ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް އިފްތިތާހުކޮށްފި

ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް އިފްތިތާހުކޮށްފި އެވެ.
ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލް އަގުވާމީ ޖަމިއްޔާއަކާ ގުޅިގެން އުފައްދައިފައިވާ "ޓްރާންސްޕޭރަންސީ މޯލްޑިވްސް" އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި ވިޔަފާރީގެ ދާއިރާ އާއި ސިވިސް ސޮސައިޓީ ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ ޕެނަލެއް މެދުވެރިކޮށް، ސަރުކާރުގެ ދާއިރާގައި ކޮރަޕްޝަން ނައްތާލުމަށާއި ސިޔާސަތުތައް ހާމަކޮށް، ޖަވާބުދާރީވުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައިވެރިން ވާހަކަ ދެއްކެވި އެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓް ދާއިރާގައި ކޮރަޕްޝަނުގެ ނަތީޖާ އާއި ހާމަކަން ބޮޑު ސިޔާސަތުތަކާއި އަމަލުތަކަށް މަގުފަހިކޮށް ޖަވާބުދާރީވުން ހަރުދަނާކުރުމުގެ މައްޗަށް ވެސް ބައިވެރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އޭގެ އިތުރުން ކޮރަޕްޝަން ނައްތާލުމަށް ބަންގްލަދޭޝްގެ ސިވިލް ސޮސައިޓީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ޓްރާންސްޕޭރަންސީ ބަންގްލަދޭޝްގެ އެގްޒެކްޓިވް ޑިރެކްޓަރު ޑރ. އިފްތިކާރު ޒަމާނާއި ކޮރަޕްޝަނާ ދެކޮޅަށް ސްރީލަންކާގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ސްރީލަންކާގެ ލޯޔަރު އަދި ސިވިލް ރައިޓްސް އެކްޓިވިސްޓް އެސް.އެޗް. މުހަންމަދު ވާހަކަ ދެއްކެވި އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އަކީ އާއްމު ދިރިއުޅުމުން ކޮރަޕްޝަން ނައްތާލުމަށް އިސްނެގުމާއި އެކަމަށް ހޭލުންތެރިކަން އުފެއްދުމަށާއި ހެޔޮގޮތުގައި ވެރިކަން ހިންގުމަށް މަގުފަހުކުރުމަށް މަސައްކަތްކުރާ، ސިޔާސީ މަގުސަދެއް ނެތް އެހެން ދާއިރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް މ. ގުޑްނަސް، މުހަންމަދު އިނާޒާއި ސ. މީދޫ، ޝަބްނަމްވިލާ، ޝަބާބު ރަޝީދު އުފައްދައިފައިވާ ޖަމިއްޔާއެކެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލާ ގުޅިފައިވާ 90 އެތައް ގައުމީ ޖަމިއްޔާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރަމުންދެ އެވެ.
ކޮރަޕްޝަނުގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ މުޖުތަމައުއަށް ގެއްލުންވާތީ، ގައުމުން ކޮރަޕްޝަން ނައްތާލުމަށް ފަރުދީ ފެންވަރެއްގައި ބަހާއި އަމަލުން ދިރިއުޅުމުގެ ކޮންމެ މުއާމަލާތެއްގައި މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ބައްދަލުވުމުގެ ބައިވެރިން ވަނީ "ކޮރަޕްޝަން ނައްތާލުމަށް އަހަރެންގެ އަޒުމް"ގެ ނަމުގައި އެއްބަސްވުމުއްގައި ސޮއިކޮށްފަ އެވެ.
ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރާ އެ ޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ