މުހުލަތެއްދީ ވަކީލުންގެ ޑިމާންޑްތައް ސުޕްރީމް ކޯޓަށް ހުށައަޅަނީ

ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވަކީލުން ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެކަމަށާ ވަކީލުންގެ ޑިމާންޓްތައް ސުޕްރީމް ކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަދައްކަވަމުން މޫސާ ސިރާޖު ވިދާޅުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަން ރަގަޅު ކޮށްދިނުމަށް އެދި ހުށައެޅި ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިނުގެން ނަމަވެސް ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެކަމަށެވެ.
ރާއްޖޭގެ މަޝްހޫރު 56 ވަކީލަކު ސޮއިކޮށް އަދުލުއިންސާފުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތެދުވީ ގޮންޖެހުންތައް ކުރިމަތިވެ، ވަކީލުކަމުގެ ހުއްދަވެސް ބާތިލްކޮށްފާނެކަން އެނގޭ ހާލުގައިކަމަށާ ނަމަވެސް މި މަސައްކަތުގައި ފަހަތަށް ނުޖެހޭނެކަމަށް މޫސާ ސިރާޖު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދުލުއިންސާފުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވަކީލުންތަކެއްގެ ހުއްދަ ބާތިލްކޮށްފިނަަ އެ ކުރެވެނީ ގޯސްކަމެއްކަމަށާ އެކަމާއި ދެކޮޅަށް ވަކީލުންގެ ހައްގުގައި ތެދުވާނެ ފަނޑިޔާރުން އެބަތިކަމަށެވެ.
ޝަރުއީ ނިޒާމުގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށާ ވަކީލުންގެ ޑިމާންޓް ސުޕްރީމް ކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ފާހަގަކުރައްވާ މޫސާ ސިރާޖު ވިދާޅުވީ އެކަމަށް ވަކި މުހުލަތެއް ދޭނެކަމަށާ އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރުގެ މައްސަލަ ހުށައަޅާނެކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ހެކިބަސްދޭނެ ފަނޑިޔާރުން އެބަތިކަމަށްވެސް މޫސާ ސިރާޖު ވިދާޅުވިއެވެ.
"ވަކީލުންގެ ހުއްދަވެސް ބާތިލްކުރެވިދާނެ. ނަމަވެސް ހަގީގަތް ބަދަލު ކުރެވޭނެތޯ. އެހެންވީމަ މިއީ ކޮންމެހެން ކުރަންޖެހޭކަމެއް. އަޅުގަނޑުމެން މިދަނީ ވަކީލުންގެ ޑިމާންޑްތައް ހުށައެޅުމަށް ތައްޔާރުވަމުން. އެ ޑިމާންޓްތައް ހުށައަޅާނީ މުހުލަތެއްވެސް ދިނުމަށްފަހު. އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ އަޅުގަނޑުމެން ވަކީލުން އުއްތަމަ ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށައަޅާނަން." ސިރާޖު ވިދާޅުވިއެވެ.
މޫސާ ސިރާޖު ވިދާޅުވީ ވަކީލުން މީގެ ކުރިން ހުށައަޅާފައިވާ ޕެޓިޝަންގައި ފާހަގަކޮށްފައިވާ 14 ނުކުތާގެ މައްޗަށް ރިޔާއަތްކޮށް އިސްލާހީ ފިޔަވަޅުތަކެއް މިހާރުން މިހާރަށްވެސް އަޅަންޖެހޭކަމަށެވެ.
މި ޕްރަގްރާމްގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު ޚަނީފާ ޚާލިދު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތެއްގެ ޝަކުވާ ކޯޓްތަކާއި، މުއައްސަސާތަކަށް ހުށައެޅުމުގެ ހައްގު އޮންނާނެކަމަށެވެ.
ނަމަވެސް ގިނަ ވަކީލުން ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް ހުށައެޅި ޕެޓިޝަން ބަަލައިގަތުމަށް އިދާރީ މުވައްޒިފުން ދެކޮޅު ހެދިކަމަށާ ދައުލަތުން މުސާރަ ނަގައިގެންތިބޭ މުވައްޒިފުންނަށް އެގޮތަށް އަމަލު ނުކުރެވޭނެކަމަށް ޚަނީފާ ވިދާޅުވިއެވެ.
ޚަނީފާ ވިދާޅުވީ ވަކީލުން އެދުވަހު ކޯޓަށް ވަޑައިގެންނެވީ ހަދިޔާ ޑަބިޔާތަކެއް ހިފައިން ނޫންކަމަށާ ކޮންމެ މުއައްސަސާއަކުންވެސް ރައްޔިތުންގެ ކަންބޮޑުވުން އަހަންޖެހޭނެކަމަށެވެ.
"ކޯޓްތަކުން އެކަންޏެއް ނޫން. ހުރިހާ މުއައްސަސާތަކަކުންވެސް ރައްޔިތެއްގެ ކަންބޮޑުވުން ހުށައަޅައިފިނަމަ އެެ ބަލައިގަންނަންޖެހޭނެ. އަޅުގަނޑުމެން އެދުވަހު ސުޕްރީމް ކޯޓަށް ދިޔައީވެސް ހަދިޔާ ޑަބިޔާތަކެއް ހިފައިގެންނެއް ނޫން. ކަންބޮޑުވުންތަކެއް ލިޔުމުން ހުށައަޅަން. އެހެންވީމަ އެ ބަލައިގަނެ ލިޔުމުން ޖަވާބުވެސް ދޭންޖެހޭނެ." ޚަނީފާ ވިދާޅުވިއެވެ.
ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަން ރަގަޅު ކޮށްދިނުމަށް އެދި 14 ކަމެއް ފާހަގަކޮށް 56 ވަކީލުން ހުށައެޅި ޕެޓިޝަންގައި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި، ސިއްރު ހެކިބަސް ނެގުމާއި، މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި، އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި، ޖޭއެސްސީ ހިންގުމުގައި ހަމައެއް ލަމައެއް ނެތުމާއި، ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް މަސްއޫލިއްޔަތު އަދާނުކުރެއްވުން ފަދަ ކަންކަން ވަނީ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ