އިންތިހާބު ފަސް ކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ނަގައިފި
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފިއެވެ. އެ ކޮމިޝަނުން ބުނީ އެ މައްސަލަ ނަގަން ނިންމީ، ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އިންތިހާބު ލަސްކުރުމަށް، ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ. މަޖިލީހުން ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ އިންތިހާބު ފަސް ކުރުމުގެ މައްސަލާގައި ދިމާވެފައިވާ ސިއްހީ ކުއްލި ހާލަތަށް ހާއްސަކޮށް ވަގުތީ ގާނޫނީ މާއްދާއެއް ނުވަތަ "ސަންސެޓް" ގާނޫނެއް ގެންނަން ތާއީދު ކުރައްވައިފަ އެވެ. އަދި އެ ފަދަ ގާނޫނެއް ގެނައުމަށް އީސީގެ ރައީސް އަހްމަދު ޝަރީފު ވެސް ތާއީދު ކުރެއްވި އެވެ.މިއަދުގެ ވަގުތެއްގައި އީސީން ބޭނުންވާ ކަންކަން ހިމެނޭ ގޮތަށް އެފަދަ ބިލެއް ޑްރާފްޓްކޮށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ވެސް އެ ކޮމިޝަނުން ރޭގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ނިންމި އެވެ. އަދި އެ ޑްރާފްޓާ ގުޅޭ ގޮތުން ދައުލަތުގެ ބަންޑާރަ ނައިބާ އެކު މަޝްވަރާކޮށް ގާނޫނެއް ބައްޓަން ކުރަން ވެސް ކޮމިޓީން ނިންމި އެވެ. އެކަމަކު އެއީ ވަގުތީ ގާނޫނެއްތޯ ނުވަތަ ދާއިމީކޮށް ބާއްވާނެ ގާނޫނެއްތޯ ގެންނާނީ ކޮމިޓީން ނުނިންމަ އެވެ.ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ