ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރަން އޮތް ލައިސަންސެއް ނޫން: ގާސިމް

ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި ނޫހެއްގައި ލިޔެފައިވާ އާޓިކަލްއަކީ ހަގީގަތެއް ނެތް ދޮގު އާޓިކަލްއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވައި ވިދާޅުވީ 5 މާރިޗް 2025 ދުވަހުގެ ”ދިޔަވަރު.ކޮމް“ ނަމުގައި ހިންގާ އޮންލައިންނޫހެއްގައި، ރޯޔަލް އައިލެންޑުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ރައްޔިތުންގެ މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމް ކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ބޮޑު ރޭވުމެއް ރޭވިކަމަށް ބުނެ ރިޕޯޓުކޮށްފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ގާސިމް ވިދާޅުވީ އެފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގި ތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ ޢަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުން ކަމަށެވެ.
އެ އާޓިކަލްގައި އެއްވެސް ހަގީގަތެއް ނެތްކަމުގެ މިސާލަކީ ގާސިމް ވިދާޅުވި ގޮތުގައި މިދިޔަ ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް ނާޒިމް، ވަޑައިގެން އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ބައްދަލު ކުރިކަމަށްލިޔެފައި ވުމެވެ. ގާސިމް ވިދާޅުވީ އޭނާގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް ރޯޔަލް އައިލެންޑް އަށް ވަޑައިނުގަންނަވާތާ މިހާރު 3 އަހަރު ވެދާނެ ކަމަށެވެ. އަދި އެންމެ ފަހުން ރޯޔަލް އައިލެންޑަށް ވަޑައިގަތީ 2022 ވަނަ އަހަރު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެލކްޝަނުގެ ކެމްޕެއިން ދަތުރެއްގެ ތެރެއިންކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ މިދިޔަ ދެ އަހަރެއްގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ނުވަތަ ޝިހާބު ވެސް އެއްވެސް ބޭނުމެއްގައި އެ ރިސޯޓަށް ވަޑައިންފައި ނުވާކަމަށެވެ.
ގާސިމް ވަނީ އެއްވެސް އަސްލެއް ނެތް ވާހަކަތައް ދައްކައި، ސިޔާސީ ބޭނުމެއްގައި ދޮގު ނުފެތުރުމަށް ގޮވާލާފަ އެވެ. އަދި މިފަދަ ހަބަރުތައް ގެންނަ އޮންލައިން ނޫސްތަކުގެ މައްޗަށް ފިޔަވަޅު އަޅައި ހުއްޓުވުމަށް ގޮވާލެއްވި އެވެ.
‏ގާސިމް ވިދާޅުވީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް‏ކަމަށް ދެކި، އެފަދަ ޢަމަލުތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ