އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތައް އާއްމުންނަށް ވަރަށް ބޮޑަށް އޮޅުންއަރާ ގޮތަށް އިދިކޮޅު ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންގެންދާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދަރުބާރުގޭ "ފަންސަވީހުގައި" މިއަދު ބޭއްވި ނިިއުސް ކޮންފަރެންސެއްގައި އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސްތުވާތަކެތީގެ މައްސަލަތަކާ ދޭތެރޭ އަމަލުކުރަން ކަނޑައަޅައިފައިވާ ގޮތްތަކާއި އެއްފަސްކުރުމުގެ ސިޔާސަތު ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން އަދި ބައެއް ނޫސްވެރިން ވެސް ވާހަކަ ފަތުރަމުންގެންދާ ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި ޑީއާރުޕީގެ 35 ވަނަ އާއްމު ޖަލްސާގައި އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ އައިޑީޕީގެ ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާދެއްވައިފަ އެވެ.
"އަޅުގަނޑުމެންނަކީ ރައީސް މައުމޫނަށް އުސޫލެއްގެ ގޮތުން އެއްވެސް ހަމަލައެއް ދޭ ބައެއް ނޫން. ތިޔަ ބޭފުޅުން އަޑެއް ނުވެސް އައްސަވާނެ. އެކަމަކު އަޅުގަނޑުމެން ހަމަލާނުދެނީސް އެމަނިކުފާނު މި ވަނީ އިސްވެ ވަރަށް ދިގުކޮށް އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އަދި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުންއަރާ ގޮތަށް އެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައި،" އުމަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރިޔާސީ ސުވާލާއި ޖަވާބުގައި ވެސް އެ ޕާޓީގެ އެއްފަސްކުރުމުގެ ސިޔާސަތު އޮޅޭގޮތަށް ޑީއާރުޕީގެ ޒައީމާއި ސޯޝަލް ލިބަރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް (އިބްރާ) ވަނީ ވާހަކަ ދައްކަވައިފަ އެވެ. އުމަރު ވިދާޅުވީ އެ ޕާޓީގެ އެއްފަސްކުރުމުގެ ސިޔާސަތު އޮތީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްފަސްކުރާ ގޮތަކަށް ނޫން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ސިޔާސަތު އޮތީ ބޭނުންކުރާ އެންމެންނަށް މަރުގެ އަދަބު ދޭގޮތަކަށް ވެސް ނޫން ކަމަށެވެ. އެހެން ނަމަވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ 700 އަށް ވުރެ އާބާދީ މަދު 100 ރަށް ހަތަރު ސިޓީ އަކަށް އެއްފަސްކުރުން. އެ ސިޔާސަތާއި (ބައެއް ފަރާތްތަކުން ފަތުރާ ގޮތަށް) މުޅި ރާއްޖެ އެއްކޮށް ހަތަރު ސިޓީ އަކަށް އެއްފަސްކުރުން އެއީ ވަރަށް ތަފާތު ދެ ކަމެއް،" އުމަރު ވިދާޅުވި އެވެ.
އެ ޕާޓީގެ ނައިބު ރައީސް މުހަންމަދު ހަސަން މަނިކު ވިދާޅުވި ގޮތުގައި އައިޑީޕީގެ ވެރިކަމެއްގައި ފުރަތަމަ ފަސް އަހަރު އެއްފަސްކުރާނީ 400 އަށް ވުރެ ދަށް އާބާދީ ހިމެނޭ 45 ރަށެވެ. އަދި 100 ރަށް ހަތަރު ސިޓީއަކަށް އެއްފަސްކުރާނީ އެ ޕާޓީ އަށް އިތުރު ދައުރެއް ލިބިއްޖިއްޔާ ކަމަށް ވެސް އެ ޕާޓީން ވިދާޅުވި އެވެ.
"ބަޔަކު ރަށުން ނުފައިބާން ތިއްބައި އަތުގައި ހިފައިގެން ގަދަކަމުން ބާލައިގެން ގެންދިއުމަކީ އަޅުގަނޑުމެންގެ ސިޔާސަތު ތެރޭގައި ހިމެނޭ ކަމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
"ޑީއާރުޕީގެ ޒައީމް ދާދި ފަހުން ވިދާޅުވީ އެއްފަސްކުރީމަ ހުންނާނީ ހަތަރު މިސްކިތޭ. އަޅުގަނޑު އެމަނިކުފާނަށް ދަންނަވާނީ މިސްކިތް ހުންނަންވާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާވަރަށޭ. އެ ރަށެއްގެ ލޯކަލް ގަވަމެންޓެއްގައި އޮންނާނެ ފައިސާ އާއި ބާރާއި އިހްތިޔާރު. އެ މަނިކުފާނު ހަތަރު މިސްކިތޭ ވިދާޅުވަނީ އެމަނިކުފާނި ސަރުކާރު ހިންގަވާ ނިޒާމް އެމަނިކުފާނުގެ ބޮލުގައި ހުންނާތީ،" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އުމަރު ވިދާޅުވީ މާލޭގައި ހުރި "ސިޔާސީ ޕޮއިންޓްތަކަށް" ޒިޔާރަތްކޮށް އެ ސަރަހައްދުތަކުގައި ތިބި މީހުންނާ ވާހަކަ ދައްކައި ހިޔާލުބަދަލުކުރާ ގޮތަށް ހަމަޖައްސައި މި ރެއިން ފެށިގެން އެ ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށެވެ.
"މާލޭގެ އެކިއެކި ޕޮއިންޓްތަކަށް ޖަމާވާނެ އެކި ކަހަލަ ސިޔާސީ ހިޔާލުތައް ހުންނަ މީހުން. އެ ތަންތަނުގައި ސިޔާސީ އަނގަތެޅުން އޮންނާނެ. އެ ޕޮއިންޓްތަކަށް ސީދާ އަޅުގަނޑު ގޮސް އެ މީހުންނާ ވާހަކަ ދައްކާނަން. އަޅުގަނޑުމެންގެ ޕްރޮގްރާމް މިރޭ ފަށާނީ ހާބަރު ސަރަހައްދު ރުއް ޖެޓީ ކައިރީގައި،" އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ސިޔާސީ ވާހަކަތައް ދައްކާ ޕޮއިންޓްތަކުގައި ތިބޭ މީހުން ބޭނުންވާނެ އެ ގަޑިއެއްގައި އެ މީހުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މި ފުރުސަތު ހުޅުވިފައި އޮތީ ކޮންމެ ބަޔަކަށް ވެސް. ކޮންމެ ބަޔަކު ވެސް އުމަރު ނަސީރު މިވެނި ޕޮއިންޓަކަށް އައިސްދީ ސިޔާސަތުތައް އޮޅުންފިލުވަން އެދެފިއްޔާ އަޅުގަނޑު އެ ޕޮއިންޓަކަށް ގޮސް (އައިޑީޕީގެ ސިޔާސަތުތައް) އޮޅުންފިލުވައިދޭނަން،" ނޫސް ކޮންފަރެންސްގައި އުމަރު ވިދާޅުވި އެވެ.
އައިޑީޕީގެ ނިއުސް ކޮންފަރެންސް: ޕާޓީގެ ސިޔާސަތުތައް ވަރަށް ބޮޑަށް އޮޅޭ ގޮތަށް އިދިކޮޅު ބައެއް ފަރާތްތަކުން ވާހަކަ ދައްކާ: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ