ޝަރުއީ 60 ދާއިރާ ކަނޑައަޅަނީ

އިންތިހާބީ ދާއިރާއެކޭ އެއްގޮތަށް ޝަރުއީ 60 ދާއިރާ ކަނޑައަޅާ ގޮތަށް ޝަރުއީ ކޯޓްތަކާ ބެހޭ ގާނޫނު އެކުލަވާލައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގެ "ފަންސަވީސް"ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ބަންޑާރަ ނާއިބު ވިދާޅުވީ ރަށްރަށުގައި 200 ކޯޓް ހުރިއިރު މައްސަލަތައް ހުށަހަޅަނީ 40 ނުވަތަ 60 ކޯޓަށް ކަމަށެވެ. އަދި ކޯޓުތަކަށް އަހަރެއްގެ ތެރޭގައި 10 ވަރަކަށް މައްސަލަ ވެސް ހުށަނާޅާއިރު އެ މައްސަލަތަކުގެ ތެރޭގައި ގިނައީ ކައިވެންޏާއި ވަރީގެ މައްސަލަތައް ކަން ވެސް ބަންޑާރަ ނާއިބު ފާހަގަ ކުރެއްވި އެވެ.
ސުއޫދު ވިދާޅުވީ ޝަރުއީ 60 ދާއިރާ ކަނޑައަޅާއިރު އެ ދާއިރާ އެކި ރަށްތަކަކަށް ބަހައިގެން އެންމެ މެޖިސްޓްރޭޓަކު ހުރެގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
"މިސާލަކަށް ބަލަމާ ހިންގަވާ ސ. ހިތަދޫން ފެށިގެން ސ. ފޭދޫއާ ދޭތެރޭގައި އެއީ އެއް ޖުޑީޝަލް ޑިސްޓްރިކްޓް ނުވަތަ ޝަރުއީ ދާއިރާ ކަމަށް ކަނޑައެޅިދާނެ. އެހެން ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެތަނުގައި އެއް ކޯޓު ބަހައްޓައިގެން އެ ދާއިރާއަށް ގިނަ އަދަދެއްގެ މެޖިސްޓްރޭޓުން އައްޔަންކޮށްގެން އަޅުގަނޑުމެންނަށް ޝަރީއަތް ކުރުމަކީ ހަރަދު ކުޑަވެފައި މެނޭޖް ކުރުމަށް ފަސޭހަ ވާނެ ގޮތެއް. އެގޮތުން ފ. އަތޮޅު، ވ. އަތޮޅު ކަހަލަ އަތޮޅުތައް މި ދެންނެވިހެން ހުށަހަޅާ މައްސަލަތަކުގެ އަދަދު 10 ށް ވުރެ މަދު ކޯޓުތައް ހުންނަ ދާއިރާތައް. މިސާލަކަށް ވ. އަތޮޅު އެއީ އެއް ޖުޑީޝަލް ޑިސްޓްރިކްޓް ކަމަށް ބަލައިގެން މެޖިސްޓްރޭޓުން މުޅި އެ ދާއިރާއަށް ކަނޑައެޅިދާނެ. ކޮންމެ ރަށެއްގައި ބޭފުޅަކު ހުންނެވުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އެކަން އިންތިޒާމް ހަމަޖެއްސިދާނެ،" ސުއޫދު ވިދާޅުވި އެވެ.
ބަންޑާރަ ނާއިބު ވިދާޅުވީ ޖުޑީޝަލް ޑިސްޓްރިކްޓްތައް ގާއިމް ކުރުމުން މަސައްކަތެއް ނެތި ތިބޭ މެޖިސްޓްރޭޓުން، މައްސަލަތައް ހުންނަ ސަރަހައްދުތަކަށް ބަދަލުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. ސުއޫދު ވިދާޅުވީ ޝަރުއީ 60 ދާއިރާ ގާނޫނަކުން ކަނޑައެޅި ނަމަވެސް އެއްވެސް ރަށެއްގައި ޝަރުއީ ހިދުމަތް ނުލިބި ނުދާނެ ކަމަށެވެ.
"މިސާލަކަށް އެއްވެސް ރަށެއްގައި ކައިވެންޏާއި ވަރީގެ މައްސަލަތަކާއި އަދިވެސް އެހެން ދިމާވާ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ލިބޭ ގޮތަކަށް އެ ވަސީލަތްތައް އެ ރަށެއްގައި ގާއިމް ކުރެވިފައި ހުންނާނެ. އޭރުން މެޖިސްޓްރޭޓަކު ނެތަސް ޖުޑީޝަލް އޮފިސަރަކު ނަމަވެސް އެކަމަށް ޒިންމާވެ ވަޑައިގަންނަވާނެ ބޭފުޅަކު ހުންނަވާނެ. ހުންނަވާ ކަމަށް ވަންޏާ މައްސަލަތައް ބަލައިގެން މެޖިސްޓްރޭޓަކު ވަޑައިގަންނަވަން ވާއިރަށް ކުރައްވަން ޖެހޭ ކަންތައްތައް ކުރައްވާފައި ބެހެއްޓެވިދާނެ. މިސާލަކަށް މީހުން ހާޒިރު ކުރުމާއި ޗިޓް ފޮނުވުމާއި ކައިވެންޏާއި ވަރީގެ ކަންތައްތައް އިންތިޒާމް ކުރެވިދާނެ،" ބަންޑާރަ ނާއިބު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ޝަރުއީ ކޯޓްތަކާ ބެހޭ ގާނޫނު މި މަސް ނިމުމުގެ ކުރިން އެކުލަވާލައި ނިންމަވާނެ ކަމަށެވެ. އެ ގާނޫނުގައި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވެސް ކަނޑައަޅާފައިވާނެ ކަމަށް ބަންޑާރަ ނާއިބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ