ވަން އެކްސްކްލޫސިވް: ފާޅު މިކުރަނީ އަމިއްލަ ހިޔާލު، ބައްޕަ މައުމޫނު ނުވަތަ ބޮޑުބޭބެ ޔާމީނާ ގުޅުވާކަށް ނުޖެހޭ: ދުންޔާ

ފާޅުކުރައްވަމުން ގެންދަވަނީ އަމިއްލަ މިނިވަން ހިޔާލު ކަމަށާއި އެ ދައްކަވާ ވާހަކަ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ނުވަތަ ބޮޑުބޭބޭފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ގުޅުވަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މައުމޫން މިހެން ވިދާޅުވީ "ވަން" އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގަ އެވެ.
ދުންޔާ މިހެން މި ވިދާޅުވީ، ކޮންމެ އާ ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމަށް ވަޑައިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުއްވައިގެން ކުރީގެ ރައީސުން ޖަލަށް ލުން ސިލްސިލާއެއްގެ ގޮތުގައި ކުރިޔަށްދާ ކަމަށާއި އެކަން ހުއްޓޭނީ ކޮން އިރަކުތޯ ސުވާލުކުރައްވައި އޭނާ ކުރެއްވި ޓުވީޓަކަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވާފައި ވާތީ އެކަމާ ގުޅިގެން ވަން އިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ދުންޔާ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ހިނގި ގޮތް އެހާ ގާތުން ފެނިވަޑައިގެންފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެ ޝަރީއަތާ ގުޅޭ ގޮތުން ކަންބޮޑުވާ ފަރާތްތަކުން ދައްކާ ވާހަކަތައް އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުވެސް ގަބޫލުކުރަން ކުށެއް ކޮށްފި ނަމަ، އެކުށެއްގެ ކުޑަބޮޑުމިނަށް ބަލައި އިންސާފުވެރި ޝަރީއަތެއް ހިންގަން ޖެހޭނެ. އަޅުގަނޑު ވަކި ރައީސް ޔާމީން ޑިފެންޑެއް ވެސް ނުކުރަން. އެކަމަކު އެޝަރީއަތާ ގުޅޭ ގޮތުން ވެސް ބައިވަރު ވާހަކަތައް އެބަ ދެކެވޭ." ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި އިރު، ރައީސް ނަޝީދުގެ މައްޗަށް އޭރު ޓެރަރިޒަމްގެ ދައުވާ އުފުލާ ގޮތަށް ނިންމައި، އެކަން ކުރަން އުޅުމުން، އެކަމާ ދެކޮޅަށް ވެސް ރައީސް ޔާމީން އަރިހުގައި ވާހަކަދެއްކެވި ކަމަށެވެ.
"އެ ދައުވާ އުފުލަން ނިންމީމަ ވެސް އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން. ރައީސް ޔާމީނަށް ވެސް އަޅުގަނޑު އެވާހަކަ ދެންނެވިން. އަދި ހަމަ އެހެންމެ އެގޮތަށް އެކަން ކުރެއްވީމަ ބައިނަލް އަގުވާމީ މުޖުތަމައު ގަބޫލު ނުކުރާނެ ވާހަކަވެސް ދެންނެވިން." ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް އެ ޝަރީއަތް ހިންގި އިރު ވެސް، އެކަމުގައި ހުރި ހެއްކާއި އެހެނިހެން ކަންކަމާ ގުޅިގެން ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި ހަމަ އެފަދައިން މި ސަރުކާރުގައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގި ގޮތާ މެދުވެސް އެތައް ބަޔަކު ސުވާލު އެބަ އުފައްދާ ކަމަށެވެ. ސިޔާސީ ގޮތުން ވަކި ކޮޅަކަށް އޮންނަ ފިކުރަކަށް ވާތީ، ވަކި އަތަކަށް ހުރި މީހަކަށް ވާތީ ވަކި އިންސާފެއް އޮތުމަކީ ގަބޫލު ކުރައްވާ ގޮތެއް ނޫން ކަމަށް ދުންޔާ ވިދާޅުވި އެވެ.
ކޮންމެ އާ ރައީސަކު ވަޑައިގެން ކުރީގެ ރައީސުން ޖަލަށްލާ ކަމަށް ވިދާޅުވެ، ދުންޔާ ކުރެއްވި ޓުވީޓަށް، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ދެއްވި ރައްދުގައި ވިދާޅުވީ، މީހުންނަށް އަނިޔާކުރުމާއި ދެކޮޅަށް ރައީސް މައުމޫނުގެ އާއިލާއިން ވާހަކަދެއްކުމުން އަޑުއައްސަވަން ފަސޭހަފުޅު ނޫން ކަމަށާއި، ރައީސް މައުމޫނުގެ ވެރިކަމުގައި، ދިވެހި ޖީލެއް އެކީ ނިމިދިޔައީ އަނިޔާވެރިކަމުގައި ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެމީހުން އެފަދަ ވާހަކަ ނުދައްކައި މަޑުން ތިބުން ކަމަށް ވެސް ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ. އަދި ހަމަ އެހެންމެ އެމަނިކުފާނުގެ ދަރީން ރޭރުވައި، ލޭކެއްކުވުން ހުއްޓާލުމަށް ވެސް ނަޝީދުގެ ޓުވީޓުގައި ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، އަދި ކުރީގެ ފޮރިން މިނިސްޓަރު، އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވެސް ވަނީ މިކަމާ ގުޅިގެން ދުންޔާއަށް ރައްދުދެއްވައިފަ އެވެ. ނަސީމްގެ ޓުވީޓުގައި ވަނީ، ދުންޔާގެ ވާހަކަތައް ހުއްޓަވައިލެއްވުމަށާއި އެކަމުގެ ސަބަބުން އެތައް ބަޔަކު ރުޅިއަރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ދުންޔާ ވަން އަށް ވިދާޅުވީ، އޭނާގެ އެއްވެސް ޓުވީޓެއްގައި އެއްވެސް އިރެއްގައި ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ ބޭފުޅަކާ ގުޅޭ ގޮތުން ލިޔުއްވާފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ