އެންމެ ފަހުން އުމަރު ޑީއާރުޕީން ވަކިކޮށްފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެންމެ ފަހުން އެ ޕާޓީން އިއްޔެ ވަކިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ހުސައިން ޒާހިދު ވިދާޅުވީ ޑީއާރުޕީން ހުށަހެޅުމުން އުމަރުގެ ނަން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރުން ވަކިކޮށްފައިވާ ކަމަށާއި އެކަން ޑީއާރުޕީ އަށް މިއަދު އަންގާނެ ކަމަށެވެ.
ޒާހިދު ވިދާޅުވީ ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމަށް ފަހު އިލެކްޝަންސްގެ ދަފުތަރުން އެ ނަމެއް ވަކިކުރުމަށް ހުށަހެޅުމުން އެކަން ނުކޮށް އިލެކްޝަނަށް ނުހިފެހެއްޓޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރާ ކަމަކީ ޕާޓީން ފޮނުވާ ނަންތައް އަޅުގަނޑުމެންގެ ދަފުތަރުގައި ހިމެނުމާއި އުނިކުރުން. ޕާޓީއަކުން މެމްބަރަކު ވަކިކުރުމަށް ފަހު، ހުށަހެޅުމުން އަޅުގަނޑުމެންނަށް ޖެހޭނީ އަޅުގަނޑުމެންގެ ދަފުތަރުން ވެސް އެ ނަމެއް އުނިކުރަން،" ޒާހިދު ވިދާޅުވި އެވެ.
ޑީއާރުޕީން ވަކިކުރުމުން އުމަރު ވަނީ އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އުމަރު ވިދާޅުވީ މުޒާހަރާއެއް ބާއްވަން ރާވައިގެން ޕާޓީން ވަކިނުކުރެވޭނެ ކަމަށާއި އެއީ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ އެ މައްސަލަ ވަރަށް އަވަހަށް މަދަނީ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުވާކުރާނީ ކޮން ބަޔަކާ މެދު ކަމެއް އޭނާ ވިދާޅުނުވެ އެވެ.
"ދައުވާކުރާނެ ފަރާތްތައް ކަނޑައަޅާނީ ގާނޫނީ ވަކީލުންގެ ޓީމުން. އަޅުގަނޑު ޕާޓީން އެ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް. އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުން ޑެޕިއުޓީ ލީޑަރަކު މަގާމުން ވަކިކުރެވޭނީ ކޮންގްރެސްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެން. އެހެންވީމާ މި މައްސަލަ ކޯޓަށް ހުށަހަޅާނަން،" އަމިއްލަ އަށް އުފެއްދެވި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އިން މިހާރުގެ ސިޔާސީ މައިދާނަށް ނުކުންނެވުމަށް ފަހު ޑީއާރުޕީ އަށް ބަދަލުވެވަޑައިގެންނެވި އުމަރު ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހަސަން ރަޝީދު އިއްޔެ ވިދާޅުވީ އުމަރު އެ ޕާޓީން ވަކިކުރުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ނިންމުން އުމަރު އިސްތިއުނާފު ނުކުރެއްވުމުން ޕާޓީގެ މެމްބަރުކަމުން އޭނާ ވަކިވާނެ ކަމަށެވެ.
ޑީއާރުޕީން އުމަރު ވަކިކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރާ ދެކޮޅަށް ބާއްވަން އުޅުނު މުޒާހަރާއެއް ނުބޭއްވުމަށް އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވުމުން ވެސް އެ މުޒާހަރާ ބޭއްވުމަށް އޭނާ މަސައްކަތްކުރެއްވުމުންނެވެ.
ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމިޓީން އުމަރު ވަކިކުރަން ނިންމަށް ފަހު ޑީއާރުޕީން ނެރެނު ބަޔާނެއްގައި ބުނެފައި ވަނީ އުމަރު ޕާޓީން ވަކިކުރަން ނިންމި ސަބަބަކީ އަމަލާއި ބަހުން ޕާޓީ ބައިބައި ކުރުމަށް އޭނާ މަސައްކަތް ކުރެއްވުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި ޕާޓީގެ ލީޑަޝިޕަށް ގޮންޖައްސަވާތީ ކަމަށެވެ.
އުމަރު ވަކިކުރަން ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށާއި އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ބާތިލު ނިންމުމެއް ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރުގެ މައްސަލައާ ގުޅިގެން ޕާޓީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވެ އެވެ.
އުމަރު ޑީއާރުޕީން ވަކިކުރަން ނިންމީ ޑިސެމްބަރު 2 ގަ އެވެ. ޑިސިޕްލިނަރީ ކޮމެޓީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ތައީދުކުރީ އުމަރު ވަކިކުރާށެވެ. އުމަރު ވަކިކުރުމަށް ވޯޓު ނުދެއްވީ މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އެކަންޏެވެ. އަނެއް ހަތަރު ބޭފުޅުން ކަމަށްވާ ކޮމެޓީގެ ރައީސް އަބްދުއްލަތީފާއި ނާއިބު ޝާހު އިސްމާއީލާއި އަހުމަދު ނިޔާޒް އަދި އަހުމަދު ޝަރީފު (އީގަލް ޝަރީފު) ވޯޓު ދެއްވީ އުމަރު ޑީއާރުޕީން ވަކިކުރެއްވުމަށެވެ.
މިދިޔަ އަހަރު، އުމަރު ޑީއާރުޕީއާ ގުޅިވަޑައިގެންނެވީ އޭނާ އުފެއްދެވި އައިޑީޕީގެ ރައީސް ކަމުގައި ހުންނެވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ޑީއާރުޕީގެ ކޮންގްރެސްގައި ޑެޕިއުޓީ ލީޑަރަކަށް ހޮވިވަޑައިގެންނެވި އުމަރު ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕްރައިމަރީއަކުން ކަމަށް ވަކާލާތު ވެސް ކުރައްވައިފަ އެވެ. އަދި ފާޅުގައި ތަސްމީނަށް އަންނަނީ ފާޑުވިދާޅުވަމުންނެވެ.
އުމަރުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ ތަސްމީނުގެ ލީޑަޝިޕް ފެއިލްވެފައިވާ ކަމަށެވެ. އަދި 2013 ވަނަ އަހަރު ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ނެރުއްވަން ވެސް އެ ބޭފުޅުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ