ގާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނަން: ފުލުހުން

ގާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ގާނޫނާ ޚިލާފްވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، މި ފަހަކަށް އައިސް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ" ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާއި އެފަދަ އެއްވުންތަކުގައި އެ ގާނޫނާ ޚިލާފް އަމަލުތައް ކުރަމުން ގެންދާކަން ފާހަގަ ކުރެވިފައވާ ކަމަށެވެ.
"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" (ގާނޫނު ނަންބަރު: 2013/1) އާއި އަދި އެގާނޫނަށް ގެނެވުނު އިސްލާހް (ގާނޫނު ނަންބަރު: 2016/2) ގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި، އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިމްތިޒާމުކޮށް، ބާއްވަމުން ގެންދާކަމާއި އަދި އެފަދަ ބައެއް އެއްވުންތަކުގައި ގާނޫނުން މަނާކޮށްފައިވާ ކަންކަން ކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ގާނޫނުތަކުގައި ބަޔާންކުރާފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް، ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ގާނޫނާ އެއްގޮތަށް، ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމާ، އަދި އެފަދަ އެއްވުންތައް އޮންނަ ސަރަހައްދެއްގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަރަށް އިސްކަންދީގެން ކުރަމުން ގެންދާ ކަންކަން ކަމުގައި ނޫސްބަޔާނުގައި ހާމަކޮށްފައި ވެއެވެ.
"އެހެންކަމުން 'ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން' ލިބިދޭ މިނިވަންކަން ބޭނުން ކުރުމުގައި ގާނޫނީ އިމުގެ ތެރެއިން އެންމެހާ ކަންތައްތައް ކުރުމަށް އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކަށާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި ގާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ގާނޫނާ ޚިލާފް ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ." ފުލުހުން
ފުލުހުން މިފަދައިން ބުނެފައި މިވަނީ، އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައިގެން، ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް، އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމްއިއްޔާއާ ދެކޮޅަށް ވެރިރަށް މާލެއާއި، އަތޮޅުތެރޭ ރަށްތަކުގައި ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އަޑުއުފުލައި، އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެހެން ނަމަވެސް، މިހާތަނަށް ބޭއްވި މުޒާހަރާތަކާއި، އެއްވުންތަކާއި ހިނގާލުންތަކުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާ ކަމެއް ނޭނގެއެވެ. އަދި އެއްވުންތަކާ ގުޅިގެން ފުލުހުން އެއްވެސް މީހަކު ހައްޔަރުވެސް ކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ