ޝައްވާލު މަހުގެ 6 ރޯދައިގެ މާތްކަން…

ހެޔޮކަންތަކުގެ މަތީގައި ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިން ނުހަނު ބޮޑަށް އެދެވިގެންވާ ކަމެކެވެ.
އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އާޚިރަތް ބާއްޖަވެރިކޮށް، އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ ހިއްތައް ސާފުކޮށްލާ މާތް މުހިއްމު އަޅުކަމެކެވެ. ހިތްތަކުގެ އެންމެހާ ބަލިތަކުން ޝިފާ ލިއްބައިދޭ ބޭހެކެވެ. އެހެންކަމުން ރަމަޟާން މަސް ލެއްވިގެންވަނީ ހިތްތަކަށް ލިބޭ ޠަހާރަތެއް ކަމުގައެވެ.
މިގޮތުން ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފުމަކީ ހެޔޮޢަމަލުގެ ތިލަފަތް ބަރުކޮށްލަން ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެކެވެ. ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.
ރަސޫލުﷲ صَلَّىاللَّهُعَلَيْهِوَسَلَّمَޙަދީޘުކުރެއްވިއެވެ. «مَنْصَامَرَمَضَانَثُمَّأَتْبَعَهُسِتاًّمِنْشَوَّالكَانَكَصِيَامِالدَّهْرِ» “رواهمسلموغيره”މިބަސްފުޅުގެ މާނައީ “ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.”الإمامالنوويرحمهاللهވިދާޅުވިއެވެ.
ޢިލްމުވެރިން ވިދާޅުވިއެވެ. މުޅި އަހަރުގެ ރޯދަ ހިފި ކަމުގައި ވަނީ، އެއީ ހަމަކަށަވަރުން ހެޔޮކަމެއް ވަނީ އޭގެ 10 ގުނަ ފަދައިންނެވެ. ފަހެ ރަމަޟާން މަހަކީ 10 މަސް ފަދައެވެ. 6 ދުވަހަކީ ދެމަސް ފަދައެވެ.”
އޭގެ މާނައަކީ؛ ކޮންމެ ހެޔޮކަމެއް އެއީ އޭގެ 10 ގުނަ ފަދައިން ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. އެގޮތުން މުޅި ރަމަޟާންމަހުގެ ރޯދަ ހިފުމުން އޭގެ 10 ގުނަ ސަވާބާއި ދަރުމަ ލިބިގެން ދެއެވެ. އެއީ 10 މަސް ދުވަހެވެ. 6 ރޯދަ ހިފުމުން އެއީ 60 ރޯދަ ހިފި ފަދައެވެ. އެއީ ދެމަސް ދުވަހެވެ.
އެހެން ކަމުން މުޅި އަހަރުގެ ރޯދަ ހިފުމާއި އެއްފަދަ ކަމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ އިރުޝާދު ދެއްވާފައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި މަތިވެރި ބޮޑު ދަރުމައިން އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާއި އެކުވެރިން މަޙްރޫމު ނުކުރައްވާށެވެ. އަމިއްލައަށް މި 6 ރޯދަ ހިއްޕަވާށެވެ. އަދި އެހެން މީހުންނަށް ވެސް މީގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްދެއްވާށެވެ.
ހަނދުމަ ކުރައްވާށެވެ. ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއި ދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލުކުރާ މީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. މިއީ ނަބަވީ ދޫފުޅުން އަޅުގަނޑުމެންނަށް ދެއްވާފައިވާ އުފާވެރި ޚަބަރެކެވެ.
އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.
ރަމަޟާންމަހު ގެއްލޭ ރޯދަތައް ހުއްޓާ ހަރޯދަ ހިފިދާނެތޯ؟
ޝައްވާލް މަހުގެ ހަރޯދަ ގުޅިފައިވަނީ ރަމަޟާންމަހުގެ ރޯދަތައް ފުރިހަމަ ކުރުމާއެވެ. މިކަމުގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘް ފުޅެވެ. ( مَنْصَامَرَمَضَانَثُمَّأَتْبَعَهُسِتًّامِنْشَوَّالٍكَانَكَصِيَامِالدَّهْرِ ) ،رواهمسلم (1164).
މާނައަކީ: “ރަމަޟާންމަހު ރޯދަ ހިފުމަށް ފަހު އެއާއި ގުޅުވައިގެން ޝައްވާލްމަހު ހަ ރޯދަ ހިފި މީހަކީ މުޅި އަހަރު ދުވަހު ރޯދަ ހިފި މީހެއް ފަދަ އެވެ”. މި ޙަދީޘްގައި މިވާ ” ثُمَّ” ދަލީލުކޮށްދެނީ ކަމެއް ތަރްތީބުން ގުޅުމަށެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ރަމަޟާން މަހުގެ ރޯދަ ހިފާ ނިންމަން ޖެހެއެވެ. އަދާ އަށްވިޔަސް އަދި ގަޟާ އަށް ވިޔަސްމެއެވެ. ޝައްވާލް މަހުގެ ހަރޯދަ ހިފުން އޮތީ އޭގެ ފަހުންނެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ބައެއް ރޯދަ ގެއްލިފައިވާ މީހަކަށް ބުނެވޭނީ ރަމަޟާން މަހުގެ ބައެއްގައި ރޯދަ ހިފި ކަމަށެވެ. މުޅި ރަމަޟާން މަހު ރޯދަ ހިފި ކަމަކަށް ނުބުނެވޭނެއެވެ.
އަނެއްކޮޅުން ރަމަޟާން މަހުގެ ރޯދައަކީ ފަރްޟު ރޯދައެކެވެ. ﷲ އަށް އަދާ ކުރަން ޖެހޭ ދަރަންޏެކެވެ. ވީމާ، ﷲ ގެ ޙައްގުގައި އަދާ ކުރަން ޖެހިފައިވާ ދަރަނި އަދާ ކުރުމަކީ ސުންނަތް ރޯދަ ހިފުމަށް ވުރެ މާ އައުލާކަން ބޮޑު ކަމެކެވެ.
ރަމަޟާން މަހުގައި ގެއްލިފައިވާ ރޯދަތަކެއް ޝައްވާލް މަހުގެ ތެރޭގައި ގަޟާ ކުރަން ޖެހުމުގެ ސަބަބުން ޝައްވާލް މަހުގެ ހަރޯދަ ނުހިފިއްޖެ މީހާ، މިސާލަކަށް، ރަމަޟާން މަހުގެ ނިފާސް ކަމުން ޠާހިރު ނުވެ ހުރުމުގެ ސަބަބުން މުޅި ޝައްވާލު މަސް ހޭދަ ކުރަން ޖެހުނީ ރަމަޟާން މަހުގެ ގެއްލިފައިވާ ރޯދަތައް ގަޟާ ކުރުމަށް ކަމަށް ވަނީ ނަމަ، ޛުލްގަޢިދާ މަހުގައި ހަރޯދަ ހިފުމުން ފުދޭނެއެވެ. ސަބަބަކީ އޭނާއަކީ ޢުޛުރުވެރިއަކަށް ވުމެވެ. ނަމަވެސް ޝައްވާލް މަސް ނިމުނު އިރުގައި ވެސް ޢުޛުރެއް ނެތި ފާއިތުވެފައިވާ ރޯދަތައް ގަޟާ ނުކުރާ މީހާ އަށް މިފުރުޞަތެއް ނެތެވެ. واللهأعلم ” ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް “
ޝައްވާލު މަހުގެ ހަރޯދަ ހިފާނީ މެދުކެނޑުމެއްނެތިތޯ؟
ޖަވާބު: “ޝައްވާލުމަހުގެ ރޯދަ ހިފުމުގައި މެދުކެނޑިގެން ހިފިކަމުގައި ވީނަމަވެސް، އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅުވާނެ! އަދި މެދު ނުކެނޑިހިފުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ފަހަރަށް ވެގެންދޭ. ބައެއްފަހަރު މެދުކެނޑެން ފަށައިފި ކަމަށް ވަނީ ނަމަ، ދެން މެދުކަނޑާލައިގެން ހުރެގެން ހަނދާންނެތި ފަސްވަމުން ގޮސް ޝައްވާލުމަސް ނިމޭއިރު ވެސް ނުކުރެވި އޮންނަނީ.
“ހަދީޘް ބަސްފުޅަށް ބަލާއިރުގައި ހަދީޘް ބަސްފުޅުގައި އޮންނަނީ ރަމަޟާން މަސް ނިމުމަށް ފަހު އެއާއި ވިއްދައިގެން ހަ ދުވަހު ރޯދަ ހިފަފިކަމުގައި ވަނީ ނަމަ އެފަދަ މާނައެއް ދޭހަވާ ގޮތަށް، ޢިލްމުވެރިން ވިދާޅުވަނީ، ރަމަޟާންމަސް ނިންމުމަށް ފަހު ވިދިގެން އަންނަ ޝައްވާލުމަހުގެ ފުރަތަމަ ހަ ދުވަހު ރޯދަހިފުމަށް ހަދީޘްގައި ވާރިދުވެގެން އައިސްފައި ނުވާކަމަށް!
ނަމަވެސް ރަމަޟާން މަސް ނިމުމަށްފަހު ދެން ވިދިގެން އޮންނަ މަހުގަ ކޮންމެސް ހަ ދުވަހު ރޯދަ ހިފައިފިކަމުގައި ވަނީ ނަމަ އެ ޘަވާބު ހާސިލްވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވަނީ،” ޖަވާބު ޝެއިޚް ޙުސައިން ޢަބްދުﷲ ސައީދު
ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ