ރައީސް ނަޝީދަކީ ފަހަރެއްގައި ވެސް ސުލްހަ ބޭނުންވާ ބޭފުޅެއް ނޫން: ޔާމީން

ރައީސް މުހައްމަދު ނަޝީދަކީ ފަހަރެއްގައި ވެސް ސުލްހަ އަށް އިސްކަން ދެއްވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވާނީ މަސްލަހަތު ގެއްލޭ ކޮންމެވެސް ކަމެއް ކުރައްވަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަތާ އަށް ދުވަސް ފަހުން މި މަހު 23 ގައި ދޫކުރި ޔާމީން މިނިވަންވުމަށް ފަހު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އެއްވުމުގައި ރޭ ވިދާޅުވީ ރައީސް ނަޝީދަށް އެންމެ ބޮޑަށް ބޭނުންފުޅުވާނީ ހަމަނުޖެހުމުގެ ވެއްޓެއް ކަމަށެވެ.
"ރައީސް ނަޝީދަށް ހަމަ ނޭވާ ވެސް ނުލެއްވޭނެ ހަމަޖެހުމުގެ ޖައްވަކަށް. ރައީސް ނަޝީދު އަބަދުވެސް ބޭނުންފުޅުވާނީ މަސްލަހަތު ގެއްލޭ ކޮންމެވެސް ކަންތައްތަކެއް،" އިދިކޮޅު އިއްތިހާދުން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް ނަޝީދު ދައުލަތާ ބެހޭ ގޮތުން މިހާރު ކުރައްވާ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ބިނާކުރަނިވި މަސައްކަތެއް ނޫން ކަމަށެވެ. ހަފުތާގެ ކޮންމެ ދުވަހެއްގެ 24 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ސިޔާސީ ލީޑަރުންނާ ދޭތެރޭ ގެންގުޅުއްވާނެ ހިޔާލުފުޅަކާ މެދު ވިސްނެވުން ކަމަށެވެ. އަދި ރައީސް ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ބިރު ދައްކައިގެން އެ ބޭފުޅުންގެ ފިކުރު ރައީސް ނަޝީދާ އެއްގޮތަށް ލަންބަން ކުރާ މަސައްކަތް އެކަނި ކަމަށެވެ.
ޔާމީން ވިދާޅުވީ މާދަމާ ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރާ އިރު ރާއްޖޭގެ އިގްތިސާދު އޮތީ ފުނޑުފުނޑުވެފައި ކަމަށެވެ. އަދި ދިވެހިން މިނިވަން ދުވަހަށް ކުރިމަތިލަމުން އަންނަ އިރު އާންމު ރައްޔިތުންގެ ޒާތީ މިނިވަންކަމަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ މިސާލު ޖެއްސެވީ ލީކްކުރި ފޯނުކޯލްތަކަށެވެ. އެ ކޯލްތަކުގެ ތެރޭގައި ޔާމީންގެ ދެ ކޯލެއް ވެސް ހިމެނެ އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިއާސީ ނިޒާމު ފުރިހަމަކުރަން ނުވަތަ ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ އިރު، ބަރުލަމާނީ ނިޒާމަކުން އިންތިހާބެއް ބާއްވައިފި ނަމަ، މަޖިލީހުގެ ގޮނޑިއަކަށް ރައީސް ނަޝީދު ހޮވިވަޑައިގަތުމާ މެދު ވެސް ޝައްކު ކަމަށެވެ.
މިހާރު ކުރިމަތިވެގެން އުޅޭ ނުތަނަވަސްކަމަކީ ކެބިނެޓް އެކުގައި އިސްތިއުފާ ދެއްވި ދުވަހު އެއްކޮޅަށް ދުއްވާ މަގަކުން ރައީސް ނަޝީދު އިދިކޮޅަށް ވަދެވަޑައިގެން އަބެއްހެން ޖެހި ތާށިވީމާ އެކަމުން ސަލާމަތް ނުވެގެން ކުޅެން ފެށި ޗަރުކޭހެއްގެ ނަތީޖާ ކަމަށެވެ. އަދި އާރަށުގައި އޭނާ ބަހައްޓާފައި ހުރީ ހައްޔަރުކޮށްފައި ނޫން ކަމަށް ސިފައިން ބުނަމުން ދަނިކޮށް، ރައީސް ނަޝީދު އެކަމަށް އިންކާރުކުރައްވައި ޔާމީން ހައްޔަރުކޮށްފައި ހުންނެވި ކަމަށް އިއުތިރާފްވެ ވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
"ސިފައިންގެ އެންމެ އިސް ވެރިޔަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ކުރެއްވި ކުށަށް އަމިއްލަ އަށް އިއުތިރާފްވީ ދިވެހި ހުރިހާ ރައްޔިތުންގެ ކުރިމަތީގައި. ސިފައިން ބުނަމުން މިހާތަނަށް ދިޔައީ ޔާމީން ހުރީ ހައްޔަރުކޮށްފައެއް ނޫނޭ. އެހެން ނަމަވެސް ރައީސް ނަޝީދު ތިމަންނަ އަކީ ކޮމާންޑާ އިން ޗީފޭ އެހެންވީމާ ތިމަން މަނިކުފާނު މި ވިދާޅުވަނިއްޔޭ، ޔާމީން އެ ހުރީ ހައްޔަރުކޮށްފައޭ. ޔާމީން ހުންނާނީ ހައްޔަރުގައޭ. ޔާމީން ހުންނާނީ އެކަހެރިކޮށްނޭ. އަދި ފަހަރުގައި ޔާމީންގެ މަގުބަރާ އަކީ ވެސް ޔާމީން އުޅޭ ރަށުން މާލޭން ބޭރުގައި ޔާމީންގެ މަގުބަރާ ފެނިގެން ދިއުމަކީ ދިވެހި ރައްޔިތުން އިންތިޒާރުކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު އިންޒާރުކުރައްވާ އެކަމަށް އެމަނިކުފާނު ވިދާޅުވި."
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އެ އިންޒާރާ މެދު މާ ލުއިކޮށް ނުނަންގަވާނެ ކަމަށެވެ. އަދި ދިވެހިންގެ މިހާރުގެ ހާލަތަށް ބަލާއިރު، ދިވެހިންގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނެވީ 40 އަހަރު ފަހަތުގައި ހުންނެވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މަދަނީ މީހުން ހައްޔަރުކޮށް ގެއްލުންތަކެއް ލިބުނު ކަމުގައި ވިޔަސް، ރާއްޖޭގެ ޝަރުއީ ހަމަތަކާއި ޝަރުއީ ކޯޓުތަކުގެ ގަވާއިދުތައް އެކަށައެޅިފައި ހުރި ގޮތުން އެކަށީގެންވާ މަދަނީ ބަދަލެއް ވެސް ލިބޭކަށް ނެތެވެ.
"ގާނޫނުގެ ބޭރުން، އަސާސީގެ ބޭރުން، ޗާޓުގެ ބޭރުން މި ކުރައްވާ ކަންތައްތަކުގައި މިނިވަން ޖައްވެއްގައި ނޭވާލައްވާ ރައީސް ނަޝީދު މި ކުރައްވާ މަސައްކަތްޕުޅުގައި ކޮންމެވެސް ހިސާބަކުން ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން އެބަ ޖެހޭ އެކަން ހުއްޓުމަކަށް ގެންނަން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުން މިހާރު ވެސް އަމަލުކުރަމުން ގެންދަނީ ކުރިން އޮތް ގާނޫނު އަސާސީއާ އެއްގޮތަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި ނަމަ އެކަމެއް އެންގެވި ގޮތަށް ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރިން ވެސް މި ރާއްޖޭގައި ފަނޑިޔާރުންނަކީ ވަރަށް ބާރުގަދަ އަދި އިހްތިރާމް ލިބިގެންވާ ބައެއް ކަމަށެވެ. ނަމަވެސް މިއަދު ބަޔަކު ނުކުމެ ފަނޑިޔާރުންގެ އަގު ވައްޓާލަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިވަނީ އަޅުގަނޑުމެން ފަނޑިޔާރުންނަށް، ޖުޑިޝަރީ އަށް މިވަރުގެ ވަރުގަދަ މިނިވަންކަމަކާއި އިސްތިގުލާލަކާ އެ ބޭފުޅުންނަށް އެރުވީމާ މިވާ ގޮތަކީ މަގުމައްޗަށް ލުޓޭރުންތަކެއް ނުކުމެ އެ ބޭފުޅުންނަށް ފުރައްސާރަކުރަނީ... މި ކުރާ ކަމެއްގައި ފަނޑިޔާރުން އެ ތިބެނީ އިންޓިމިޑޭޓްކޮށް ]ބިރުދައްކައި[ ފުރައްސާރަކޮށް އެ މީހުންނަށް ގެއިން ވެސް ނުނުކުމެވޭ ހިސާބުގައޭ. މިއީ ދިވެހި ރާއްޖޭގެ ތަހުޒީބު މިހާރު އައިސްފައި އޮތް ހިސާބު،" ޔާމީން ވިދާޅުވި އެވެ
އޭނާ ވިދާޅުވީ ގައުމުގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ގޮސްފައި އޮތް އިރު ބޭރުގެ ސަފީރުން ގެނެސްގެން މިނިވަންދުވަހުގެ އިހުތިފާލް ކުރަން ލަދުގަންނަންވާނެ ކަމަށެވެ. އަދި ދައުލަތުގެ ވަލިއްޔުލް އަމްރަކަށް ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ވެއަތުވެ ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި ދުނިޔެ އަށް ދެއްކެވުނީ ކޮން އެއްޗެއްތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އަޅުގަނޑު މި ވަގުތު ދޫކޮށްލީ، ޖުލައި 26ގެ ބަންދު މި އަންނަނީ. ހުރިހާ ސަފީރުން މި ތަނަށް ވަޑައިގަންނަވަން ޖެހޭ. ސަފީރުންގެ ކުރިފުޅުމަތީ އެމަނިކުފާނު ދައްކަވާނެ މޫނެއް ނޯންނާނެ. އެހެންވީމާ އަޅުގަނޑު ދޫކޮށްލީ، އަޅުގަނޑު ވިސްނަނީ ކުރިއަށް ނަގަން އޮތް ރާޅާ ދޭތެރޭގައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ހުރި ރައީސަކަށް ވުރެ މީޑިއާ ބާރުގަދަކަން މިހާރު ގަބޫލުކުރަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ސިޔާސީ ފިކުރާއި ރައްޔިތުންނަށް ހެވާއި ނުބައި ވިސްނައިދިނުމުގައި މީޑިއާ އަކީ ބާރުގަދަ ވަސީލަތްތަކެއް ކަމަށް ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އާންމު ރައްޔިތުންނަށް ކާންބޯންދިނުމުގެ އިތުރުން ސަރުކާރުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ގާނޫނީ ވެށި ފުރިހަމަކޮށްދިނުން ކަމަށެވެ. ނަމަވެސް އެ ކަމަށްޓަކައި ހަދަން ޖެހޭ ގިނަ ގާނޫނުތައް އަދިވެސް ސަރުކާރުން މަޖިލީހަށް ފޮނުވާފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުން މަޖިލީހަށް ފޮނުވި ގާނޫނުތަކަކީ ސަރުކާރުން ކުރަން ބޭނުންވި ކަންތައް ކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގާނޫނު އަސާސީގައި ވަކި މުއްދަތެއްގައި ބާއްވަން ބުނެފައިވާ ބައެއް އިންތިހާބުތަކާ ބެހޭ ގާނޫނުތައް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ