2023 ނިމުނުއިރު ފެނަކަ ކުންފުނީގެ ދަރަނި 2018 ގައި ހުރި މިންވަރަށްވުރެ 389 އިންސައްތަ އިތުރު: އޮޑިޓު

ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން މުދަލާއި ހިދުމަތްތައް ލިބިގަތުމަށްޓަކައި 1.37 ބިލިއަނަށްވުރެ ބޮޑު އަދަދެއް ހަރަދުކުރިކަން އޮޑިޓުން ހާމަވެއްޖެއެވެ.
އޮޑިޓާރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ފެނަކަ ކުންފުނީގެ ހާއްސަ އޮޑިޓު ރިޕޯޓެއްގައިވާގޮތުން 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިންވަނީ މުދަލާއި ހިދުމަތްތައް ހޯދުމަށްޓަކައި 8.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އާންމު އޮޕަރޭޝަންތަކަށް ބޭނުންވާ ހިދުމަތްކާއި މުދާވެސް ހޯދާފައިވާއިރު އޭރު ކުންފުނީގެ މާލީ ހާލަތު އޮތްގޮތަށް ބަލާއިރު މުހިންމު ނޫންކަމަށް ފެންނަ ގިނަ ކެޕިޓަލް މަސައްކަތްތަކަކަށް މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި އާންމު ބީލަން އުސޫލުން ބޭރުން އަމަލުކޮށްފައިވާކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.
ރޭވުންތެރިކަމާއި ޒިންމާދާރުކަމެއް ނެތި އަގުބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތައް ވެގެންދާގޮތަށް ފައިސާ ހަރަދުކުރެވެމުންދިޔަކަން ހާމަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެކި މަސައްކަތްތަކަށް ޖުމުލަ 674 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު 2.24 ބިލިއަން ރުރިޔާ ހަރަދުކޮށްފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް މީގެ ތެރެއިން 65 އިންސައްތަ ނުވަތަ 439 އެއްބަސްވުމަކީ ވާދަވެރި ބީލަން އުސޫލުން ބޭރުން މަސައްކަތްތައް ހަވާލުކުރެވިގެންދިޔަ އެއްބަސްވުންތައްކަމަށާއި 1.37 ބިލިއަނަށްވުރެ ބޮޑު އަދަދެއް މި އެއްބަސްވުންތައް މެދުވެރިކޮށް އެކި ފަރާތްތަކަށް ދޫކުރިކަމަށެވެ.
ހއ ދިއްދޫގައި އިންޖީނުގެ އެޅުމަށްޓަކައި ސުޕަވައިޒަރެއްގެ ގޮތުގައި ހުރި މުއައްޒަފެއްގެ ނަމުގައި އޮތް ކުންފުންޏަކުން މުދަލާއި ހިދުމަތް ލިބިގަތުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށް 5.61 މިލިއަން ރުފިޔާ ދޫކުރިކަންވެސް ހާމަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 5.42 މިލިއަނަކީ އެ އިންޖީނުގެ އެޅުމަށްޓަކައި މަސައްކަތްކުރަމުންދިޔަ މީހުންނަށް ކޭޓަރިންގް ހަމަޖެއްސުމަށް ދީފައިވާ ފައިސާކަން ފެނިގެންދާއިރު އެއްބަސްވުމުގައި ސޮއިކުރީވެސް ހަމަ އެ މުއައްޒަފުކަން ފާހަގަކުރެވުނުކަމަށް ބުނެފައިވެއެވެ.
2023 ވަނަ އަަހަރުގެ ނިޔަލަށް 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާހުރިކަންވެސް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ. އަދި 2018 ވަނަ އަހަރުގައި ހުރި މިންވަރާއި އަޅާބަލާއިރު 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ދަރަނި 389 އިންސައްތައިން އިތުރުވެފައިވާކަން ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ