އަހަރުތަކަކަށްފަހު ސަލްމާން އާއި ކަރީނާ އެކީގައި ފިލްމަކަށް

އިންޑިއާގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިން ކަމަށްވާ ރާޖް އާއި ޑީކޭ އެކްޓަރު ސަލްމާން ޚާންއާ އެކު އުފައްދާ ސުޕަހީރޯ ފިލްމުގެ ބަތަލާގެ ރޯލަށް ކަރީނާ ކަޕޫރު ސޮއިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ މައިގަނޑު ރޯލެއް ކުޅުމަށް ކަރީނާއާ އެކު މިހާރު ދަނީ ފަހުގެ މަޝްވަރާތައް ކުރަމުންނެވެ. ސަލްމާން އަމިއްލައަށް ކަރީނާއަށް ގުޅައި، މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކަރީނާ ވަނީ މި ފިލްމަށް ސޮއިކޮށްފައެވެ. އެކަން ރަސްމީކޮށް އަދި އިއުލާނު ނުކުރި ނަމަވެސް، ކަރީނާ މި މަޝްރޫއަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި މަސްދަރުތަކުން ވަނީ ބުނެފައެވެ. ސަލްމާން އާއި ކަރީނާ އެކީގައި މަސައްކަތްކުރި ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން"ގެ މަންޒަރެއްގައި ދެ ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ މީގެ ކުރިން ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި، ސަލްމާނާ އެކު މި ފިލްމުގެ ބަތަލާގެ ރޯލަށް ގެންނަން ނިންމީ ޑައިރެކްޓަރު ރާޖްގެ އަންހެނުން އަދި ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫއެވެ. އެހެންނަމަވެސް އެކަން މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަތުލް އަގްނިހޯތުރީ އާއި މައިތުރީ މޫވީ މޭކާސް ގުޅިގެން އުފައްދާ، އަދި ނަމެއް ދެވިފައިނުވާ މި ފިލްމުގައި ސަލްމާން ފެންނާނީ އުމުރުން ދުވަސްވީ ސުޕަހީރޯއެއްގެ ރޯލުންނެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އޭނާގެ ހަޔާތަށް ކުރިމަތިވާ ކުއްލި ކަންތައްތަކެއްގެ ސަބަބުން، އަލުން ހަރަކާތްތެރިވެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވަންނަންޖެހޭ ގޮތުގެ މައްޗަށެވެ. ކަރީނާ މި ފިލްމަށް ސޮއިކޮށްފިނަމަ މިއީ ސަލްމާނާއި ކަރީނާ އެކުގައި މަސައްކަތްކުރާ ފަސްވަނަ ފިލްމަށްވާނެއެވެ. މީގެ ކުރިން ދެ ތަރިން އެކީގައި މަސައްކަތްކުރި މަގުބޫލު ފިލްމުތަކުގެތެރޭ، "ބަޖްރަންގީ ބައިޖާން"، "ކިޔޫ ކީ"، "މައި އޯރް މިސިސް ކަންނާ" އަދި "ބޮޑީގާޑް" ފަދަ ފިލްމުތައް ހިމެނެއެވެ. ސަލްމާން އަލުން މަސައްކަތް ފެށި ފިލްމުތަކުގެތެރޭ ބަތަލާ ނަޔަންތާރާއާ އެކު ދާދިފަހުން ޝޫޓިންގް ފެށުނު ވަމްޝީ ޕައިޑިޕަލީގެ 'SVC63' ހިމެނެއެވެ. ސަލްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް 15ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މާތުރޫބޫމީ"އިންނެވެ. ބަތަލާ ކަރީނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ދާއިރާ" އިންނެވެ. ޕްރިތުވީރާޖް ސުކުމާރަންވެސް ހިމެނޭ މި ފިލްމަކީ ކަރީނާގެ 25 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާ ކުޅޭ 68 ވަނަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ