ރާއްޖޭގެ ހުރިހާ އެސްޓީއޯ ފާމަސީތަކެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މި ބަދަލާ ގުޅޭގޮތުން އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 1 ޖުލައި 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ފާމަސީތަކުން މިހާރު ހިދުމަތް ދެމުންދާނީ ސްޓޭޓްފާމާގެ ދަށުން ކަމަށެވެ. މިއީ ރާއްޖޭގެ ބޭހުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެޅުނު ފިޔަވަޅެކެވެ.
ސްޓޭޓްފާމާގެ މައިގަނޑު މަގްސަދަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މިފަދަ ގައުމީ ބޮޑު ޒިންމާއަކާ ހަވާލުވުމަކީ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ. އަދި މިހާތަނަށް ރައްޔިތުން ކުންފުންޏަށް ކުރެއްވި އިތުބާރަށްޓަކައި ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.
މި ބަދަލުތައް ތަންފީޒު ކުރަމުންދާ މަރުހަލާގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. އަދި ހިދުމަތާ ގުޅޭ އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވާނަމަ، ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 އަށް ގުޅުމުން 24 ގަޑިއިރު އެހީތެރިކަން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ސްޓޭޓްފާމާ އިން އިތުރަށް ބުނެފައިވަނީ، މި ބަދަލު ގެނައުމުގައި ސިއްހީ ދާއިރާގެ އެންމެހައި ފަރާތްތަކާއި، ކުންފުނީގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ކެތްތެރިކަން ނުހަނު އިހްލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ