ގޮނޑީގެ މައްސަލައިގެ ލިޔުންތަކުގައި ސޮއިކުރަން ތިން މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން މިވަގުތު ފުލުހުންގެ ބަންދުގައި ތިއްބެވި ތިން މެންބަރުން މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފި އެވެ.
މީގެ ކުޑައިރުކޮޅެއް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އެވެ.
މިތިން ބޭފުޅުން މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކުރީ އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލާފައިވާތީ މައްސަލައިގެ ލިޔުންތަކުގައި ސޮއިކުރުމަށެވެ. ނަމަވެސް މިތިން ބޭފުޅުންގެ ގާތް ބައެއް ބޭފުޅުން ވިދާޅުވީ މިތިން ބޭފުޅުން މިއަދު ކޯޓަށް ހާޒިރުކުރާ ކަން އެނގުނީ ކޯޓަށް ހާޒިރުކުރި ފަހުން ކަމަށެވެ.
މިތިން ބޭފުޅުންގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މައްސަލައިގެ އަޑުއެހުން ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.
މެންބަރުން ސައުދުއާއި، ވަހީދުއާއި، އަމީތު އަދި ލަތީފްގެ އިތުރުން މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ޝިނާނާއި އިލްހާމްގެ ގޮނޑީގެ މައްސަލަ އެ ދެ ބޭފުޅުން އަދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެއް ނުވެ އެވެ،
ރައްޔިތުންގެ މަޖިލީހުގެ ހަަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މިމައްސަލަތަކުގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ