މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި މިހާރު ފެނިގެންދާނެ: ގާސިމް

ރައްޔިތުންގެ މަޖިލީހުން ކުރާ ހުރިހާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ފެނިގެންދާ ގޮތަށް މަޖިލީހުގެ މަސައްކަތްތައް އިންތިޒާމު ކޮށްދެއްވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނިމިގެންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލި ފޮތް ނެރުމަށާއި އާ ވެބްސައިޓްގެ ފީޗަރސްތައް ދައްކާލުމަށް އަދި 19 ވަނަ ެރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޤާނޫނު އަސާސީގައި މަޖިލީހުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ބާރު އަޅާފައިވާއިރު އެކަން ފުރިހަމަ ވެގެންދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މުހިންމު ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމުގައެވެ. އެގޮތުން މެމްބަރުންނާއި މަޖިލީހުގެ މުވައްޒަފުން މަޖިލީހުގެ އިދާރާއަށް ވަންނައިރު ސްކްރީން ކުރާގޮތަށް ނިންމާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އާންމު ކޮމެޓީންވެސް ވަނީ އެކަން ނިންމަވައި ދެއްވާފައި. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އެކަމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ދަންނަވާފައި. އެކަންކަން ވަރަށް ފުރިހަމައަށް ކޮށްދެއްވާނެކަމުގެ އިޝާރާތް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. ހަމައެހެންމެ މިއިމާރާތަށް ކުރެވުނު މަރާމާތައި އަލަށް ބެހުއްޓުނު ކޮންފެރެންސް ސިސްޓަމާއި މުޅި ޓީވީ ސިސްޓަމާއި ކެމެރާ ކުރުމާއި މިހުރިހާ ނިޒާމެއް މިހާރު މިވަނީ ބަދަލުވެފައި" ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާއަށް މިގެނެވުނު ބޮޑެތި ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި އެހީތެރިކަމަށް ގާސިމް ވަނީ ރައީސްއަށް ތައުރީފްކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މިބަދަލުތައް ގެނައުމަށް މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުން ކުރި މަސައްކަތްތައް ފާހަގަ ކުރައްވާ އެބޭފުޅުން ނަށްވެސް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ