ދީނާ ބެހޭ މާއްދާއަށް މަޖިލިހުން ބަދަލު ނުގެނެވޭނެ އިސްލާހް ބަލައިގެންފި

ގާނޫނު އަސާސީގައި އިސްލާމް ދީނުގެ ވާހަކަ ބަޔާންކޮށްފައިވާ މާއްދާއަށް އެއްވެސް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކުން ކަމަށް ބުނާ ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލްގައި ބުނެފައިވަނީ މަޖިލީހުން ފާސްކުރިޔަސް، އާންމު ޚިޔާލު ހޯދުމުގެ ވޯޓަކުން ފާސްވެގެން ނޫން ގޮތަކަށް ތަސްދީގުނުކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 10 ވަނަ މާއްދާ ހެދުމަށެވެ.
އެހެންވެ އާންމު ހިޔާލު ހޯދުމުގެ ވޯޓު ނަގަންޖެހޭނެ ކަންކަމުގެ ގޮތުގައި ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާ ހިމެނުމަށް އާމިރު ވަނީ ހުށަހަޅުއްވައިފަ އެވެ
މިހާރު 262 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުން އެކަނި ފާސްކޮށްގެން ތަސްދީގު ނުކުރެވޭނެ މާއްދާތަކަކީ އަސާސީ ހައްގުތަކާ ގުޅޭ މާއްދާތަކާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ 79 ވަނަ މާއްދާ އާއި ރިޔާސީ ދައުރު ބަޔާންކުރާ 107 ވަނަ މާއްދާ އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ 108 ވަނަ މައްދާ އެވެ.
އެ މާއްދާތަކަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގުކުރަން ޖެހޭނީ އާންމު ހިޔާލު ހޯދުމުގެ ވޯޓަކުން އެ މާއްދާތައް ބަދަލުކުރަން ފެނިއްޖެ ނަމަ އެ
މިއިސްލާހާއި ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ މިއިސްލާހާއި ގުޅިގެން ރާއްޖެއަށް އެހެން ދީންތައް ތައާރަފުވެގެން އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ދީނާއި މެދު ރައްޔިތުންގެ ތެރެއިން ބަޔަކު ނިންމާ ގޮތަކުން އިސްލާމްދީން ނޫން އެހެން ދީންތަކަށް އުޅެން ބޭނުންވާ ބަޔަކު ތިބި ފާހަގަވެގެން ހިގައިދާނެ ކަމަށެވެ.
އަދި އެފަދަ ހާލަތެއް އަތުވެއްޖެނަމަ އެހެން ދީން ތައް ބޭނުންވާ މީހުންނަށް އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ބޭރުގެ ގައުމު ތަކުންނާއި ޖަމާއަތްތަކުން ރާއްޖެއަށް ފިއްތުއްތައް ކުރިމަތިކުރަމުންދާނެ ކަމަށްވެސް އިސްލާހާއި ދެކޮޅަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ.
މި އިސްލާހަށް ތާއީދުކުރެއްވި މެމްބަރުން ވިދާޅުވީ މި އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއްކަމަށާއި މި އިސްލާހް ދީނުގެ ހިމަޔާތުގައި ކޮންމެހެންވެސް ފާސްކުރަންޖެހޭކަމަށެވެ.
މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނު މި އިސްލާހް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 29 މެމްބަރަކު ވޯޓް ދެއްވައިގެންނެވެ. މި އިސްލާހާ ދެކޮޅަށް 13 މެމްބަރަކު ވަނީ ވޯޓް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ