއްކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް، މެޓާ ކުންފުނިން މިހާތަނަށް މިކަން ޙައްލުވާނެ ވަގުތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ