އިދާރީ ދާއިރާތައް ބަހައި ނިމުނު ފަހުން، ދާއިރާއަށް މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރުމަށް ދަރުބާރުގެއަށް މިއަދު ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވަރަށް ގިނަ "ސީރިއަސް" މައްސަލަތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އިދާރީ ދާއިރާތައް ބަހާލިއިރުގައި އެ ދާއިރާގެ ވޯޓާސް ލިސްޓުގައި ނެތް ބައެއް މީހުން މިހާރު އެ ދާއިރާތަކުގެ ގެތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ކުއްލިއަކަށް އެދާއިރާއަށް މިހާރުވެސް 18 ވަރަކަށް މީހުން އިތުރުވެފައިވާކަން ފާހަގަކުރެއްވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމަކީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
"ސީދާ މި ވޯޓަށް ރަށެއްގައި ތިބި ބަޔަކު ގެނެސް އަޅުނގަޑު ދާއިރާގެ ގެއެއްގައި ރަޖިސްޓްރީ ޖައްސާފައި އެގޭގެ ނަމުގައި އައިޑީކާޑު ހައްދާފައި. އަދި އެމީހުން މާލޭގެ ރަޖިސްޓްރީގައި ޖެހިފައި ވަނީ އިދާރީ ދާއިރާތައް ބެހިފަހުން،" ގަލޮޅު ދެކުނަށް ވާދަކުރައްވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ލިސްޓުތަކަށް މީހުން އިތުރުވުމަކީ އެ ދާއިރާގެ ނަތީޖާ ބަދަލުކުރުމަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށާއި އެ މައްސަލަ މަޖިލީހާއި އިލެކްޝަން ކޮމިޝަނާއެކު ބޭއްވި ބައްދަލުވުންތަކުގައި މީގެ ކުރިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
ނަމަވެސް އިންތިހާބުގައި އެންމެހާ ކަންތައް ސުލްހަވެރިކަމާއި އެކުގައި ދަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ނުލެވި އޮންނާކަށް ބޭނުން ނުވާ ކަމަށާއި އެގޮތުން މިއަދު އެ ދާއިރާގެ ލިސްޓުގައި ސޮއިކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް މަހްލޫފް ފާހަގަ ކުރެއްވި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ އިދާރީ ދާއިރާތައް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ބަހާލާފައިވާ ފަހުން އެ ކޮމިޝަނުން މީހުންގެ ރަޖިސްޓްރީ ބަދަލުކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް އިދާރީ ދާއިރާތައް ބެހުމަށްފަހު، ދާއިރާއެއްގެ މީހެއް އެހެން ދާއިރާއެއްގައި ރަޖިސްޓްރީ ކުރިނަމަ، އިލެކްޝަން ކޮމިޝަނަށް ލިސްޓް ފޯރުކޮށްދޭ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ފަހުން ރަށްވެހި ވި ދާއިރާއެއްގެ ވޯޓާސް ލިސްޓުގައި ހިމަނާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުގެ ދާއިރާގެ ލިސްޓަށް މީހުން ވަނީ އިތުރުވެފައި: މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ