އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ދަންނަވާފައިވާނޭ ކަމަށް ޑީއާރުޕީން ވަކިކުކުރުމަށް އެޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫނާ ބައްދަލުކުރެއްވުމަށް އުމަރުގެ ފެކްޝަން މެލޭޝިއާ އަށް ކުރެއްވި ދަތުރަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ވެސް އަދި އޭނާގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވެސް ވާދަ ނުކުރައްވާނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ އަދިވެސް އެންމެ ބޮޑު ތާއިދެއް އޮތް ފަރުދަކީ މައުމޫނު ކަމަށާއި ރިޔާސީ އިންތިހާބުގައި މައުމޫނު ވާދަކުރައްވައިފި ނަމަ އިންތިހާބު 70 ޕަސެންޓުން ކާމިޔާބު ކުރެއްވޭނެ ކަމުގެ "ސައްތައިން ސައްތަ ޔަގީންކަން" އެބަ އޮތް ކަމަށެވެ.
"ރައީސް ނަޝީދު ހީފުޅުނުކުރައްވާތި 2013 ގައި އަޅުގަނޑުމެން އާދައިގެ ކާޑެއް ޖަހާނެ ކަމަކަށް. އަޅުގަނޑުމެން ޖަހާނީ ހަމަ ކާލާ މަންނަ،" ކަމަށާއި "އެލްބޯޑް ޖަހައިގެން" ޑީއާރުޕީން ބޭފުޅަކު ނުކުންނެވުމަށް ބޭނުންފުޅު ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާގެ ފެކްޝަނުން ބޭނުންވަނީ 2013 ވަނަ އަހަރުގެ އިންތިހާބުގައި މައުމޫނު ވާދަކުރެއްވުން ކަމަށާއި އެއީ އެ އެ ޕާޓީގެ މެމްބަރުންގެ ވެސް އެދުން ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ 2013 ގައި މައުމޫން ނިކުންނަވާ، ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރުން. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތަކީ. އެކަން އެގޮތަށް ކޮށްދެއްވުމަށް ރައީސް މައުމޫނަށް ދަންނަވާފައި ވާނީ،" މިދިޔަ ރިޔާސީ އިންތިހާބުގައި އައިޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިރު މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އުމަރު ވިދާޅުވި އެވެ.
އުމަރުގެ އިތުރުން އޭނާގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިހްލާހް އަހްމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މައުމޫނު ނުކުންނެވުމަށް އެބޭފުޅުން އެދިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
ނަމަވެސް މިހާރު ސިޔާސީ މަސްރަހް އޮތް ގޮތުން އެންމެ ފުރުސަތު ބޮޑީ މައުމޫނަށް ކަމަށް ގަބޫލްކުރައްވާ ކަމަށް އިހްލާމް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ހަރުމުދާ ވިއްކަމުންދާއިރު، ދީން ފުނޑުފުޑުވެގެންދާއިރު [އަޅުގަނޑު] ހިތަށް އަރާ އެމަނިކުފާނު ބައްލަވަން ހުންނަވާނެ ބާއޭ. އެމަނިކުފާނުގެ ދެކެ ގިނަ ބަޔަކު ލޯބިވާއިރު، އެމަނިކުފާނުގެ ޒިންމާއެއް އެކަމުގެ ދިފާއުގައި މަސައްކަތްކުރުމަށް ސިޔާސީ މަސްރަހަށް ނުކުމެވަޑައިގެންނެވުން،" އިހްލާމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓަކަށް މިހާރުގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ވެއްޖެ ނަމަ ރައީސް ނަޝީދު ވަރަށް ބޮޑަށް އުފާފުޅުވާނެ ކަމަށާއި އަދި ތަސްމީނާ ވާދަކުރައްވައިފިނަ ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ތަސްމީނުގެ ލީޑަޝިޕް ފެއިލްވެފައިވާ ކަމަށް އުމަރާއި އިލްހާމާއި މަހްލޫފްގެ އިތުރުން މިއަދުގެ ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ވެސް ވިދާޅުވި އެވެ. އަދި އެބޭފުޅުން ވިދާޅުވީ މިހާރު ޕާޓީތެރޭގައި ޖެހިފައިވާ މައްސަލަ ހައްލުވާނީ ކޮންގްރެސްއަކަށް ގޮސްގެން ކަމަށާއި ނަމަވެސް ލޯކަލް އިންތިހާބު ކުރިއަށް އޮތުމުން އިތުރު މައްސަލަތަކެއް އުފައްދަން މީޑިއާގައި އިތުރަށް ވާހަކަތައް ދެއްކެވުމަށް އަދި ބޭނުންނުވާ ކަމަށެވެ.
އުމަރު ވިދާޅުވީ މައުމޫން މިމަހު 31 ގައި މާލެ ވަޑައިގަންނަވާނެ ކަމަށާއި ކައުންސިލް އިންތިހާބުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުން ފެށުމަށްޓަކައި ޖެނުއަރީ 7 ގައި މާލޭގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މައުމޫނުގެ އަރިހުގައި ކެމްޕޭނުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރުގެ ފެކްޝަންގެ މެމްބަރުން ވިދާޅުވީ ޕާޓީގެ ލީޑަރުކަން ތަސްމީނަށް ދެއްވީ މައުމޫނު ކަމަށް ވިޔަސް ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ތަސްމީނަށް ތާއިދުކުރައްވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
އިލްހާމް ވިދާޅުވީ މައުމޫނު އަލުން ތަސްމީނަށް ތާއިދު ނުކުރައްވާނެ ކަމަށް ގަބޫލްކުރެއްވޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުމަށް ޑީއާރުޕީ ވަނީ ފެއިލްވެފައި،" އިލްހާމް ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަން ޖެހުނު ކަންކަން ވަކި ހިސާބަކުން ހުއްޓާލަން ޖެހުނު ކަމަށާއި ޕީއޭއާ އެކު ހަދާފައިވާ ކޯލިޝަނަށް އިހްތިރާމް ނުކުރާ ކަމަށާއި ކޯލިޝަނާއެކު ބައްދަލުވެއް ނުބާއްވާ ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި ކައުންސިލް ބައްދަލުވުމެއް ނުބާއްވާތާ 80 ދުވަސް ވެއްޖެ ކަމަށާއި މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓަކީ މައުމޫން ކަމަށް ހެދުމަށް އުމަރުގެ ފެކްޝަންގެ އިސް ބޭފުޅުން ވިދާޅުވި ކަމުގައި ވިޔަސް ތަސްމީނަށް ތާއީދު ކުރައްވާ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެފައިވަނީ މައުމޫން ނުކުމެވަޑައިގެންފިނަމަ އެމަނިކުފާނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
މައުމޫން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އަޅުގަނޑުމެން ދެންނެވިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ