މިވެރިކަން ވައްޓައެއް ނުލެވޭނެ - ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ގަހަކުން އަނބެއް ބިނދެލާހެން ވައްޓާ ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ "މިވެރިކަން ވައްޓައެއް ނުލެވޭނެ." ކަމަށާއި ނަމަވެސް ރައީސް ޞާލިހް އިސްތިއުފާ ދެއްވައިފިނަމަ ދެން ކުރައްވާނެ ކަމެއް ނެތް ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ދެއްވި ގޮތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަމިއްލައަށް އިސްތިއުފާ ދެއްވައިފިނަމަ ދެން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ." ގާސިމް ވިދާޅުވިއެވެ.
މިރޭ ވެސް ރައީސް ޞާލިހަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް ޞާލިހް ވަނީ "އަނިޔާ ލިބުނު މީހުން އެކަންކަމުން މިންޖުކޮށްދެއްވާފައި" ކަމަށެވެ. ގާސިމް ވިދާޅުވީ ކަންކަން ކުރެވޭނީ ކެތްތެރިވެގެން ކަމަށާއި ކެތްތެރިކަމާއި އެކު ރައީސް ޞާލިހް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ފަސް އަހަރުގެ ދައުރެއް ޤާނޫނު އަސާސީ އާއި ހިލާފު ނުވާނަމަ ރައީސް އަށް ދެއްވަން އެބަޖެހޭ. ބަދަލު ދޭ ވާހަކަ ދައްކާއިރު އަނިޔާވެރިކަމާއި އެކު ކަންތައްތައް ކޮށްފައި ހުރުމުން ބަދަލު ދޭން ޖެހޭ. ރައީސް ވިދާޅުވި ގޮތައް ކަންތައްތައް ކުރައްވަމުން އެބަގެންދަވާ. މިއަދު އެއޮތީ ޑިމޮކްރަސީ ނެޓްވޯކް ވެސް ދުއްވާލާފައި." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ އަކީ އަމިއްލަ މަންފާއެއް ހޯދުމަށް ކަންތައްތައް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އަމިއްލަ ޖީބުން އެތައް ބަޔަކަށް މަތީތައުލީމް ހާސިލް ކޮށްދެއްވާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި މެދުވެރިއަކަށް ވެޑައިގެންފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަމިއްލަ ފައިދާއަށް ކަންތައްތައް ކުރާނަމަ މިކަމަކާއި ނުބެހޭނަން. އެތިކޮޅުކޮޅު ޖަހާލައިގެން ހިހޫތަނުން ފެން ބޮއެގެން ހުންނާނީ. މިގާސިމްގެ އެހީގައި 7000 މީހުންނަށް ޑިގްރީއަށް ކިޔަވައި ދީފައި ވާނެ. ކިތައް ލައްކަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްތޯ އަޅުގަނޑު މެދުވެރިއަކަށްވީ. އެއީ މާތްﷲ ހަވާލުކުރެއްވި އަމާނާތެއް. އެހީއެއް ވެދީފައި އޮތީތީ އޭގެ ބަދަލުގައި އަޅުގަނޑަށް ވޯޓް ދޭށޭ އެއްވެސް މީހަކު ކައިރީގައި ބުނެފައެއް ނޯންނާނެ. ނަމަވެސް އެހެން ބޭފުޅުންނަށް ވެރިކަން ހޯއްދަވައި ދެއްވަން މީހުން ކައިރީ އާދޭސްކޮށްފައި ވާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރު އެމްޑީޕީ އަށް ރައްޔިތުން ދެފަހަރު ވެރިކަން ދީފި ކަމަށާއި އެހެންކަމުން އެއްފަހަރު ޖޭޕީ އަށް ވެސް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ