ހަމަލާ ދިނީ ފައިސާ ހުށަހަޅައިގެން ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، ގައި މަޖީދީ މަގުގައި ބޮން ގޮއްވާލީ ފަންޑުކޮށްގެންކަން ބެލެވެން ނެތް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާ ދިނުމުގެ މުގާބިލާއެއްގެ ގޮތުން އެއްވެސް ފަރާތަކުން ފައިސާ ހުށަހެޅި ކަމުގެ ހެއްކެއް އަދި ލިބިފައި ނެތް ނަމަވެސް އަދި މިހާތަނަށް ތަހްގީގުގައި އެއްގޮތައް ނިންމާފައި ނުވާކަމަށެވެ.ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލް ގަންނަން 18،000ރ. އާއި ބޮން ގޮއްވުމަށްޓަކައި ބައެއް ކަންކަން ކުރުމަށް ގަރާޖަކުން އެ ސައިކަލް މަރާމާތު ކުރުމަށާއި ހަމަލާ ރޭވުމުގެ ކަންކަމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެ ތަނަށް ހަރަދު ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ފައިސާއާ ގުޅުން ހުރި ކަންކަން އަދިވެސް ބަލަމުން ގެންދާނެ ކަމަށެވެ."މިހާތަނަށް ބެލިބެލުން މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށްނެތް. އެހެންނަމަވެސް މިހަމަލާގެ މޯޓިވްއަކީ ނަފްރަތާ އަދާވާތްތެރިކަމާ ދީނީ ފިކުރުގެ ތަފާތުގައި އޮތް ރުޅިވެރިކަމުގައި އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އެމީހުން އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދީފަހުރި ކަމުގެ ހަރުދަނާ ސަބަބުތަކެއް ފެންނަން އޮތް ކަމަށް ފާހަގަކުރެވޭ."ހަމަލާގެ މޯޓިވްގެ ގޮތުގައި ފާހަގަވެފައި ރިޔާޒް ވިދާޅުވި ގޮތުގައި ވަނީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާކަމަށް ނިންމައިގެން ކަމަށެވެ. މިރޭގެ ނޫސްވެރިންގެ ބަންދުލުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެ މައްސަލާގައި ހައްޔަރުގައި ތިބި މީހުންގެ ވަނަވަރާއި އެ މީހުންގެ ދައުރު ހާމަ ކުރައްވައިފަ އެވެ.ރައީސް ނަޝީދަށް ދިން ހަމަލާ ރާވާ ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނަކީ ރައީސް މުހައްމަދު ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅާ ރައީސް ނަޝީދުގެ ލެޔަކީ ހުއްދަ ލެޔެއް ކަމަށް ގަބޫލް ކުރާ ބަޔެއްކަމަށް ފުލުހުން ހާމަކުރެއެވެ. އެގޮތުން ރައީސް ނަޝީދު ސިޔާސީ ގޮތުން ދައްކަމުން އަންނަ ވާހަކަޔާއި، އެމަނިކުފާނުގެ ހަރަކާތްތަކަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ އަމަލުތަކެއް ކަަމަށާއި ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މަރާލަން ޖެހޭ މީހެއްކަމަށް ހަމަލާދިން މީހުން ގަބޫލް ކުރާކަން ތަހުގީގުން ހާމަވިކަމަށް ބުނެއެވެ.ހަމަމިޔާއެކު، ދިވެހިރާއްޖޭގައި އޮތް ދައުލަތަކީ ކުފުރު ފިކުރުގެ ދައުލަތެއް ކަމަށާއި ދައުލަތުގެ ނިޒާމް ގަބޫލުނުކުރުމުގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކަކީ އަދާކޮށްގެންވާނެ ވަޒީފާތަކެއް ނޫންކަމަށާއި އެ ވަޒީފާތަކުން ލިބޭ ފައިސާއަކީ ހަލާލް ފައިސާ ނޫންކަމަށް މި މީހުން ގާބޫލްކުރާކަމަށް ފުލުހުން ބުނެއެވެ. އަދި، ގައުމިއްޔަތާއި، އިދާރީ ނިޒާމް ގަބުލް ނުކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ ރައްޔިތެއްގެ ގޮތުން އަދާކުންރަން ޖޭހޭ ޒިންމާތަކާއި ތަބާވަން ޖެހޭ ގާނޫންތަކާއި ގަވާއިދުތަކަށް ތަބާނުވާ ބަޔެއްކަމަށް ފުލުހުން ވިދާޅުވިއެވެ.މީގެއިތުރުން، ރަސްމީ ތައުލީމް ނިޒާމަ ގަބޫލް ނުކުރާއިރު މި މީހުންނަކީ ދީނީ އިލްމުވެރިންގެ ފަތުވާއާއި ދެކޮޅު ހަދާ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިސްލާމީ ފިގުހު އެމީހުންގެ މެދުގައި އަމިއްލައަށް ޝަރަހަކޮށް އެމީހުންގެ ވިސްނުމާއި ގަބުލް ކުރުންތަކާއި އެއްގޮތަށް ތަރުޖަމާކޮށް މީހުންަށް ވިސްނައިދީ އުންގަންނައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ބަޔެއްކަމަށް މިރޭގެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ފާހަގަކުރެއްވިއެވެ.މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ.ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަން އެވެ. އޭގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ރޭޒާ ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ