މާއުނގޫދޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މުޒާހަރާކުރަނީ

ށ.މާއުނގޫދޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި އެރަށު އިންޖީނުގެ ކައިރީގައި ބަޔަކު މުޒާހަރާކުރަމުން އެބަދެ އެވެ.
މުޒާހަރާގައި ބައިވެރިވަމުންދާ މީހަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ އެރަށުގައި ހުންނަ ބޮޑު ދެ ޖެނަރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު ހަލާކުވެފައިވާތާ ދެތިން ދުވަސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރަށުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑެމުން ގޮސް އެކަމަށް ހައްލެއް އަދިވެސް ލިބިފައިނުވާ ކަމަށެވެ.
"މީގެ ދެތިން ދުވަސް ކުރިން ދެ ޖެނެރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު ހަލާކުވީ، އެއް ޖެނެރޭޓަރަކުން މިރަށު ހުރިހާ ގެއަކަށް ކަރަންޓެއް ނުދެވޭ، އެހެން އިންޖީނު ގެއިން އެކި ގަޑި ތަކުގައި މިހާރު ދަނީ ކަރަންޓު ކަނޑަމުން، އެއްވެސް ހައްލެއް ނުލިބޭ، އަޅުގަނޑުގެ ވާހަކައަކީ މިކަމަށް ހައްލެއް އޮންނަން ޖެހޭނެ އޭ." އޭނާ ބުންޏެވެ.
އޭނާ ބުނީ ފަހަކަށް އައިސް އިންޖީނު ގެއިން ރަށް ފަސް ސަރަހައްދަކަށް ބަހާލައިގެން އެކި ގަޑިތަކުގައި އެ ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑަމުންދާ ކަމަށެވެ.
"ފަސް ސަރަހައްދަށް ބަހާލައިގެން ކަރަންޓު ކަނޑަމުން ދަނީ، ތިރީސް މިނެޓުން ތިރީސް މިނެޓުން ސަރަހައްދަކަށް، މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ރައްޔިތުންނަށް ދަނީ ލިބެމުން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކުރިން އެންގުމެއް ނެތި ކަރަންޓު ކެނޑެމުންދާތީ މިހާރުވެސް ފަސް ވަރަކަށް ޓީވީ ހަލާކުވެ ތިން ވަރަކަށް ކޮމްޕިއުޓަރު ވެސް ހަލާކުވެފައިވާ ކަމަށެވެ.
އަދި ކައުންސިލުން ވެސް ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން ނުދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އާބާދީގައި 1000 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ މި ރަށުގައި މުޒާހަރާކުރަމުންދާއިރު އިންޖީނުގޭ ސަރަހައްދުގައި 150 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.
"ރައީސް ވަހީދު ވެސް މި ރަށަށް ވަޑައިގެން ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ގެންނާނެ ކަމަށް، ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ޖަނަރޭޓަރު ގެނެސް ކަރަންޓުގެ މައްސަލައެއް ނެތް ހައްލު ހޯދަދީފައެއް، މި ރަށަކީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރުޕީގެ ރައްޔިތުން ތިބި ރަށެއް." އޭނާ އިތުރަށް ބުންޏެވެ.
އޭނާ ބުނީ މިއީ ސިޔާސީ ފިކުރު އެއްކިބާ ކުރުމަށްފަހު ކުރަމުންދާ މުޒާހަރާއެއް ކަމަށާއި މުޒާހަރާގައި ހުރިހާ ޕާޓީއެއްގެ މީހުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ