އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލައިގެ ތެރޭގައި ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެފަދަ ކަމެއް އެކުލެވޭތީ ކަމަށެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުގެ ކުރިން އެ ކޮމިޝަނުން ވަނީ އިންތިހާބު އަންނަ މަހުގެ 18ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. ކުރިން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާ އެ ކޮމިޝަނުން އިންތިހާބު ފަސް ކުރުމުގެ އަމުރަކަށް އެދި ހުށަހެޅީއެވެ.
އިންތިހާބު ފަސް ކުރަން ކޯޓަށް އީސީން ހުށަހެޅިއިރު ރާއްޖޭގައި ކޮވިޑް19 ފެތުރެމުން އަންނާތީ އިންތިހާބު ފަސް ކުރުމަށް ގިނަ އާއްމުން ދިޔައީ ގޮވާލަމުންނެވެ. މީގެއިތުރުން އެކަމުގައި އެންމެ ބޮޑަށް އަޑު އުފުލި ސިޔާސީ ޕާޓީއަކަށް ސަރުކާރު ކޯލިޝަން އެމްއާރްއެމް ވެގެން ދާނެއެވެ. އެގޮތުން އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ. އަދި މީގެއިތުރުން އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ