އެންމެން މަސައްކަތް ކޮށްގެން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ތިރިކުރަން މަޖުބޫރުވެއްޖެ: ރައީސް މައުމޫނު

އެންމެން މަސައްކަތް ކޮށްގެން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ތިރިކުރަން މަޖުބޫރުވެއްޖެ ކަމަށް ކުރީގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ ވަނީ 1200 އަށްވުރެ މައްޗަށް އަރާފައެވެ. ރައީސް މައުމޫން ވިދާޅުވީ މީ ވަރަށް ބޮޑަށް ކަންބޮޑުވާ އަދަދެއް ކަމަށެވެ. އަދި އެންމެން މަސައްކަތް ކޮށްގެން އަދަދު ތިރިކުރަން މަޖުބޫރު ވެއްޖެ ކަމަށް ވިދާޅުވެ މައުމޫނު ވަނީ ރައީސް އޮފީހާއި އެޗްޕީއޭ ޓެގް ކުރައްވާފައެވެ.
މިދުވަސްކޮޅު ކޮވިޑް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެޗްޕީއޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުން 575 މީހަކާއި، އަތޮޅުތެރެއިން 408 މީހަކާއި ރިސޯޓްތަކުން 155 މީހަކާއި ލިވަބޯޑުން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 5975 އެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށި ކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ