ހަތިފުށީ ރައްޔިތުން ހަނިމާދުއަށް ބަދަލުވެ ނިމިއްޖެ

ހއ. ހަތިފުށީ ރައްޔިތުން ހދ. ހަނިމާދު އަށް އިއްޔެ ބަދަލުވެ ނިމިއްޖެ އެވެ.
ހަނިމާދޫ ބޮޑުކަތީބު މުހައްމަދު ގާސިމް މިއަދު ވިދާޅުވީ އިއްޔެ ހަނިމާދުއަށް ބަދަލުވީ ހަތިފުށީގައި އެންމެ ފަހުން ދިރިއުޅެމުންދިޔަ 27 އާއިލާގެ 138 މީހުން ކަމަށެވެ. ތިން ގަޑިއިރުގެ ދަތުރަކަށް ފަހު އިއްޔެ އިރުއޮއްސެމުން ދިޔަ ވަގުތު އެ މީހުން ހަނިމާދުއަށް ލެފުމުން މި ރަށުގެ ރައްޔިތުން ކިޔައިފައި ވަނީ ވަރަށް ވެސް ހޫނު މަރުހަބާއެކެވެ.
"އަޅުގަނޑުމެން ހަތިފުށީ ރައްޔިތުންނަށް މަރުހަބާ ކިޔަން. މި ވަގުތުން ފެށިގެން އެ މީހުންނަކީ ހަނިމާދޫގެ ރައްޔިތުން. އެ މީހުންނަކަށް އެއްވެސް ތަފާތެއް ނޯންނާނެ އަދި ދަތިވާނެ ކަމެއް ވެސް ނޯންނާނެ،" ހަނިމާދޫ ބޮޑުކަތީބު ވިދާޅުވި އެވެ.
ހަނިމާދޫގައި ހަތިފުށީ އާއިލާތައް ތިބުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން ކުއްޔަށް ހިފާފައި ހުރި 27 ގެއެއްގައި ކަމަށާއި މީގެ ތެރޭގައި ވަކި ކޮޓަރިތައް ވެސް ހިމެނޭ ކަމަށް ކަތީބު ވިދާޅުވި އެވެ. މި ގޭގެ އާއި
ކޮޓަރިތައް ކުއްޔަށް ހިފާފައި ވަނީ 1،000ރ. އިން 2،500ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށް ކަތީބު ވިދާޅުވި އެވެ.
ހަތިފުށިން އިއްޔެ ހަނިމާދުއަށް ހިޖުރަކުރި 138 މީހުންގެ ތެރޭގައި 32 ކިޔަވާ ކުދިން ހިމެނޭ ކަމަށާއި އެ ކުދިން މިހާރު ވަނީ ހަނިމާދޫ ސުކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ކަމަށް ހަނިމާދޫ ސުކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް އަބްދުއްލަތީފު ވިދާޅުވި އެވެ.
"ސުކޫލުގެ ހުރިހާ ބެލެނިވެރިން މިހާރު އެ ކުދިން ސުކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް ކޮށްނިންމައިފި. އެ ކުދިންނަށް ބޭނުންނާ ހަނިމާދޫ ސުކޫލުގެ ބެޖު ވެސް އެ ކުދިންނަށް މިހާރު ހަދިޔާކޮށްފި. އަދިވެސް ބޭނުންވާނެ އެހެނިހެން ހުރިހާ ކަމެއް މި ގެންދަނީ ފުރިހަމަކޮށްދެމުން. އެ ކުދިންނަށް ދަތިވާނެ އެއްވެސް ކަމެއް ނުބާއްވާނަން. އަދި ހުރިހާ ހަރަދެއް ކުރާނީ ސުކޫލާއި ބެލެނިވެރިން،" ލަތީފު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހަތިފުށީ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ހޯއްދަވައިދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން އެބަގެންދަވާ ކަމަށާއި ދާއިމީ ހިޔާވަހިކަން ލިބެންދެން ހަތިފުށީ ކޮންމެ ބޮލަކަށް މަހަކު 500ރ. ދެއްވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައި ކަމަށް ވެސް ކަތީބު ވިދާޅުވި އެވެ.
ހަތިފުށީ ރައްޔިތުން ހަނިމާދުއަށް އައުމުން ހަނިމަދޫގެ ބައެއް ޒުވާނުން ކަންބޮޑުވާ ކަމަށާއި އެންމެ ބޮޑު މައްސަލަ އަކީ ވަޒީފާތައް މަދުވެފައި މީހުން ގިނަވާތީ ކަމުގައި މި ރަށުގެ ބައެއް ޒުވާނުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން އެ މީހުންނަކާ ދެކޮޅެއް ނޫން. އެކަމަކު މި ރަށުގެ މިހާރު ތިބި ރައްޔިތުންނަށް ވަޒީފާ ނުލިބިދާނެތީ ވަރަށް ކަންބޮޑުވޭ،" ނަން ހާމަކުރަން ނޭދޭ މި ރަށުގެ މިއުޒިކު ގުރޫޕުގެ އިސް މީހަކު ބުންޏެވެ.
މި ރަށުގެ ގިނަ މީހުން މިހާރު ކަންބޮޑުވާ އަނެއް މައްސަލަ އަކީ ރަށުގެ ހުކުރު މިސްކިތް ކުޑަވުމެވެ. މި ރަށުގައި ދެ މިސްކިތް ހުރިއިރު ހުކުރުކުރަނީ މީގެ ތެރެއިން އެންމެ މިސްކިތެއްގަ އެވެ. މި ވަގުތު ހަނިމާދޫގައި ތިބި 1،400 މީހުންގެ ތެރޭގައި ތިބި ހުރިހާ ފިރިހެނުންނަށް އެއްފަހަރާ އެ މިސްކިތުގައި ނަމާދު ނުކުރެވޭ ކަމަށާއި އެ މިސްކިތުގެ ފެންޑާގެ ބޭނުން ވެސް އެކަށީގެންވާ ގޮތުގައި ނުކުރެވޭ ކަމަށް އެމީހުން ބުންޏެވެ. މީގެ ހައެއްކަ އަހަރު ކުރިން މި ރަށުގައި މިސްކިތެއްގެ ބިންގާ އަޅުއްވައިދެއްވައިފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް އެތަން ހުރީ ހަމަ ބިންގާ އެޅި ގޮތަށް ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.
މިކަމާ ބެހޭ ގޮތުން ހަނިމާދޫ އޮފީހުން ވެސް ވިދާޅުވަނީ މިސްކިތެއްގެ މައްސަލަ އަކީ މިވަގުތު ހަނިމާދުއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި މިކަން ހައްލުނުކުރެވޭހާ ހިނދަކު ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.
މިހާރު ހަނިމާދޫގެ އާބާދީއަކީ 1،400 ކަމަށާއި ހަތިފުށީ މީހުން އައުމުން މިއަދަދު 1،657 އަށް އަރައިފައިވާ ކަމަށް ހަނީމާދޫ އޮފީހުން ވަނީ ވިދާޅުވެފަ އެވެ.
އިއްޔެއާ ހަމަށް ހަތިފުށީގެ ރަޖިސްޓަރީގައިވާ މީހުންގެ އަދަދަކީ 257 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ