ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އާންމު ސިއްރު ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ފުރުސަތު ނުދެއްވާ، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން ޖަލްސާގެ ވަގުތުތައް ބޭކާރު ކުރެއްވުމަށް ކުރައްވާ މަސައްކަތަކީ މަދަނީ ބަސް ނޭހުމެއް ކަމަށް ފޮރިން މިނިސްޓަރު އަދި ޑީއާރުޕީގެ ކައުސިލް މެމްބަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ އޮފީހުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ޝަހީދު ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ ވަގުތު ގެއްލުވާލުމާއި ރިޔާސަތުގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކަމުން ދަނީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ކަމަށް ގަބޫލްކުރެއްވޭ ކަމަށެވެ. އަދި އާންމު ސިއްރު ވޯޓުގެ ކަންތައް ކުރިއަށް ގެންދިއުން ލަސް ކުރުމަށް ކަމަށެވެ.
މަޖިލީހުގައި އަގުލަބިއްޔަތު އޮތީ ޑީއާރުޕީ އަށް ކަމަށް ވިޔަސް، މިހާރު މަޖިލީހުގައި ކުރިއަށް ގެންދާ މައްސަލައިގައި ޑީއާރުޕީ އަށް ނިސްބަތްވާ ގިނަ މެމްބަރުން ހަނު ހިމޭނުން ތިއްބަވަނީ ރިޔާސަތުގެ ނިންމެވުމަށް ތާއިދު ނުކުރައްވާތީ ނޫން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
"ރިޔާސަތުން ނިންމަވާފައިވާ ގޮތްތަކަށް އަޅުގަނޑުމެން އިހްތިރާމް ކުރަން،"ޑރ. ޝަހީދު ވިދާޅުވި އެވެ. "މަޖިލީސް ވަކި ގޮތަކަށް ގެންދިއުމަށް ޑީއާރުޕީން ބޭނުމެއް ނުވޭ،"
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު )އަންނި( މިއަދު ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވާ ހާއްސަ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވުމަށް މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.
"މެމްބަރުން ހުށަހަޅުއްވާ ހުށަހެޅުން ތަކަށާއި މެމްބަރުންނަށްގެ ޝުއޫރަށް ރިޔާސަތުން އިހްތިރާމް ނުކުރައްވަންޏާ މެމްބަރުން އެކަމާ ދެކޮޅު ހައްދަވާނެ. އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގާނޫނޫ އަސާސިއެއް ހެދުމަށް. އެކަމަށްޓަކައި ދިމާވާ ހުރިހާ ހުރަހެއް ގިރާކުރާނަން،" އަންނި ވިދާޅުވި އެވެ.
ދާދި ފަހުން ޑީއާރުޕީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ހިޔަނި މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ސ. މެމްބަރު އިބްރާހީމް ޝަރީފު އެ ނޫސް ކޮންފަރެންސްގައި ވިދާޅުވީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ނިޒާމީ ނުކުތާ ނަގަމުން ދަނީ ގާނޫނުގައި އޮތް އެއްޗެއް އޮޅިވަޑައިގެންނެއް ނޫން ކަމަށާއި އެއީ ސިޔާސީ ގޯލް ޖެއްސަވައިގެން ސްކޯ މަތިކުރެއްވުމަށް ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތް މަގުޗާޓުގައިވާ ތާރީހަށް ނިންމެވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެމްޑީޕީ އާއި ޑީއާރުޕީއާ ދެމެދު ކުރެވޭ މަޝްވަރާތަކުން އެކަން ކާމިޔާބު ވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
ހާއްސަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މިހާރު ދަތިވެފައި ވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ނަގާ އާންމު ސިއްރު ވޯޓު ކުރިއަށް ގެންދިއުމަށް ހޮއްވެވި ހާއްސަ މަޖިލީހުގެ 11 މެމްބަރުންގެ ކޮމިޓީން ހުށަހެޅުއްވި ލިޔުމުގައިވާ ބައެއް ކަންތައްތަކާމެދު ހިޔާލު ތަފާތުވެފައިވުމާއި އެ ލިޔުން ފާސްކުރެއްވުމަށް ބައެއް މެމްބަރުން ހުށަހެޅުއްވި ހުށަހެޅުންތައް ބަލައިނުގެންފައިވާތީ އެވެ. އެގޮތުން އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ގާނޫނު އަސާސީގެ 132 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ ދަށުން އެ ވޯޓަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެގެން ނަގާ ވޯޓެއް ކަމަށް ލިޔުއްވާފައި އޮތުމާއި 18 އަހަރުން މަތީގެ މީހުންނަށް އާންމު ސިއްރު ވޯޓުގައި ކުރުމަށް ހުށަހެޅުއްވި ހުށަހެޅުން ރިޔާސަތުން ބަލައި ނުގެންނެވުމުންނެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ހާއްސަ މަޖިލީހުގައި މިހާރު ކުރިއަށް ގެންދަނީ މަދަނީ ބަސްނޭހުމެއް: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ